ދުވުމުގެ ބޮޑު އީދު، "ދިރާގު ރޯޑް ރޭސް" ސެޕްޓެމްބަރު 20 ގައި

ދިރާގުން މީގެ ކުރިން ބޭއްވި ރޯޑްރޭހެއްގެ ތެރެއިން

ދުވުމުގެ ބޮޑު އީދެއްގެ ގޮތުގައި ބަލާ، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަންނަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ބާއްވާނެކަން ދިރާގުން އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ހަމައެކަނި ދުވުމުގެ އިވެންޓް، ދިރާގު ރޯޑް ރޭސް މިއަހަރުވެސް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މިއަހަރުގެ ރޭހުގެ ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ އެކި ޖަމިއްޔާތައް ރޭހުގައި ރަޖިސްޓްރީ ވުމަށް ވަނީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

އެގޮތުން ގައިޑްލައިންގައިވާ ގޮތަށް، ރޭހުގައި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިރު ކުރާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ރޭހުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއަކު ވެސް ދުވަން ޖެހޭނީ ކޮންމެވެސް ޖަމްއިއްޔާއެއްގެ ނަމުގަ އެވެ. އަދި އެ މީހަކު ދުވާނެ ޖަމްއިއްޔާއެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދުވުންތެރިޔާއަށް ލިބޭނެ އެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެ އެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ފަސް ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ، އަންނަ ސެޕްޓެމްބަރު އެކެއްގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ، އަންނަ ސެޕްޓެމްބަރު އެކަކަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ދެހާސް ހަތް ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް މެދު ކެނޑުމެއްނެތި ބާއްވާ މިއީ 13 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އަދި ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓަށް ވަނީ ވެފަ އެވެ.

comment ކޮމެންޓް