ލުތުފީ އަލުން ޖަލަށް ލެވުމުގެ އުފަލުގައި އުމަރު ބާއްވާ ރެލީ ފަސްކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: -- ސަން ފައިލް ފޮޓޯ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް އަލުން މާލެ ގެނެސް ޖަލަށް ލާފައި ވާތީ، އެކަމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން ނިންމައިފައިވާ ރެލީ ފަސްކޮށްފިއެވެ.

"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު"ގެ ނަމުގައި ޖަލްސާ ބާއްވަން ކުރިން ހަމަޖައްސައިފައި އޮތީ މާދަމާ ރެޔެވެ. ނަމަވެސް މި ހަފްތާގައި ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރެއް ކުރިއަށް ދާތީ އުމަރުގެ ޖަލްސާ ވަނީ މި މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އުމަރު ކުރި ޓުވީޓެއްގައި ވިދާޅުވީ މިހާރު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ހޯދުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

އުމަރު ޖަލްސާ ބާއްވަނީ ލުތުފީ އަނބުރާ ގެންނަން އޭނާ ކުރެއްވި މަސައްކަތް ކާމިޔާބުވީތީ އެވެ. އުމަރު ވިދާޅުވީ ލުތުފީ ހޯދަން އެންމެ ގިނަ މަސައްކަތެއް ކުރި ވަޒީރަކީ އޭނާ ކަމަށެވެ.

އަދި މެއި އެއްވަނަ ދުވަހު ލުތުފީ ލަންކާ އެމްބަސީއަށް ވަނުމަށްފަހު ގާތްގަނޑަކަށް ދެ މަސް ވީއިރު ވެސް ސަރުކާރުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ލުތުފީ އެމްބަސީގައި ހުރިކަން ވެސް ފަޅާއަރުވާލީ އުމަރެވެ.

އެއާއެކު ލުތުފީ ވީ އެންމެ އަވަހަކަށް މާލެ ގެންނަން ގޮވާލާ، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ލުތުފީ އަނބުރާ ރާއްޖެ ގެނެސް ޖަލަށް ލައި ތަހުގީގު ފަށައިފައި ވަނީ އަންގާރަ ދުވަހުގެ ރެއެވެ.

އުމަރު ވިދާޅުވީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ފިލައިގެން އުޅުނު ލުތުފީއަށް ދިވެހި އެމްބަސީގެ ހިމާޔަތް ހޯދަން ޖެހުނީ ހޯމް މިނިސްޓަރު ކަމުގައި ހުރެ އުމަރު ކުރި މަސައްކަތުގެ ސަބަބުން، ލުތުފީއަށް ގޮތް ހުސްވުމުން ކަމަށެވެ.

comment ކޮމެންޓް