"އައި އެމް ސޮރީ" ޔުއާންގެ އަޑުވެސް އައީ މަޑުންނެވެ.

"އެ ކީއްވެ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދެވެން ހުއްދަ ދެވެން ނެތީ؟" ފަހީމް ސުވާލުކުރިއެވެ.

"އިޒިއަންގެ ހާލަތު ހުރިގޮތުން އެ ހުއްދަ އަޅުގަނޑުމެންނަށް މިވަގުތު ދެވެން ނެތީ. އެއްވެސް އުންމީދެއްނެތް، އެކޮޅަށް ގެންދިޔަޔަސް ދޭނީ ހަމަ އަޅުގަނޑުމެން މިކޮޅުން ދޭ ޖަވާބު..." ޔުމާން ވާހަކަ ދެއްކިއެވެ. ފަހީމް އިތުރަށް އެއްޗެއް ބުނަން އުޅުމާއެކު އޭނާ ހުއްޓުވީ އަހުސަންއެވެ. އޭނާ ޝަޒްނާއަށް ބަލާލަމުން އަކްނިޒާއަށް ލޮލުން އިޝާރާތް ކޮށްލިއެވެ. އަކްނިޒާ ގާތުގައި ހިތްވަރުދޭން ހުރެދޭށޭ ބުނާ ފަދައަކުންނެވެ.

އައްމާރުގެ ފަހަތުން އެތަނަށް ވަތް އަނާލްގެ ކަންފަތުގައި ޔުއާންގެ ޖުމްލަ ޖެހުމާއެކު އޭނާގެ ފިޔަވަޅުތަކަށް ވަގުތުން ހުއްޓުމެއް އައެވެ. ރަތްވެފައިވާ ދެލޮލުގެ ތެރެއަށް އަނެއްކާވެސް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެހަބަރު ލިބުމާއެކު އޭނާވެސް އައްމާރުއާއެކު ހޮސްޕިޓަލަށްއައީއެވެ.

"އިޒް...ޔޫ ހޭވް ޓު ކަމް ބެކް ޓު މީ" ބަނޑުގައި އަތް ޖައްސާލުމާއެކު އަނާލްއަށް ވައިއަޑުން ބުނެވުނެވެ. ގާތުގައި ހުރި އައްމާރުވެސް އަނާލްއަށް ބަލާލުމަށްފަހު އެ ދަރިފުޅުގެ ކޮނޑުގައި އަތްޖައްސާލީ ހިތްވަރު ކުރަށޭ ބުނާ ފަދައަކުންނެވެ. އަނާލް އެއައީ ގޭގައިވެސް އެވަރަށް ރޮއިފައެވެ.

އެހެންނަމަވެސް އަނާލް ހިތްވަރު ކުރާނީ ކިހިނެތްހެއްޔެވެ؟. މީގެ ކުރިން އޭނާއަށް އިޒއަންއާ ދިމާލަށް ބުނެވިފައިވާ ބަދު ބަސްތަކާ ކަންތައް ކުރެވިފައިވާ ގޮތް ލޮލުގެ ކުރިމައްޗަށް ސިފަ ވަމުން ދިޔަ އަނާލްގެ އެތެރެހަށީގައި ވަރުގަދަ ތޫފާނެއް އުފެދި އެއްފިޔަވަޅު އަނެއްކާވެސް އަޅާލެވިއްޖެއެވެ.

"ނޫން" ހަމަހޭވެރިކަންވީ މީހަކު ފަދައިން އަނާލްގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު ނުކުތުމާއެކު އޭނާއަށް ގިސްލެވެން ފެށުނީ ބޭއިޙްތިޔާރުގައެވެ. އެއާއެކު އެތަނުގައި އެވަގުތު ތިބި ފަހީމްގެ އާއިލާގެ އެންމެންގެ ނަޒަރު އަނާލްއަށް ހުއްޓިގެން ދިޔައެވެ. މާ ބޮޑަށް ރޮވެން ފެށުމުން އަނާލްގެ ނޭވާއަށް އުނދަގޫކުރަން ފެށިއެވެ. އައްމާރުގެ އެހީތެރިކަމާއެކު މަޑުމަޑުން އައިސް ގޮނޑީގައި އިށީންއިރު ކިނާން އައިސް އަނާލްއާ ދާދި ގާތުގައި މަޑުކޮށްލައިފިއެވެ.

"އަހަރެން ކިހިނެތް އެކަނި މި ދަރިފުޅު ބަލާނީ. ކިހިނެތް އިޒް އާ ނުލާ އުޅޭނީ.... އަހަރެންނާ މިހާ ބޮޑު އަމާނާތެއް ހަވާލުކޮށްފައި އިޒް އަހަރެންނާ ހަމަ ހަޤީގަތުގައިވެސް ވަކިވަނީތަ؟ މުޅި އުމުރަށް އިޒް އަހަރެންނަށް ގެއްލުނީތަ؟ އަހަރެން ކުރި ކުށުގެ ސަޒާ ކޮންމެ ގޮތަކަށް ދިނަސް ހެޔޮ. އެކަމަކު މިހެން....." އަނާލްގެ ވާހަކައިގެ ސަބަބުން އަކްނިޒާ އަށާއި ފަހީމްގެ އިތުރުން އަހުސަންއާއި ޝަޒްނާއަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ. ހަމައެއާއެކު އަކްނިޒާ އަނާލް ގާތަށް ޖެހިލާ ސުވާލުކޮށްލިއެވެ.

"ތި ބުނީ ކީކޭ؟ އަނާލް އިޒިއަންގެ ދަރިއަކަށް ބަނޑު ބޮޑޭތަ؟" އަކްނިޒާގެ ނޭވާ ވަނީ އަވަސްވެފައެވެ. އަނާލްގެ ޖަވާބެއް އަޑުއަހާހިތުން ކެތްމަދުވެފައެވެ.

މަޑުމަޑުން ބޯ ޖަހާލުމާއެކު އަނާލް އިސްޖަހާލީ އަކްނިޒާއަށް ބަލާލުމަށްފަހުގައެވެ. އެއްވެސް ކަމެއް އޮޅުން ފިލުވައިދޭކަށް އަނާލްގެ ހިތްވަރެއް ނެތެވެ. ދެވަނަ ފަހަރު މަޑުމަޑުން އަނާލް އާއެކޭ ބުނެލީ އަކްނިޒާއަށް އެކަން ޔަގީން ކޮށްދިނުމުގެ ގޮތުންނެވެ. އެވަގުތު އަކްނިޒާއަށް ކުރެވުނު އިޙްސާސް ބުނެދޭކަށް ނޭނގުނެވެ. އަނާލް ގެނެސް އެ މޭގައި ޖައްސާލުމާއެކު އޭނާ އަނެއްކާވެސް ރޯން ފެށީއެވެ.

އަނާލް ގެ ހިތުގައި ވެސް ވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. އިޒިއަން އަބަދަށް އޭނައާއި ވަކި ވަނީހެއްޔެވެ؟ އެވެސް ލޯބި ލޯބި ނިޝާނެއް އޭނާއާ ހަވާލުކުރުމަށްފަހުހެއްޔެވެ؟

ހަތްމަސްފަސް

ޓެރެސްމަތީގައި އަނާލް މަޑުކޮށްލައިގެން ވިސްނުމަކަށް ގެއްލިފައި ހުރިއިރު އޭނާގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު ހަނދުވަރުގެ ރިހި އަލި ވަނީ މުޅި ފަޒާގެ ތެރެއަށް ފެތުރިފައެވެ. ޖެހެމުން ދިޔައީ ލުއި ވައިރޯޅިތަކެކެވެ. އޭނާގެ މޫނުމައްޗަށް ބައެއް ފަހަރު ލުއި ހިނިތުންވުމެއް ވެރިވެއެވެ. އަނެއް ބައިފަހަރު ކޮންމެވެސް ކަހަލަ ފަނޑު ހިތާމަވެރިކަމެއް ފެނިލައެވެ. އެއްއަތް ވަނީ ހަތްމަސް ފުރި އަށްމަހަށް އަޅާފައިވާ އޭނާގެ ބަނޑުގައި ޖައްސާލެވިފައެވެ. ކުރިއަށްވުރެ ރޫފަ ރަނގަޅުވެފައިވެއެވެ. ދެ ކޮލުގައި މަސްޖަހާ ހަށިގަނޑު ރީތިވަރަކަށް ފަލަވެފައިވެއެވެ.

އަނާލް މަޑުމަޑުން ދުރަށް ހުއްޓާލާފައިވާ ނަޒަރު އަމިއްލަ ބަނޑާ ސީދާކޮށްލިއެވެ.

"މިސް ޔޫ" އޭނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތް ލަފުޒުތަކާއެކު މަޑު މަޑު އާހެއް ބޭރުވިއެވެ. އެވަގުތު ދަރިފުޅު ތޮޅިލި އިޙްސާސްއާއެކު ލޯތްބާއި ކުލުނުން އޭނާގެ ހިތް ފުރިގެންއައެވެ. އެ ދަރިފުޅުވެސް ބައްޕަ ނެތުމުގެ ފަޅުކަން އިޙްސާސްކުރަނީހެއްޔެވެ؟ މަންމަގެ ހިތާމައިގައި ބައިވެރިވަނީހެއްޔެވެ؟

ދެލޮލުގެ ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. ކޮންމެ ދުވަހަކީ އޭނާ އިޒިއަން މަތިން ހަނދާން ކުރާ ދުވަހެކެވެ. ދަރިފުޅު އޭނާގެ ބަނޑުގައި ތޮޅިލާ ކޮންމެ ފަހަރަކު ބައްޕައެއްގެ ލޯބިން މަޙްރޫމްވެފައިވީތީ އެ ދަރިފުޅުގެ ކިބައިން މާފަށް އެދެވެއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ޓެރެސްގެ އެ ހަމަހިމޭން މާހައުލަކީ އޭނާ އިޒިއަންގެ ހަނދާނުގައި އެންމެ ގިނައިން ވަގުތު ހޭދަކުރަމުންދާ ތަނެވެ.

"ނާލް... ނާލް" ޓެރެސްއަށް އަރަމުން އަނާލްއަށް ގޮވަމުން ދިޔަ ދީމްގެ އަޑު އަނާލްގެ ކަންފަތުގައި ޖެހުމާއެކު އޭނާ ކަރުނަތައް ފުހެލިއެވެ. މޫނުމަތިން ހަމަޖެހިފައި ހުރިކަމުގެ އަސަރުތައް ދައްކަން އޭނާ މަސައްކަތް ކުރިއެވެ.

"ނާލް މިއަދު ނުދާ ދުވަހަކީތަ؟" ދީމް އަނާލްއާ ސުވާލުކޮށްލިއެވެ.

"އާނ. ހަވީރުއަތަށް އަޅާލިއިރު ވަރަށް ބޮޑަށް ބަނޑަށް އުނދަގޫވާތީ ހިތަށް އެރީ ދެން މިރޭ އޭ ދާނީ؟ ދޮންބެ ނައިސްހެން މިހުންނަނީ މިހާރު. ގަޑިން އަށެއް ޖަހާ ބޮޑުވެއްޖެ. އަދިވެސް ނާދޭ! ޑިއުޓީ ނިންމާފަތަ ތިއައީ؟ ނާނު ނުނޭތަ ބަލާ މިއަދު. ތުމާރާ ޕެހެލާ ޕިޔާރް..."އަނާލް އަނގަޔަށް ގޮތެއް ހަދާލަމުން ވާހަކަދެއްކިއެވެ. އެއާއެކު ދީމް ލުއި ކޮށް ހިނިގަނޑެއް ޖަހާލިއެވެ.

"ނާނު ވެއްޖެ ހޮސްޕިޓަލުގަ. އަކްނިޒާ އާންޓީ ކޮންމެވެސް ކަމަކަކު ބޭރަށް ދާންޖެހުނީމަ ނާނު މިރޭ ދެން މަޑޫކުރާނީއޭ ކިޔާފަ މަޑުކުރީ." ދީމް ކުރުކޮށް ޖަވާބުދިނެވެ.

"ދެން މެރީ ކުރަން އުޅޭ." އަނާލް ދީމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

"ތި ކަމާ ދެމީހުންވެސް ވިސްނަން އެކަމަކު......ނާލް އަށް އެނގެއެއްނު ކީއްވެގެން ކަން މިހާރު މެރީ ނުކުރެވިގެން މިއުޅެނީ. " ދީމް އިސްޖަހާލިއެވެ. އަނާލްވެސް ދުރުބަލާލިއެވެ. އެ މައުޟޫ އަކީ ވާހަކަ ދައްކަން ފަސޭހަ މައުޟޫ އަކަށް ނުވީތީއެވެ.

"އިންޝާ ﷲ... ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް، ވަރަށް އުފާވި ނާލް ރޭޕް ކުރި ގްރޫޕަށް މަސްތުވާ ތަކެތި ފޯރިކޮށްދިނީ ބަސީމްކަށް މަންމައަށް އެނގިހުރެ ސިއްރުކުރިނަމަވެސް އެ ވާހަކަ ކިޔައިދިނުމުން އެންމެންވެސް މަންމައަށް މާފު ދިނީތީ. އަދިވެސް ހަނދާންވޭ! އެއްރޭ ކާން ތިބެގެން މަންމަ އެ ވާހަކަ ބުނީ. އެރޭ މަންމައާ ދިމާލަށް އެންމެންވެސް ރުޅިއައިސްގެން ކިހާ އެއްޗެއްސެއްކީ. މަހެއްހާ ދުވަހު މަޒާ އާންޓީ މަންމައާ ވާހަކަ ނުދައްކާވެސް ހުރި. އެކަމަކު މަންމަ އެހެން ކަންތައް ކުރީ އަހަރެން ސަލާމަތްކުރަން މަޖުބޫރުވެގެންކަން އެނގުމުން އެންމެންގެ މާފުވެސް މަންމައަށް ލިބުނީ. އަނެއްކޮޅުން އިޒް އަށް ވެސް އެންމެން ވަނީ ހިތް ސާފުކޮށްފައި. އެ ފެމެލީއާ ގުޅުން ބަދަހިކޮށްފައި. ނާނުއާއި އަހަރެންނާ އިނުމުގެ ހުއްދަވެސް ލިބިފަ. ހުރިހާ ކަމެއްވެސް މިހާރު މިވަނީ ހަމައަކަށް އެޅިފަ. ދެން އިންޝާ ﷲ ދެރަގޮތެއް ނުވާނެ. އަންނަން އޮތީ ހުސް އުފާވެރި ދުވަސްތައް" ދީމް ކުރީގެ ހަނދާންތައް އާކުރަމުން ވާހަކަދެއްކިއެވެ.

"އިޒް ހުރިނަމަ...." ދީމް ދެއްކި ވާހަކައާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލަމުން އަނާލްބުނެލިއެވެ.

އަނާލްގެ ކޮނޑުގައި އަތް ޖައްސާލަމުން ދީމް ހިނިތުންވެލިއެވެ.

ރަކީން އާއެކީގައި އަނާލް ކީ.ޓޯޕް.އެމް.މެމޯރިއަލް ހޮސްޕިޓަލަށް މިސްރާބުޖެހިއިރު އޭނާގެ ހިތުގައި ތަފާތު ޝުއޫރުތައް އޭރުވެސް ދައުރުވަމުންދެއެވެ. ހޮސްޕިޓަލަށް ކާރު ހުއްޓާލުމާއެކު އޭނަ ފޭބިއެވެ. އެއަށްފަހު މަޑުމަޑުން ހިނގަމުން އެތެރެއަށް ވަނެވެ. ލިފްޓުން މައްޗަށް އަރާ ކުޑަވަގުތު ކޮޅަކު މަޑުކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނަ ހިނގައިގަތީ ވާތް ފަރާތުގައި އިން ބިއްލޫރި ދޮރަކާ ދިމާލަށެވެ. އެ ބިއްލޫރި ދޮރުން އެތެރެއަށް ވަދެފައި ޖެހުނު ފުރަތަމަ ކޮޓަރީގެ ނަންބޯޑަށް އޭނަ ބަލާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭރު އޭނާއަށް ފުރަގަސްދީގެން އަންހެނެއް އިނެވެ. މަޑުމަޑުން އެމީހާ ފަހަތަށް ބަލާލިއެވެ.

"ނާލް" އަކްނިޒާ އަނާލްއަށް ގޮވާލިއެވެ. އަނާލް ހިނިތުންވެލަމުން އައިސް އަކްނިޒާ ގާތަށް ހުއްޓުނެވެ. އޭނަފުން ކޮން އެނދުގައި އޮތް ފިރިހެންމީހާއަށް ބަލާލިއެވެ. އެއީ އޭނާގެ އިޒިއަންއެވެ. އެ ހިތުގެ ހަމަޖެހުމެވެ. އިޒިއަން އެހާލުގައި ވާތަން ދެކެން އޭނާ ކޮންމެ ކޮންމެ ދުވަހަކު ހާދަ ހިތްވަރެއް ކުރަން ޖެހެއެވެ. އޭނާ އައުމުން އަކްނިޒާ ގޮނޑި ދަމާލަ ދީފައި އަނާލް ބޭންދިއެވެ. އެއަށްފަހު ހިނިތުންވެލިއެވެ.

"ކިހިނެތްތަ؟" އަކްނިޒާ އަނާލް އާ ސުވާލުކޮށްލިއެވެ.

"ކުޑަކޮށް އުނދަގޫވޭ މިހާރު. " އަނާލް ބުނެލިއެވެ.

"އާނ. ދެން މިހާރު ދުވަސް އައިސް ޖެހެނީނު އެހެންވީމަ ކަމަށް ވާނީ. ނާނުވެސް ދެންމެ އެދިޔައީ. މަންމަ ވެސް ބޭރަށް ގޮސްލާފަ ހަމަ ދެންމެ މި އައީ....." އަކްނިޒާ ބުނެލިއެވެ. އަނާލް އިޒިއަންއަށް ބަލާލިއެވެ. އަކްނިޒާ ބޭނުންވީ އަނާލްއަށް އެކަނި ވަގުތުކޮޅެއް ދޭށެވެ. އެހެންކަމުން އޭނަ އެބަ އަންނަމޭ ކިޔާފައި ބޭރަށް ނުކުތެވެ. އެއާއެކު އަނާލް އިޒިއަން ގެ އަތުގައި ހިފާލިއެވެ. އޭނާގެ ބަނޑަށް ވީ ދުވަސް ކިޔައިދިނުމަށްފަހު އޭނާވިހެއުމުގެ ކުރިން އިޒިއަން ނުހޭލާނަންތޯ އަހާ ސުވާލުކުރިއެވެ. އިޒިއަން ގެ ހާލަތު ރަނގަޅުކަމަށް ޑޮކްޓަރުން ބުނިތާވެސް ހަފްތާއެއް ފާއިތުވެއްޖެއެވެ. އެމީހުންނަށްވެސް އިޒިއަން ހޭލާނެ ވަކި ދުވަހެއް ނޭނގެއެވެ. ނޫނީ ހޭލާނެކަންވެސް ނޭނގެނީއެވެ. އެހެން އޮވެފައި އިޒިއަން މި ދުނިޔެއާ ވަކިވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ. އެއީ އެކަން ވުން އެންމެ ގާތް ގޮތް ކަމަށް ވެސް ވަނީ ބުނެފައެވެ. އިޒިއަން ކޯމާއަށް ދިޔަ ހަބަރު ލިބުމާއެކު ދެން ބިރުވެރިކަން އުފެދުނީ އިޒިއަން ދުވަހަކުވެސް ނުހޭލަފާނެތީއެވެ. ޑޮކްޓަރުންވެސް ތިބީ އުންމީދު ކަނޑާލައިގެންނެވެ. އެހެންނަމަވެސް ހުރިހާކަމަކަށް ކުޅަދުންވަންތަ އިހާލެއް ވެއެވެ. ދުޢާ އަކީ އެންމެ މަތިވެރި ހަތިޔާރެވެ. އެންމެންގެ ދުޢާ އިޖާބަ ކުރެއްވީ ކަންނޭނގެއެވެ. އިޒިއަންގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ.

މިހާރު އިންތިޒާރުކުރެވެނީ އިޒިއަން ހޭލާނެ އިރަކަށެވެ. އޭނާއަށް އިޒިއަން ހިތުގައި ޖެއްސުނު ވަރު ހަނދާނުން ފިލާވަރަށް ލޯބިދޭނެއެވެ. ސިކުނޑިއަށް ލިބުނު ގެއްލުމާއެކު ފަހަރުގައި އިޒިއަންގެ ހަނދާން ނެތިދާނެކަކަށްވެސް ޑޮކްޓަރު އޮތީ ލަފާ ދީފައެވެ. އެކަމުން ވެސް އަނާލް ހާސްވެއެވެ. އިޒިއަން ހޭ އަރާއިރު އޭނާ އާއި ދަރިފުޅު މަތިން ހަނދާން ނެތިއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟.

ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އަކްނިޒާ އިޒިއަން ގާތު މަޑުކޮށްލައިގެން އިންދާ ފަހީމްއައިސް އެތެރެއަށްވަނުމާއެކު އަކްނިޒާ ބަލާލާފައި ހިނިތުންވެލިއެވެ.

"އެއްޗެއް ކައިފިންތަ؟" ފަހީމް އަހާލިއެވެ. އަކްނިޒާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ. ފަހީމް އައިސް އިޒިއަންއަށް ބަލާލުމަށްފަހު އަކްނިޒާއަށް ބަލާލިއެވެ. ހެއްދެވި ފަރާތަށް ދުޢާ ކުރެވުނެވެ. އިޒިއަން އަވަހަށް ރަނގަޅުވޭތޯއެވެ.

"ނާލް މިއަދުވެސް ނާންނަނީތަ؟ ހަތަރެއްޖަހާ ބޮޑުވެއްޖެ. އާއްމުކޮށް ހަވީރު ހަތަރެއް ޖަހާއިރު ނާލް އިންނާނީ މިތާ!" ފަހީމް އަނެއްކާވެސް ވާހަކަދެއްކިއެވެ.

"އަދިވެސް ނާދޭ ދޯ! މީގެ އިރުކޮޅެއް ކުރިން ގުޅާފަ ބުނި ދާ ވާހަކަ..... ވެދާނެ ޓްރެފިކްގައި ޖެހުނީކަމަށް... ގުޅާލަން ވީ ދޯ. އަދި ނާލް ބުންޏޭ......." އަކްނިޒާގެ ޖުމްލަ ވަގުތުން މެދު ކެނޑިގެން ދިޔައީ އޭނާގެ ނަޒަރު ދަތުރު ކުރި ދިމާލަކުން ފެނުނު މަންޒަރަކުންނެވެ. އިޒިއަންގެ ޝަހާދަތް އިނގިލި މަޑުމަޑުން ހަރާކާތް ކޮށްލިއެވެ.

"ފަހީމް ފެނުނުތަ؟" އަކްނިޒާއަށް އުފަލުން ބުނެވުނެވެ. އޭރު އެ އަޑުވަނީ އާދަޔާހިލާފަށް ބާރުވެފައެވެ.

"ނޫން... ކިހިނެތްވީ؟"

ދެންމެ އިޒް ގެ އިނގިލި ހަރަކާތް ކުރި" އަކްނިޒާގެ ވާހަކަހުރިގޮތުން އިތުރު ހަރަކާތެއް އިޒިއަން ކުރޭތޯ ދެމީހުން ހުޝިއާރުވެގެން ތިއްބެވެ. އެހެންނަމަވެސް އެއްވެސް އިތުރުހަރަކާތެއް ނުފެނުމާއެކު އަކްނިޒާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

"ކުރީ ދުވަހު ވެސް އަހަރެން ދެކުނިން. އެކަމަކު ފަހުން އެއްވެސް ކަމެއް ނުވީމަ އެންމެން ވެސް ހީކުރީ ވަހުމެއް ކަމަށް. އެކަމަކު ފަހުން ވެސް އިޒް އެސްފިޔަތައްވެސް ތެޅުވިއޭ... އަނެއްކާ މިއަދުވެސް....." އަކްނިޒާ ބުނެލިއެވެ.

"ހަމަޖެހޭ ނިޒާ. އިންޝާ ހުރިހާކަމެއްވެސް ރަނގަޅުވާނެ" ފަހީމް ބުނެލިއެވެ.

ނޫނީ ހީވި ހީވުމެއްތަ؟" މާޔޫސްކަމާއެކު ކަރު އެލުވާލަމުން އަކްނިޒާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ އެވަގުތުވެސް އިޒިއަންގެ އެއްފިޔަތަކަށް ކުޑަ ތެޅުމެއް އައިކަމެވެ. ފަހީމް އަކްނިޒާ ގާތަށް ޖެހިލާ ކޮނޑުގައި ހިފާ އޭނާއާ ގާތް ކޮށްލިއެވެ. އެއަށްފަހު ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނެލިއެވެ. މެޝިންތަކުގެ ބީޕް އަޑު ގަދަވާން ފެށީ އެގޮތުގައި ދެމީހުން ތިއްބައެވެ. އިތުރު ހަރަކާތެއްނުގެނެވި އުޅެނިކޮށް ނަރުސް ދެ ކުއްޖަކު ވަދެފައި އެއްކުއްޖަކު ގާތު ވަރަށް އަވަހަށް ޑޮކްޓަރަށް ގޮވަން ބުންޏެވެ. ފަހީމްއާއި އަކްނިޒާ އަށް ދުރަށް ޖެހިލެވުނެވެ.

"ކިހިނެތްވަނީ؟" އަކްނިޒާއަށް ހާސްކަމާއެކު އަހާލެވުނެވެ.

"މިވަގުތު އެއްޗެއް ބުނަން ދަތި. ޑޮކްޓަރު ދުރުވީމަ އެނގޭނީ. އެހަށް ދުރުގަ މަޑުކޮށްލަން ވީނުންތޯ" ނަރުސްކުއްޖާ ފޮތިގަނޑު ދަމާލަމުން ބުނެލުމާއެކު އަކްނިޒާއަށް ފަހީމްގެ މޭގައި މޫނު ފޮރުވާލެވުނެވެ. އިޒިއަން ހެޔޮ ހާލުގައި ލެއްވުން އެދި ދުޢާ ކުރެވުނު އިރު ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާ އާއެކު ފަހީމް ކޮޓަރީގެ ދޮރާ ދިމާލަށް ދިޔައިރު ޑޮކްޓަރު އައިސް އެތެރެއަށް ވަންނަނީއެވެ. ޑޮކްޓަރު ވެސް އެދުނީ ބޭރުގައި މަޑުކޮށްލުމަށެވެ. ފަހީމްއާއި އަކްނިޒާ އާއި ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ނުކުތެވެ. އެވަގުތަކީ އަހުސަން އާއި ޝަޒްނާވެސް އައި ވަގުތެވެ. އެމީހުންނަށްވެސް ވެގެން އުޅޭ ގޮތް އޮޅުން ފިލުވާދެމުން ފަހީމްއާއި އަކްނިޒާ އެތަނުގައި ހުރި ގޮނޑީގައި އިށީނެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު މީހަކުވެސް ފެންނާކަށް ނެތެވެ.

ޑޮކްޓަރު ނުކުތުމާއެކު އަވަސްއަވަހަށް ފަހީމް ސުވާލުކުރިއެވެ.

"އުފާވެރި ހަބަރެއް އެބައޮތް. އިޒިއަން ހޭއަރަފައި. އަލްޙަމްދުލިއް ﷲ..... އެކަމަކު އަދި ވަރަށް ވިސްނައިގެން އުޅެން ވާނީ. ކޯމާއިން ހޭލި ކަމުގައި ވިނަމަވެސް ހަށިގަނޑު ވަރަށް ބަލިކަށިވާނެ ވާހަކައެއް ބުނާއިރު ވިސްނައިގެން ވާހަކަ ދައްކަން ވާނީ. އެއްވެސް ހާލަތެއްގައި ކަމަކާ ވިސްނައިގަނެ އަނެއްކާ ހާލަތު ގޯސް ވާނެފަދަ ބަހެއް ބުނެގެން ނުވާނެ" ޑޮކްޓަރުގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ބައެއް ކަހަލަ އިރުޝާދުދީފައި އިތުރަށް ކިޔައިދިނުމަށް ނަރުސްކުއްޖާ ގާތު ބުނެފައި އޭނާ ދުރަށް ޖެހިލީ އިތުރު ޑޮކްޓަރުންނަށް އެހަބަރު ދޭންވެގެންނެވެ.

"ވިސްނަން ވާނެ އަދި އިޒިއަން އޮތީ ވަރަށް ނާޒުކު ހާލަތެއްގަކަން. ހާސްވާ ނޫނީ ސްޓްރެސް ވާ ފަދަ އެއްވެސް ކަމެއްނުކުރާތި. ހާލަތު ގޯސްވުން އެކަށީގެންވޭ. އަދި ނޭނގެ ކިހާ ވަރަކަށްކަން ހަނދާން ހުރީ . ނޫނީ އެއްވެސް ވަރަކަށް ހަނދާން ހުރިކަމެއްވެސް... ހަމައެކަނި ހޭއެރިކަން. ކަންތައްތައް މަޑުމަޑުން ހަމައަލަށް އެޅެމުން ދާނީ. ޓައިމް ނަގާނެ. އަދި ސިކުނޑީގައި ހަނދާން ހުރިވަރާއި މިހާރުގެ ހާލަތުވެސް މަޑުމަޑުން އެނގިގެންދާނީ. އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރަން ނޫޅޭތި. ސިކުނޑިއަށް ބާރުކުރާފަދައެއްވެސް ބަހެއް ނުބުނުމަށް ސަމާލުކަން ދޭތި. ނޫނީ ކޮންމެ ވަގުތަކުވެސް ސަކަރާތްވެދާނެ. ހާލަތު ގޯސްވެދާނެ. އެންމެ ރަނގަޅު އެތެރެއަށް ވަނަސް. އެކަމަކު ދެންމެ މި ބުނި ވާހަކަ މަތިން ހަނދާން ބަހައްޓައްޗޭ!" ނަރުސްކުއްޖާވެސް ޑޮކްޓަރުގެ ވާހަކަތައް ދެވަނަ ފަހަރަށް ތަކުރާރުކޮށްލަމުން ވަނުމަށް ހުއްދަދިނެވެ. ފަހީމް އަވަސް އަވަހަށް ކިނާންއަށް ގުޅާފައިވެސް އެ ހަބަރު ދިނެވެ. އައްމާރުމެންނަށްވެސް އެހަބަރު ދިނެވެ. އެހަށް އަނާލް ގާތު ނުބުނުމަށާއި އެންމެންވެސް ބޭނުންވަނީ އަނާލްއަށް ސަޕްރައިޒެއް ދޭންކަމަށް ބުންޏެވެ.

އެތެރެއަށް ވަތް އިރު އިޒިއަންއަށް އޮތީ އޮކްސިޖަން ގުޅާފައެވެ. މޭމަތީގައި ފާޑު ފާޑުގެ އެއްޗެހި ހިއްޕާފައި ހުއްޓެވެ. އެހެންނަމަވެސް އިޒިއަން އޮތީ ވަރުބަލި ގޮތަކަށް ލޯ ހުޅުވާލައިގެންނެވެ. އޭނާއަށް އެ އެންމެން ފެނި ހިނިތުންވާން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އަދިވެސް ލޯ މައްޗަށް ހުރީ ހިސާބަކަށް ފުސްވެފައެވެ. އަކްނިޒާ އިޒިއަން އާ ގާތްވެފައި މަންމައޭ ބުނެލިއެވެ. އިޒިއަން ބޯ ޖަހާލަން މަސައްކަތް ކުރިއެވެ. ފަހީމްވެސް ކައިރިވެލިއެވެ. އެމީހުން އެފަދަ ކުދި ކުދި ވާހަކަތައް ދައްކަމުން ދިޔައެވެ. ފަހަރެއްގައިވެސް ޑޮކްޓަރުގެ އިރުޝާދުގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. އަކްނިޒާއަށް ރޮވެން ފެށުމާއެކު އޭނާ އަވަސްއަވަހަށް ކޮޓަރިން ނުކުތީއެވެ. އިޒިއަން ހާސްވެ ކަންބޮޑުވާނޭ ފަދަ ކަމެއް ނޫނީ ސްޓްރެސް ލިބޭފަދަ އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ. ދެން އޭނާ އެތެރެއަށް ވަތް އިރު އިޒިއަންއަށް އޮތީ ނިދިފައެވެ.

"ނިދުނީ! އަޅާނުލާ؟" ފަހީމް އަކްނިޒާއަށް ބުނެލިއެވެ. ފަހީމް ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ކިނާންއަށް ގުޅާލާފައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ކިނާން ބޯ ޖަހާލިއެވެ. އޭރު އޭނާ ހުރީ ހޮސްޕިޓަލް ބޭރުގައެވެ. ކާރަށް އަރައަރާ ހުއްޓައި ފަހީމް ގުޅާފައި ބުނި ކަންތައް ކުރަން އޭނާ އަވަސްވިއެވެ.

"ދޮންބެ ދައްތާ! މިގަޑީގައި ހޮސްޕިޓަލަށް އާދެވޭނެތަ؟ ދަންތަ ބަލާ؟" ފަހީމް ފޯނު ބޭއްވުމުން ކިނާން އަނާލްއަށް ގުލާލާފައި އަހާލިއެވެ.

"އެއީ. އަނެއްކާ ކަމެއްދިމާވީތަ؟" އަނާލްގެ ނޭވާ އަވަސްވިއެވެ. އޭނާ ކިނާންގެ ޖަވާބަކަށް އިންތިޒާރުކުރިއިރު ބިރުވެރިކަމެއް އެހިތުގައި ދައުރުކުރިއެވެ.

"ނޭނގެ.... ޑޭޑް ގުޅާފަ ބުނީމަ" ކިނާން ގެ ޖަވާބު ކުރެވެ. އަނާލް ބުނީ ފަނަރަ މިނިޓް ތެރޭގައި ބަލާ އައުމަށެވެ. މަޒާޔާ ގާތުގައި ބުނެފައި އަނާލް ހޮސްޕިޓަލަށް ދާން ކިނާން އާއެކު ކާރުގައި ނައްޓާލިއިރު ރޭގަނޑު ކުއްލިއަކަށް ފަހީމް ހޮސްޕިޓަލަށް އަންނަން ބުނި ސަބަބާ ބެހޭގޮތުން އަނާލް ހާސްވިއެވެ. އަނެއްކާ އިޒިއަންއަށް ކަމެއްވީހެއްޔެވެ؟

ކާރު ޕާރކުކޮށްލަމުން ދެމީހުން ގޮސް އެކު އެކީ ހޮސްޕިޓަލް ތެރެއަށް ވަނެވެ. މީހުން ފުދޭވަރަކަށް ގިނައެވެ. އިޒިއަން ބާއްވާފައި އޮތް ރޫމާ ހިސާބަށް ގޮސް ކިނާން އެދުނީ އަނާލް ގާތު އެތެރެއަށް ވަނުމަށެވެ. އޭރު އެތެރޭގައި އެންމެން ތިއްބެވެ. ފަހީމްއަށް އަނާލް ފެނުމާއެކު އެދިމާލަށް ދިޔައެވެ. ގޮސް އަނާލް ގާތު އިޒިއަންއަށް ބަލާލަން އެދުނެވެ. އަނާލް އިޒިއަން އަށްބަލާލިއެވެ. އިޒިއަންއަށް އޮތީ ނިދިފައިކަމުން އަނާލްއަށް އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވުނެވެ.

"ޑޭޑް ކިހިނެތްވީ؟" އަނާލްގެ އަޑުގައިވަނީ ހާސްކަމެވެ.

"މަންމާ. ކިހިނެތްވީތަ؟" ފަހީމްގެ ފަރާތުން ޖަވާބެއްނުލިބުމާއެކު އަނާލް ހާސްވެސްވިއެވެ. ކަންބޮޑުވެފައި ހުރިފަދައަކުން އަނާލް ފަހަރަކު މީހަކަށް ބަލަމުން ދިޔައެވެ.

"އިޒް ހޭއަރައިފި" ފަހީމް ބުނެލުމާއެކު އަނާލްއަށް ދެލޯ ބޮޑުކޮށްލަމުން ކީކޭ ހޭ އަހާލެވުނެވެ. އިޒިއަންއަށް ބަލާލިއެވެ. އިޒިއަން އޮތީ ލޯ މަރައިގެންނެވެ. އެއްވެސް ތަފާތެއް އޭނާއަށް ފާހަގައެއް ނުކުރެވުނެވެ.

"މިވަގުތު ނިދިފަ" ފަހީމް ގާތަށް ޖެހިލާ އަކްނިޒާ ހާމަކޮށްލިއެވެ. އަނާލްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއިރު އޭނާއަށް އަކްނިޒާގެ ގައިގައި ބައްދާލެވުނެވެ. އެންމެ ފަހުން މާތް ﷲ އޭނާގެ ދުޢާ އިޖާބަކުރެއްވީއެވެ. އެރޭ އެތައް ވަގުތެއް އިޒިއަން ހޭލާތޯ އަނާލް އިޒިއަން ގާތުގައި ހޭދަކުރިއެވެ. އެހެންނަމަވެސް އިޒިއަން އޮތީ މާ ގަދަ ނިންޖެއްގައެވެ. އިޒިއަން ހޭލާ އޭނާއަށް ބަލާލާނެ އިރަކަށް ހާދަ އިންތިޒާރެއް އޭނަ ކޮށްފިއެވެ. އެރޭ އަނާލް ގެއަށް ދިޔައީ އައްމާރުމެން އައިސް ދިޔައިރުއެވެ.

ޖެހިގެން އައި ދުވަހު އަނާލްގެ އާއިލާގެ އެންމެނާއި ދާރިޔާގެ އާއިލާގެ އެންމެންވެސް ޒިޔާރަތް ކުރިއެވެ. އެމީހުންނަށް އާދެވުނު ގަޑީގައިވެސް އިޒިއަންއަށް އޮތީ ނިދިފައެވެ. އަނާލް އައި އިރުވެސް މެއެވެ. އޭގެ ފަހުން ޖެހިޖެހިގެން ދެ ދުވަހު އަނާލްއައި އިރުވެސް އިޒިއަން ހޭލާ އުޅޭ ވަގުތަކާ ދިމައެއްނުވެއެވެ. ތިންވަނައަށް ވީދުވަހު އަނާލް އައިސް ވަތް އިރު އިޒިއަން އޮތީ ހޭލައެވެ. އިޒިއަންގެ ހާލަތު ވަރަށް ބޮޑަށްވެސް ރަނގަޅެވެ. އޭރުވެސް އޮކްސިޖަންއެއް ނުނައްޓައެވެ. އޮކްސިޖަން ދައްވަނީ ކީއްވެކަން ޑޮކްޓަރުން ނަށްވެސް ނޭނގެއެވެ. އަނާލް ވަތް އިރު އޭނާގެ ލޮލުގައި އިޒިއަން އަޅައިގަތުމުން އޭނާއަށް ހިނިތުންވެވުނެވެ. އެހެންނަމަވެސް އިޒިއަންގެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެއެވެ. އެ މޫނުމަތީގައި ވަނީ ހުސްކަމެވެ. އޭނާ ފެނިގެންވެސް މޫނުމައްޗަށް ތަފާތު ކުލަވަރުތަކެއް ވެރިއެއްނުވިއެވެ.

"އިޒް. ނާލް" އަކްނިޒާ އަނާލް ދައްކާލަމުން އިޒިއަންއަށް ބަލާލަމުން ބުނެލިއެވެ. އެހެންނަމަވެސް އިޒިއަން އެއްވެސް ހަރަކާތެއްނުގެނައެވެ. ކުޑަމިނުން ބޯވެސް ޖަހާނުލިއެވެ. ލޮލުގައި ވި އެ ހުސްކަމާއެކު އޭނާ އަނާލްއަށް ބަލަން އޮތީއެވެ.

"އިޒް! ނާލް." ފަހީމްވެސް ކައިރިއަށް ޖެހިލާ އިޒިއަންގެ ބޯ ލާ ކޮޅުގައި ހުއްޓުނެވެ. އިޒިއަންގެ އެ ނަޒަރުގެ މާނަ ނަގަންވީ ގޮތެއް އެކަކަށްވެސް ނޭނގުނެވެ. އެކަކު އަނެކަކަށް ބަލާލެވެނީ މިވަނީ ކިހިނެތްކަން ނޭނގޭ ހާލު ވެގެން އުޅޭ ގޮތެއް ކިޔައިދޭށޭ ބުނާފަދައަކުންނެވެ.

"އިޒް... މީ ނާލްއޭ......" އަކްނިޒާ އަނާލްގެ އަތުގައި ހިފައިގެން ގެނެސް އިޒިއަންގެ ގާތުގައި މަޑުކޮށްލާ ވާހަކަދެއްކިއެވެ.

"ނޭނގޭތަ ކާކުކަމެއް؟" އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ. އިޒިއަންގެ އެ އަމަލުން މާނަ ނަގަންވީ ކިހިނެތްކަން ނޭނގި އަނާލްއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ. އޭނަ އިރުކޮޅަކު އިޒިއަން އަށް ބަލަން ހުއްޓެވެ. ދެން ހޭދަވި ކުޑަ ވަގުތު ކޮޅަށްފަހު އަނާލް އެދުނީ އޭނާއަށް އެކަނި ވަގުތު ކޮޅެއް ދިނުމަށެވެ. އަކްނިޒާމެން ނުކުންނަމުން އަނާލް ގާތު އިޒިއަން ހާސްވާނެ ފަދަ ކަމެއް ނުކުރުމަށް ބުންޏެވެ. އަނާލް ބޯ ޖަހާލިއެވެ. އެންމެން ނުކުތުމުން އޭނަ ނުވަ މަހުގެ ބަނޑާ އެކު އިޒިއަންއާ ދިމާލަށް ހިނގައިގަތް އިރު އިޒިއަންގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅުވޭތޯ އަނާލް އޭނާގެ ނަޒަރު ސީދާކޮށްލިއެވެ. އެހެންނަމަވެސް އެ މޫނުމަތިން އެއްވެސް ކަހަލަ ތަފާތުކަމެއް ނުފެނުނެވެ. ފެނުނީ ކުރިންވެސް ފެނުނު ހުސްކަމެވެ. އަނެއްކާވެސް އަނާލްގެ ހިތަށް ލިބުނީ އިތުރު އަނިޔާއެކެވެ.

އަނާލް އިޒިއަންގެ ގާތަށް އައިސް ހުއްޓެމުން ގޮނޑީގައި އިށީނެވެ. މަޑުމަޑުން އޭނާގެ އަތްތިލަ އިޒިއަންގެ އަތުގައި ޖައްސާލިއެވެ. "އިޒް... އެއްވެސް ވަރަކަށް ހަނދާނެއް ނުވޭތަ؟ އަހަރެން މަތިން؟ އަހަރެމެންގެ ދަރިފުޅު މަތިން" ބަނޑަށް ބަލާލުމާއެކު އަނާލް ސުވާލުކުރިއެވެ. މަޑުމަޑުން އިޒިއަން އޭނާގެ އަތް އަނާލްގެ އަތު ތެރެއިން ނައްޓާލަން މަސައްކަތް ކުރިއެވެ. ލިބުނު ސިހުމާއެކު އަނާލްއަށް އަތް ދަމައިގަނެވުނެވެ. އެއާއެކު އެއަތަށް ބަލާލިއެވެ. އަނެއްކާވެސް އިޒިއަންއަށް ބަލާލީ އާދޭހުގެ ބެލުމަކުންނެވެ. އަނާލްއަށް ދެން ވާހަކަދެއްކުނީ ރޮމުންނެވެ. އަކްނިޒާ އަނާލް ގާތު އިޒިއަން ސްޓްރެސް ވާ ގޮތަށް ވާހަކަ ނުދައްކަން ބުނިނަމަވެސް ޖަޒުބާތުގެ އޮއިވަރުގައި ޖެހި އޭނައަށް އެކަންތައް މަތިން ހަނދާންނެތުނެވެ.

"އިޒް. އަހަރެން މަތިން ހަނދާން ހަމަ އަސްލުވެސްނެއްތަ؟" ކަރުނަ ފުހެމުން އަނާލް މޭގައި އަތް ޖައްސާލަމުން ތުރު ތުރު އަޅަމުން ދިޔަ އަޑަކުން ސުވާލުކުރިއިރު އޭނާ ހިތާމަތައް ފޮރުވަން މަސައްކަތް ކުރަމުން ދިޔަވަރާއި ނުރުއިމަށް ކުރަމުން ދިޔަ މަސައްކަތް އެނގެއެވެ. ދެވަނަ ފަހަރަށް އޭނަ އިޒިއަންގެ އަތުގައި ހިފާފައި އޭނައަކީ ކާކުކަން ހަމަ ނޭނގެނީތޯ ސުވާލުކުރިއެވެ. އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ކީއްވެ؟ އެންމެން މަތިން ހަނދާން ހުރިއިރު އަހަރެން މަތިން ހަނދާން ނެތީ؟" އަނާލްއަށް ޝަކުވާ ކޮށްލެވުނެވެ. އޭނާއަށް އަނެއްކާވެސް ރޮވެން ފެށުމާއެކު އިސްޖަހާލެވުނެވެ. ބަނޑުގައި އަތް ޖައްސާލެވުނެވެ. ދަރިފުޅު ބައްޕައެއް ގެ ލޯބިން މަހްރޫމް ވަނީހެއްޔެވެ؟. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟

(ނުނިމޭ...)

https://sun.mv/121055

comment ކޮމެންޓް