ރާއްޖެ އަށް ތަރައްގީ ގެނެވުނު ކަމަށްވާނީ "ބިޔަރު ދަޅު ހިފައިގެން މަޖީދީ މަހުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ދެވުން" ކަމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވި ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން އެހެން ބުނި ނަމަވެސް ޑރ. މަޖީދު މިއަދު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
ޑރ. މަޖީދު ވިދާޅުވީ ވަޒީރުންގެ މަޖިލީގުގައި އެފަދަ ކަމަކާ ބެހޭ ގޮތުން މަޝްވަރާކޮށް ވާހަކަ ދައްކާފައި ނުވާ ކަމަށާއި އެފަދަ ވާހަކައެއް އަދާލަތުގެ ބޭފުޅުންނާ ހިއްސާކޮށްފައި ވެސް ނުވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަދާލަތުން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ވިދާޅުވީ ރާއްޖެ އަށް ތަރައްގީ ގެނެވުން ކަމަށް ވާނީ "ބިޔަރު ދަޅު ހިފައިގެން މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ދެވުން" ކަމަށް ޑރ. މަޖީދު ވިދާޅުވީ އަދާލަތު ޕާޓީގެ "އެތެރޭގައި" އުޅުއްވި ދުވަސްވަރު ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުގައި އެފަދަ ވާހަކައެއް ދެއްކެވީ ކޮން ބޭފުޅެއް ކަން ޑރ. މައުރޫފު ވިދާޅެއް ނުވެ އެވެ.
މަޖީދަކީ ކުރިން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސެވެ.
ޑރ. މައުރޫފު ވިދާޅުވީ ޑރ. މަޖީދާއި ޝެއިހު ހުސައިން ރަޝީދު، ސަރުކާރާ ބެހޭ ގޮތުން އެތައް ވާހަކައެއް ދައްކަވާފައިވާ ކަމަށާއި ނަމަވެސް އެއީ "މިވަގުތަށް ހިއްސާ ކުރެވޭ ވަރުގެ ވާހަކަތެއް ނޫން" ކަމަށެވެ.
"ވިސްކީ ފުޅި، ބިޔަރު ދަޅު ހިފައިގެން މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ދެވުން އެއީ ތަރައްގީ ކަމަށް، ކާކުތޯ ވިދާޅުވީ؟ ކާކުތޯ ކެބިނެޓްގައި އެހެން ވިދާޅުވީ؟ ތިޔަ ބޭފުޅުން ނޯޓްކޮށްލައްވާ!" ޑރ. މައުރޫފު ވިދާޅުވި އެވެ.