ރޯދަމަހު ގެނެސްދެމުން އައި "ނާމާން"ގެ ތިންވަނަ ސީޒަނެއްވެސް މިއަހަރު ގެންނަން ނިންމައިފިއެވެ.
ޗެނަލް 13 އިން މީގެ ކުރިން އެ ސީޒަން ދެއްކިއިރު މި ފަހަރު "ނާމާން" ބައިސްކޯފު އެޕްލިކޭޝަން އިން ބަލާލެވޭނެއެވެ.
"ބިޓްމެޕް" އާއި އިމޭޖިނޭޝަން ރިއަލިޓީ އަދި ބައިސްކޯފް ގުޅިގެން ގެނެސްދޭ އެ ސީރީޒްގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު ޓްރެއިލާއިން ފެނުނު ފަހު ސީން ކުޅުނީ ހަމަ ހަގީގަތުގައިވެސް ނާމާން ގެއެއްގައި ކަމަށް ސީރީޒްގެ މަސައްކަތް ފެށުނު އިރު އެންމެ އިސްކޮށް އުޅުނު އިބްރާހިމް ޝިފާހު ބުންޏެވެ.
"އެ ސީންގެ މަންޒަރުތައް ނެގިއިރު އިވޭ ދޮރު ލެއްޕޭ އަޑު. އެކަމަކު ފަހަތް ބަލާއިރު ނުފެނޭ އެއްވެސް އެއްޗެއް. ގޮނޑި ދަމާއަޑު އިވޭ. އެކްޓްކުރަމުން ދިޔަ އެކްޓަރުގެ ފަހަތުގައި އިން ފާރުން ކޮންމެވެސް އެއްޗެއް ފެނުނުހެން ވެސް ހީވި. ޖެހިލުންވެ ހުރެ ކުރުސި ކިޔައިގެން ޝޫޓް ނިންމާލީ،" އޭނާ ބުންޏެވެ.
ޝިފާހު ބުނީ ބިރުވެރި ޖޯންރާއަކީ މިހާރު ވަރަށް އާންމު ޖޯންރާއެއް ކަމަށާއި ގިނަ ބަޔަކު ބިރުވެރި އެއްޗެހި ބަލަން ބޭނުންވާ ކަމަށެވެ. "އެންމެ އިންޓްރަސްޓިން" ވާނީ ވެސް އެ ޖޯންރާކަމަށް ޝިފާހު ބުންޏެވެ.
ތިން ވަނަ ސީޒަންގެ ވާހަކަ ހޫދު އިބްރާހީމް ލިޔެ ތައްޔާރުކުރިއިރު މި ފަހަރުގެ ސީޒަންގައި ވެސް ފެނިގެންދާނީ މުޅިން އާ މޫނުތަކަކެވެ. ޅ. ހިންނަވަރުގައި "ނާމާން"ގެ މަންޒަރުތައް ނެގިއިރު ކާސްޓުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނެވެ.
ސީރީޒްގެ ކާސްޓުންނަކީ އަހްމަދު ނާފިއު މުހައްމަދު، އައިޝަތު ސުމާ، އިސްމާއިލް މިސާހު، މަރިޔަމް ޝިޒްނާ، މުހައްމަދު އީސާފުޅު އަދި ހަދީޖާ ހުސައިން އެވެ.
މިއީ ހަތަރު އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ސީޒަންއެކެވެ.
"މި ފަހަރު ޗެނަލް 13 އިން ދައްކާނެ. އެކަމަކު ޓީވީއިން ދައްކާއިރު ބައެއް މަންޒަރުތައް ސެންސާ ކުރަންޖެހޭތީ ޓީވީން ނުދައްކާ މަންޒަރުތައް ބައިސްކޯފު އެޕްލިކޭޝަނުން ފެންނާނެ،"
"ނާމާން" ދައްކަން ފަށާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.