ދީއްކޮއަށް އެންމެ ކަމުދާ 5 ހިޖާބް ސްޓައިލް

ޕިން އުފެއްދުމުގެ ކުޑަ ވިޔަފާރިއަކުން އުފަންވި 'ބަލްޤިސް' މި ނަމަކީ މިއަދު ކޮންމެ ދިވެއްސަކު ވެސް ދަންނަ ރަހުމަތްތެރި ނަމެކެވެ. މޭކަޕް ކުރުމާއި ބުރުގާއެޅުމުގެ ވިޔަފާރީގައި މިއަދު ރާއްޖޭގައި އެންމެ މަގުބޫލު އެއް ފަރާތަކީ ވެސް ހަމަ މިއީ އެވެ.

ބޭނުންވާ ކޮންމެ ހަފްލާއަކަށް އަދި ކޮންމެ މުނާސަބަތަކަށް ވެސް މޭކަޕް ކުރުމާއި ބުރުގާ އެޅުވުމުގެ އިތުރަށް ހެދުން ފަހައި ޑިޒައިންކުރުމުގެ މަސައްކަތް ވެސް މިހާރު 'ބަލްގިސް'ގެ ވިޔަފާރީގެ ދަށުން ކުރަމުން އަންނަ އިރު މި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އާއިޝަތު ދީމާ (ދީޢްކޮ) އެވެ.

މިހަފްތާގެ ޓޮޕް ފަސް ސެގްމަންޓް ހާއްސަކޮށްފައި ވަނީ ދީއްކޮއަށް އެންމެ ކަމުދާ ފަސް ހިޖާބް ސްޓައިލިން އަށެވެ.

އާންމުކޮށް ވެސް ޝިފޯން ޝޯލް އެޅުމަށް ލޯބިކުރާ ދީއްކޮ ބުނާގޮތުގައި މި ވީޑިއޯގައި އޭނާ ގެނެސްދީފައި މިވަނީ އެންމެ ގިނައިން މީހުން ރިކުއެސްޓްކުރާ ހިޖާބް ސްޓައިލްތަކާއި އަދި އޭނާއަށް އެންމެ ކަމުދާ ހިޖާބް ސްޓައިލްތަކެވެ.

މިގޮތުން ފުރަތަމަ ދެ ސްޓައިލްގައި ފެނިގެންދަނީ ހާޢްސަ ހަފްލާއަކަށް ބުރުގާ ސްޓައިލް ކޮށްލެވޭނެ ގޮތެކެވެ. ދީޢްކޮ ބުނާގޮތުން މިއީ އެންމެ ގިނައިން ރިކުއެސްޓް ލިބޭ ދެ ސްޓައިލްވެސްމެ އެވެ. މި ދެ ސްޓައިލްގައި ވެސް ބުރުގާގައި ޖަހާލެވޭނެ ހެޑް ޕީސްއެއް ބޭނުންކޮށްފައިވާ އިރު، ތަންކޮޅެއް ދިގުކޮށް ބުރުގާ އަޅާލަން ބޭނުންވާ ފަރާތްތަކަށް ވެސް މި ސްޓައިލް ކަމުދާނެކަން ޔަގީނެވެ.

ތިންވަނަ ހިޖާބް ސްޓްއިލްއަކީ ޔަގީނުންވެސް ކޮންމެ މީހަކަށް ވެސް އަޅާލެވޭނޭ ފަސޭހަ އަދި އެހާމެ ރީތި ސްޓއަިލްއެކެވެ. ބިޒީކޮށް އުޅެމުން އަވަހަށް ޝޯލް އަޅާލަން ބޭނުންނަމަ މިއީ ކޮންމެހެންވެސް ޓްރައިކޮށްލުން ރަނގަޅު ސްޓައިލްއެކެވެ.

ކަންފަތުގައި ރީތި ގަހަނާއެއް އެއް ބޭޏުންކޮށްލުމަކީ ވެސް ފަހަކަށް އައިސް މަގްބޫލްވަމުންދާ ޓްރެންޑެކެވެ. މިގޮތުން ހަތަރު ވަނަ ސްޓައިލްގައި ދީއްކޮ ދައްކާލަދީފައި މިވަނީ މިފަދަ ސްޓައިލްއަކަށް ހިޖާބް އަޅާނެ ގޮތެކެވެ. މިއީވެސް ވަރަށް ފަސޭހަ ސްޓައިލްއެކެވެ.

ދެން ފެނިގެންދަނީ ވެސް ހަމަ އެހާމެ ފުރިހަމަ ސްޓައިލްއެކެވެ. އެއީ ކަރު ނިވާވާ ގޮތަށް އަޅާލާ ޓާބަން ސްޓައިލްއެކެވެ. މި ސްޓައިލްގައި ވެސް ކަންްފަތުގައި ބޮޅު ބޭނުންކޮށްފައިވާ އިރު، ކުރުކޮށް ބުރުގާއަޅާން ބޭނުންވާ ނަމަ މިއީ ވަރަށް ފުރިހަމަ ސްޓައިލްއެކެވެ.

އަޅާލަން ފަސޭހަ، އަދި އަޅައިގެން އުޅެންވެސް ފަސޭހަ މި ސްޓައިލްތައް އެންމެނަށް ވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

comment ކޮމެންޓް