"އިޒިއަން" ވަށައިގެން ހިނގަ ހިނގާ ހުރި ތަނާހާ ކުއްލިއަކަށް ހުއްޓެމުން އަނާލްގެ ކަންފަތާ ދިމާލަށް ގުދުވަމުން ބުނެލިއެވެ. އެއާއެކު ލިބުނު ސިހުމާއެކު އަނާލްގެ ހުރިހާ ހިއްސުތަކުގެ މަސައްކަތް ހުއްޓުނުފަދައެވެ.

ދެލޯ ބޮޑުކޮށްލެވުނު ގޮތަށް އަނާލްގެ ހަރަކާތް އެކީ މަޑުޖެހިގެން ދިޔައެވެ. ހިލައިގެ ބުދެއްފަދައިން އެސްފިޔަޖަހާނުލާ އެއް ދިމާލަކަށް ބަލަހައްޓައިގެން އިނދެވުނުއިރު ކަރުނަތައް ލޮލުގެ ތެރެއަށް ޖަމާވެފައި ވެއެވެ. ހީވަހީ ލިބުނު ޝޮކުގެ ސަބަބުން ފައިބަން ނޭގިފައި ތިބިހެންނެވެ.

ތަނާހާ އެބުނާ މަންޒަރު އޭނާގެ ލޮލަށް ސިފަވިއެވެ. އެމީހުން އޭނާއަށް ޑްރަގް ދިނުމުގެ ސަބަބުން އެ ބުނާ ޒުވާނާގެ މޫނު އޭނާ އަކަށް ނުފެނުނެވެ. އެހެންނަމަވެސް އެއީ އިޒިއަންއަށް ވާނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. ތަނާހާ ބޭނުންވަނީ އޭނާ އާއި އިޒިއަން އާއި ދުރުކުރާށެވެ. އެފަދަ ވާހަކައެއް އެ ދައްކަނީ އެ ދެމީހުން ދުރުކުރުވުމަށެވެ. ތަނާހާ ޖަހާލި ބާރު ހިނިގަނޑުގެ ސަބަބުން އަނާލްއަށް ހަމަބިމަށް އާދެވުނެވެ. ތަނާހާއާ ދިމާލަށް އޭނާގެ ނަޒަރު އަނބުރާލިއިރު ކަރުނަތައް އޭގެ މަޤާމް ދޫކޮށް ކޯތާފަތުން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ.

"ހުސް ދޮގު... ތި ދޮގުތައް އެހެން މީހަކު ކައިރީ ހަދަން ދޭ" އަނާލްއަށް ބުނެވުނެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ހިތުގެ ހިނގުން ހުއްޓި ސިކުނޑި ޕެރެލައިސް ވިއެވެ. ވާހަކަ ދެކެވުނު އިރުވެސް ހީވީ ހިލަގަނޑެއް ދޫމަތީގައި ބާއްވާފައި އޮތް ހެންނެވެ. ދޫ ރަނގަޅަށް ހަރަކާތެއް ނުކުރެއެވެ.

"އަހަރެން މި ހަދަނީ ދޮގެއް ނޫން. ކަލޭއަށް ޤަބޫލު ނުކުރެވެންޏާ..."

"ނުކުމޭ" އަނާލްއަށް ހަޅޭއްލަވަވައިގަނެވުނީ ދެ ކަންފަތުގައި އަތް އަޅައިލަމުންނެވެ. ތަނާހާގެ ވާހަކަ މެދު ކަނޑާލަމުން ހަޅެއްލަވައިގަތްލެއް ބާރުކަމުން ތަނާހާއަށް ވެސް ކަންފަތުގައި އަތް އަޅާލެވުނެވެ. ތަނާހާގެ ވާހަކަތައް ޤަބޫލު ކުރާކަށް އަނާލްގެ ސިކުނޑި ތައްޔާރެއް ނޫނެވެ. އެ ވާހަކަތައް ޤަބޫލް ކުރާކަށް ހަށިގަނޑުގެ އެންމެ ސެލްއެއްވެސް ތަނެއްނުދިނެވެ. އެހެންކަމުން ދެވަނަ ފަހަރަށް ވެސް ބާރަށް ހަޅޭއްލަވައިގަނެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެރޭގެ ހަނދާންތައް އޭނާގެ ސިކުނޑީގައި މާބޮޑަށް ގަދަވެގަތީއެވެ.

"ގޮސްދާނަން! އެކަމަކު އެރޭ ވީ ކަންތައް ރަނގަޅަށް ހަނދާން ކުރޭ، އިޒިއަން ގާތު އަހާ. އޭރުން ހަޤީގަތް ކަލޭގެ ކުރިމައްޗަށް އަންނާނެ. ވިސްނާލަބަލަ! ކިތަންމެ ފަހަރަކު އިޒިއަންގެ ފަރާތުން ކަލެއަށްއަށް ހުންނާނެ އިޝާރާތް ތަކެއް ފެނިފަ. ކަމަކާ ނުލާ އެތައް ފަހަރު އޭނަ ހުންނާނެ ކަލޭގެ ކިބައިން މާފަށް އެދިފަ. ކަލެއާ މެދު ބިރުގަނެފަ ހުންނަކަން އޭނާގެ މޫނުމަތިން ފެންނާނެ، ކަލޭ ގެއްލިދާނެތީ އެކަމާ ވިސްނާކަން އޭނާގެ މޫނުމަތިން ފެންނާނެ، ބުނެބަލަ؟ މިކަހަލަ މިކަހަލަ ކަންތަކެއް ފާހަގަ އެއްނުވޭތަ؟ އޭނަ ކައިރީ އަހާބަލަ އޭނަ ކަލެއާ އިނީ ކީއްވެގެންހޭ؟ މަށަށް ޔަޤީން އެކަމުން އޭނާ ގިލްޓީ ވާތީ ކަލެއަށް އެހީތެރިވާން ކަމަށް، އަހަރެންބުނީމަ ގަބޫލް ނުކުރާނަމަ އެއީ ކަލޭގެ ގަމާރުކަން... " ތަނާހާ ދޮރާ ދިމާލަށް ހިނގައިގަތީ އޭނާގެ މަޤްސަދު ހާސިލް ވެއްޖެކަމުގެ ފުރިހަމަ ޔަޤީން ކަމާއެކުގައެވެ.

*****

އިޒިއަން ގަނޑުތަކުގައި ސޮއިކޮށްފައި ފައިލެއް ހިފައިގެން ދާން އެނބުރުނު ވަގުތު އޭނާގެ ކުރިމަތީގައި ހުރި ޒަހްވާ ފެނި އޭނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. ޒަހްވާ ފަސްދީ އެނބުރި ދާން ފެށުމާއެކު ޒަހްވާ ހީގަތެވެ. އެހެންނަމަވެސް އިޒިއަން މަޑުކުރާ ހިޔާލެއް ނުކުރިއެވެ. ފިޔަވަޅުތައް ބާރުކޮށްލުމާއެކު ޒަހްވާ ވެސް އޭނާގެ ފަހަތުން ހިނގައިގަތީއެވެ. އެވަރުންވެސް އިޒިއަން ފަހަތް ބަލައެއްނުލިއެވެ.

"ކަލޭ ކިތަންމެ ބާރަށް ދިޔަޔަސް ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ހަހަ. އަނާލްއަށް އެހާލު ޖައްސާފަ ކަލެއަށް އެބަ އުޅެވޭ ދޯ ހަމަޖެހިލައިގެން" ޒަހްވާގެ އަޑާއެކު އިޒިއަންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ލިބުނު ހައިރާންކަމާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ފަހަތް ބަލާލެވުނެވެ. އޭރު ޒަހްވާވެސް ހުރީ ބަލަހައްޓައިގެންނެވެ. ޒަހްވާ ބަލަހައްޓައިގެން ހުރި ގޮތުން އިޒިއަން ވަކިން ހާސްވިއެވެ.

"ކިހިނެތްވީ؟ ހާދަ ވަރަކަށް ހާސްވީ، އެހެންވީމަ ހަމަ ޔަޤީނުންވެސް ކަލެއަށް އެބައޮތް ދޯ ކަމެއް ކުރެވިފަ؟" ދެބުމަ އަރުވާލަމުން ޒަހްވާ ބުނެލިއެވެ. އޭނާ ފުރަތަމަ ބޭނުންވީ އިޒިއަން ތަޅުވާލާށެވެ. އެކަން ކާމިޔާބު ކުރެވުނުކަން ޔަޤީންވީ އިޒިއަންގެ މޫނުމައްޗަށް އަރާފައި ހުރ ކުލަވަރުންނެވެ. ބަހެއް ބުނަން ނޭނގި އާގަމަވެފައި އިޒިއަން ހުންނަން ފެށުމުން ޒަހްވާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މަގޭ ހިތަށް އަރާ އަނާލްއަށް އެނގޭ ދުވަހުން ކިހިނެތްވާނެބާއޭ؟" ޒަހްވާ އިޒިއަންގެ ހަމަހިމޭން ކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ ބެލިއެވެ.

"ކަލޭ ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟" ނަފްސަށް ވެރިވަމުންދިޔަ ހާސްކަން ވަންހަނާ ކުރަން މަސައްކަތް ކުރަމުން އިޒިއަން ހަރުކަށިކަން އިސްކުރިއެވެ. ވާހަކަ ދެއްކުން ވީ ދަތިކަމަކަށެވެ. ނޭވާ އަރުތެރޭގައި ތާށިވެފައިހުރިހެން ހީވިއެވެ.

"ކަލޭގެ ސިކުނޑި ހާދަ އަވަހަކަށް މުސްކުޅިވީ، ހަނދާންނެތެން އަދި އެހާ ގިނަ ދުވަހެއްނުވެއެއްނު. އެކަމަކު ކަލޭ ހަނދާން ނެތިއްޔާ އަހަރެން ހަނދާން ކޮށްލަދީފާނަން. ކަލޭމެންގެ ސަބަބުންކަން އަނާލްއަށް އެހެންއެވީ. އަދިވެސް ނޭނގުނުތަ؟" ޒަހްވާ ވާހަކަކޮޅު މެދު ކަނޑާލަމުން އިޒިއަންއަށް ބަލާލިއެވެ.

"އޮޅުމެއް. ކަލޭ ތި ކިޔަން އުޅޭ އެއްޗެއް އަހަރެންނަކަށް ނޭނގެ" އިޒިއަން ބޭނުންވީ އެތަނުން ފިލާށެވެ. ޒަހްވާއަށް ހުރިހާ ކަމެއް އެނގިފައިވާކަން އެ ވާހަކަ ތަކުން އެބަ ހެކިދެއެވެ. އިޒިއަން ހިނގައިގަންނަން އުޅުނެވެ. އޭނާ ހީކުރީ ޒަހްވާއަށް ފިލުމުން އެ ވަގުތަށް އޭނާ އެ ހާސްކަމުން ސަލާމަތް ވާނޭކަމަށެވެ. އެހެންނަމަވެސް އިޒިއަންއަށް ނޭނގުނު ކަމަކީ ދެން އޭނާއަށް އެކަމުން ފިލެން ނެތްކަމެވެ. އެހެނީ ޒަހްވާގެ ރޭވުންގަނޑުގެ ފުޅާމިން އިޒިއަންއަށް ރޭކާލާފައެއްނުވެއެވެ.

"ވިއްސާރަރެއަކު އަންހެން ކުއްޖަކަށް ހެދި ގޮތް. ހަދަން ފަށާފަ ހުރި އިމާރާތެއްގެ ތެރޭގަ، " ޒަހްވާގެ ޖުމްލައިން އަނެއްކާވެސް އިޒިއަންގެ ފިޔަވަޅުތައް މަޑުވިއެވެ. އަތުގައި އޮތް ފައިލަށް ބާރުކުރަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އެއަށްފަހު އެނބުރިލީ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ގެންނަމުންނެވެ.

"ކަލޭ ކީކޭ ކިޔަން ތިއުޅެނީ؟" އިޒިއަން އަހާލިއެވެ. ކިތަންމެ ހަރުކަށިކަން ގެންނަން މަސައްކަތް ކުރިނަމަވެސް އޭނާގެ ހަށިގަނޑާ ހިތާ ނަފްސު އެކަމަށް ތަނެއްނުދިނެވެ. އަޑު އައީ މަޑުންނެވެ.

"ނޭނގެންޏާ އަހަރެން ކުރާނެ އިތުރު ކަމެއްނެތް ކަލޭ ތި ދާތާކަށް ދޭ" ޒަހްވާ ބުނެލިއެވެ.

އިޒިއަން އަނެއްފަރާތަށް އެނބުރުނުއިރު އޭނާގެ ހިތުގެ ހިނގުން ވަނީ އާދަޔާ ހިލާފަށް ބާރުވެފައެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަނެއްކާވެސް ހުއްޓެން މަޖުބޫރުވީ ޒަހްވާގެ އަޑުންނެވެ.

"މިހާރު ހުރިހާކަމެއްވެސް ނިމޭނެ އިޒިއަން! އިތުރަށް އަނާލް ގާތަށް ދިޔުމުގެ ބޭނުމެއް ނެތް..... އިޓްސް އޯވާ!" ޒަހްވާގެ ޖުމްލައިން އިޒިއަންގެ ދުނިޔެ ވެސް އެނބުރިގެތް ފަދައެވެ. ފައިދަށުން ބިނގަނޑު ދެމިގެން ދިޔަ ފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. ވަށައިގެންވީ މާހައުލު އެބުރިގެން ދިޔަހެން ހީވިއެވެ. ބޮލަށް އެނބުރުން އަރާ މޫނުމައްޗަށް އަނދިރިވެގެން ދިޔަހެންހީވެ ކައިރީގައި ހުރި ފާރުގައި އަތް އަޅުވާލިއެވެ. ޒަހްވާގެ އެ ޖުމްލައިން އެ ހަށިގަނޑުގެ ހުރިހާ ނާރަކަށް ވެސް ވާންކަން ވެރިވެ ހިތާ ނަފްސު ހައިޖާނުގަޑެއްގެ ތެރޭގައި ބަނދެވިގެން ހިނގައްޖެއެވެ.

"ކީކޭ؟" އިޒިއަންއަށް މަޑުމަޑުން އަހާލެވުނެވެ. އެ އަޑުގައިވަނީ ވޭނެވެ. ޒަހްވާއަށް ބަލާލެވުނުއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މިހާ އަވަހަށް އަނާލްއަށް އެ ހަޤީގަތް އެނގިގެން ނުވާނެއެވެ. އަދި އޭނާ އެއިން އެއްވެސް ކަމަކަށް ތައްޔާރެއްނޫނެވެ. ނަފްސަށް ވެރިކުރި ހަރުކަށިކަން ފިލާ ހިތާމައިގެ ސާލެއް ގައިގައި އޮޅާލެވިއްޖެއެވެ.

"ކަލޭ ދޭބަލަ! ހަހަ.... އަވަހަށް ދިޔައިއްޔާ އެ ހަޤީގަތް އެ މީހަކު ބުނުމުގެ ކުރިން ހުއްޓުވިދާނެ އެހެންނޫނީ" ޒަހްވާ އޭނާގެ ކަރުގައި އަތް ޖައްސާލަމުން އިޝާރާތެއް ކޮށްލިއެވެ.

ނަފްސަށް އައި ބަދަލާއެކު އޭނާއަށް އެނބުރި ދުއްވައިގަނެވުނީއެވެ. ފައިލް ވެސް ވެއްޓި ގަނޑުތައް އެކި ދިމަ ދިމާލަށް ބުރައިގެން ދިޔައެވެ. ލިފްޓް ގާތަށް ހުއްޓުމަށްފަހު ހުންނަން ހޭދަވި އެ ކުޑަ ވަގުތު ކޮޅުވެސް އޭނާއަށް ހީވީ ގަރުނެއްހެންނެވެ. އެހެންކަމުން ސިޑިން އޭނާ މައްޗަށް އެރިއެވެ. އަތުގައި އޮތް ކާޑު ޖައްސާލާ އިޒިއަން ދޮރުން އެތެރެއަށް ވަނެވެ. އެއަށްފަހު ފިޔަވަޅެއް އެތެރެއަށް އަޅާލިއެވެ. އަނާލްގެ ކޮޓަރިން ނުކުތް ތަނާހާ އިޒިއަންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޒަހްވާ އެ ބުނާ ކަންތައް އެކުރީ ތަނާހާ ހެއްޔެވެ؟ ޒަހްވާ އާއި ތަނާހާ އާއި އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން މިވަގުތު ހުރެވޭކަށް ނެތެވެ. އެހެންކަމުން އޭނާ ތަނާހާއާ ހިސާބަށް ގޮސް ދެބުމަ ގޮށްޖަހާލިއެވެ. އަދި އަތުގައި ހިފާ ދުރަށް ހޫރާލިއެވެ. އިޒިއަން ފެނިގެން ސިހިފައި ހުރި ތަނާހާ ނުވިސްނާ ހުރުމުން އެފަދަ ގޮތަކަށް އިޒިއަން އޭނާ ކޮށްޕާލުމާއެކު ނުވެއްޓުނީ ކިރިއާއެވެ.

އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިން އަނާލް ސިހުނީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވުމުންނެވެ. އިޒިއަން ފެނި އަނާލްގެ ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރަން ފެށިއެވެ. ސިކުނޑީގައި ތަނާހާ ދެއްކި ވާހަކަތައް ގުގުމަން ފެށިއެވެ. ތަނާހާ އޭނާގެ ހިތަށް ހަރާފައި އެ ދިޔަ ހަންޖަރުގެ ސަބަބުން އިޙްސާސްވަމުން ދިޔަ ވޭން ދެގުނަވެގެން ދިޔައެވެ.

"ނާލް" އިޒިއަން ކަރުނަވީ ދެލޮލުން އަނާލްއަށް ބަލާލަމުން ކުރިއަށް ފިޔަވަޅެއް އަޅަން މަސައްކަތް ކުރިއެވެ. އަނާލް އިން ގޮތުން ހަޤީގަތް އަނާލްއަށް އެނގިއްޖެކަން އިޒިއަންއަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން ފައި ނެގުނީ ވެސް އެހާ ހާލުންނެވެ. ފައިގައި ބަރުހިލައެއް އެލުވާފައި ހުރިހެން ހީވިއެވެ.

"ނޫން" ވައިއަޑުން އަނާލްއަށް ބުނެވުނެވެ.

"އިޒިއަން ކީއްވެ؟ އެއީ އިޒިއަން ތަ؟" އަނާލް ކުރިއަށް ފިޔަވަޅު އަޅަން ފެށި އިޒިއަންއަށް ބަލާލަލުން އަހާލިއިރު އެ އަޑު ނުކުތީ ވައިއަޑުންނެވެ. އެ ކޯތާފަތުން ތިރިއަށް ކަރުނަތައް ފައިބަނީ ލޮލުން ފައިބާ ތާޒާ ކަރުނައަށް ތަންދެމުންނެވެ.

"ނާލް އަޑު އަހާބަލަ" އިޒިއަން ކުރިއަށް ފިޔަވަޅެއް އަޅަމުން ވާހަކަ ދެއްކީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ. އަނާލްއަށް ހަޤީގަތް އެނގުމުން ފޮރުވުމުގެ އިތުރު މާނައެއް ނެތޭ އިޒިއަންއަށް ހީވަނީއެވެ. އެހެންކަމުން އޭނާ މިފަހަރު ދޮގު ހަދާކަށް ނޫޅުނެވެ.

"ހަބަރު ދާރު އަހަރެންނާ ކައިރިނުވާތި!" އަތްތިލަ އިޒިއަންއަށް ދައްކާލާ އަނާލް އިޒިއަން ކުރިއަށް އައުން މަނާކުރިއެވެ. އިޒިއަންގެ އަމަލުތަކުން ދެންމެ ތަނާހާ އެއްކަމަކު އެ ދެއްކީ ހަމަ ތެދު ވާހަކަ ތަކެއްކަން އަނާލްއަށް އެނގިގެން ދިޔައެވެ.

"އެހަށް އަހަރެން ކުރާ ސުވާލަށް ޖަވާބުދީ އިޒިއަން... އެއީ ތެދެއްހޭ؟ އަހަރެންނަށް މިހާލު ޖެހުނު ސަބަބުގެ ފަހަތުގައި އިޒިއަންގެ އަތެއްވޭތަ؟ އިޒިއަން އަހަރެންނާ އިނީ ހުރިހާކަމެއް އެނގިހުރެތަ؟ އޭނަ އެ ދެއްކީ ތެދު ވާހަކަ އެއްތަ؟ ޖަވާބު ދީބަލަ" އަނާލް ހަޅޭއްލަވައިގަތެވެ. އޭނާ ބޭނުންވަނީ ޖަވާބު އިޒިއަންގެ ފަރާތުން އަޑު އަށާށެވެ.

"ނާލް އަހަރެން..... އިހަށް..... އަޑުއަހާބަލަ" އިޒިއަން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންނަމަވެސް މިފަހަރުވެސް ހުއްޓެން މަޖުބޫރުވީ އަނާލް ހަލޭއްލަވައިގަތުމުންނެވެ.

"ކޮންފަދަ ބޮޑު އޮޅުވާލުމެއް... ކޮންފަދަ ބޮޑު ލަނޑެއް... ކޮންފަދަ ނުބައި މީހެއް" އަނާލްއަށް ބުނެވުނެވެ. އޭނާއަށް ގިސްލާ ބާރަށް ރޮވިއްޖެއެވެ. ރޮމުން ރޮމުން އިސްޖަހާލި އަނާލްއަށް އިޒިއަން ބަލަން ހުރީ ކުށްވެރިއެއް ފަދައިންނެވެ. މަޑުމަޑުން އަނާލްއާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއިރު އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ކަރުނަތައް ކޯތާފަތަށް ފައިބަން ނެގީ މަދު ސިކުންތުކޮޅެކެވެ.

"ނާލް އައި އެމް ސޮރީ..." މަޑުމަޑުން ހިނގާފައި އައިސް އަނާލްގެ ގޮނޑިއާ އެއް ހަމައެއްގައި އިށީނދެ އިނދެ އިޒިއަން މާފަށް އެދުނެވެ. އޭނާ އަނާލްގެ ކަކުލުގައި އަތް އަޅުވާލިއެވެ. އަދި އަނާލްގެ މޫނަށް ބަލާލިއެވެ.

"ޔޫ ޑޯންޓް ލަވް މީ. ޔޫ ލައިޑް ޓު މީ. އަހަރެންނާ އިނީ ހަމައެކަނި ހަމްދަރުދީ ވާތީ. އިޒިއަން ހީކުރީ އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވުނީމަ އިޒިއަން ކުރި ކުށަށް މާފުދެވޭނެކަމަށްތަ؟ ނޫން. ހަމަމިހާރު ދުރަށް ދޭ! ތި މުޑުދާރު އަތުން އަހަރެންގެ ގައިގައި އަތް ލައިގެން ނުވާނެ" އިޒިއަންގެ ދެކޮނޑުގައި ހިފާ އަނާލް އިޒިއަން ދުރަށް ކޮށްޕާލިއެވެ. ޖެހުނު ގޮތުން އިޒިއަންއަށް ތަދުވެސް ވިއެވެ. އެހެންނަމަވެސް އެވަގުތު ހަށިގަނޑަށް އެވީ ތަދަށް ވުރެ އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރު ބޮޑެވެ. އޭނާ ބިނާކުރި ލޯބީގެ ގަނޑުވަރު ބިމާ ހަމަވިފަދަ އިޙްސާސްއާ އެކު ދެލޯ މަރާލެވުނެވެ.

އަނާލްއަށް އިޒިއަންއަށް ބަލާލެވުނެވެ. އޭނާގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އިވިގެންދިޔަ ހަޤީގަތާ ކުރިމަތިލާނީ ކިހިނެތްކަމެއް އަނާލް އަކަށް ނޭނގުނެވެ. އެންމެ ލޯބިވި މީހާވެސް އޭނާއަށް ކެހިދިނީއެވެ. ލޯބީގެ ނަމުގައި އޮޅުވާލީއެވެ. އޭނާ އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟ އެންމެ ލޯބިވާ އެއް ފަރާތުން އޭނާއަށް ދީފައިއެވާ އަނިޔާ އެނގުމާއެކު އެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. މޭތެރޭގައި އޮތް ހިތުގައި އެތަކެއް ކޫރުމެއް އެޅިގެން ހިނގައްޖެއެވެ. އޭނާގެ ހަޔާތް ބަރުބާދުވެ ފުނޑުފުނޑު ވިފަދައެވެ. އޮމާން ކަމާއެކު ދިޔަ ދިރިއުޅުމަށް މި އެޅުނީ ކާކުގެ ހިޔަންޏެއް ހެއްޔެވެ؟ ކުރިމަތިމިވީ ހާދަ ވަރުގަދަ ތޫފާނަކާއެވެ. ކޮޅިގަނޑުގެ ވަރުގަދަކަމުން އޭނާގެ ހަޔާތުގެ ނައު ފުނޑުފުނޑު ވާނެކަން ގައިމެވެ. އިޒިއަން އާއި އޭނާއާ ވެގެން ބިނާ ކުރި ލޯބީގެ މާބަގީޗާގައި ފޮޅުނު މާތަށް މިލާ މޯޅިވެއްޖެއެވެ. ހަޤީގަތާ ކުރިމަތިލާނެހާ ހިތްވަރެއް އަނާލްގެ ނެތެވެ. އެއަށް ވުރެ އޭނާ ވަނީ ބަލިކަށިވެފައެވެ.

އިޒިއަންއަށް ތެދުވެވުމާއެކު އަނެއްކާވެސް އަނާލްގެ ގާތަށް އައިސް ހުއްޓެވުނެވެ. އަނާލްގެ އަތުގައި ހިފާ އޭނާ އެއަތަށް ބާރުކޮށްލިއެވެ.

ނާލް... އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫނޭ... ޕްލީޒް.... އަހަރެންނަށް މާފު"

"މާފު، ހާދަ ފަސޭހައޭ އިޒިއަންއަށް ތިހެން ބުނަން، އަހަރެން އުޅުނީ ކޮންފަދަ ހާލެއްގައި ކަން އެނގޭތަ؟" އަނާލްއަށް ބުނެވުނެވެ. އޭނާ އިޒިއަންގެ އަތް ފޮޅުވާލިއެވެ.

"ނާލް، ޕްލީޒް އައި ލަވް ޔޫ. އައި ރިއަލީ ޑޫ..."

"ހުސް ދޮގު... ކުރެވުނު ކުށަށް ގިލްޓީ ވާތީ އިޒިއަން އަހަރެންނާ އިނީ... ހަމްދަރުދީ އުފެދިގެން. އިޒިއަން ހީކުރީ އިޒިއަން އަހަރެންނަށް އެހީތެރިވީމަ އެހިސާބުން އެ ހުރިހާކަމެއް ނިމުނީކަމަށްތަ؟ ނޫން... ތި ވިސްނުން ގޯސް.... އަހަރެންގެ ހަޔާތުން ދެން އިޒިއަން އަކަށް ޖާގައެއް ނެތް" އަނާލްއަށް ބުނެވުނެވެ.

"ނާލް ނޫން، އަހަރެން ކޮންމެ އަދަބެއްވެސް ގަބޫލް ކޮށްފާނަން، އެކަމަކު ތި ހަޔާތުން އަހަރެން ދުރަށް ނުލާ... އަހަރެންނަށް ކުރެވުނު ކުށަށް ތައުބާ ވެއްޖައިން. ނާލްގެ ކޮންމެ އަދަބެއް ރުހިގެން ޤަބޫލް ކޮށްފާނަން. އެކަމަކު ނާލްގެ ހަޔާތުން އަހަރެން ބާކީ ނުކުރޭ! އާދޭސް ކުރަން... އެއީ އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް..... ޕްލީޒް" އިޒިއަން އަނާލްގެ ގާތުގައި އިށީނދެ އާދޭސް ކުރަން ފެށިއެވެ. އޭނާގެ ލޮލުންވެސް ކަރުނަ ފަބައިބަމުން ދިޔުމާއެކު އަޑުގައިވެސް މަޑު މަޑު ތުރުތުރު އެޅުމެއް ވިއެވެ.

އަނާލް އަބަދުގެ އަބަދަށް އޭނާއާ ވަކިވުމުގެ ހިޔާލާއެކު އޭނާގެ މެއަށް ބާރުވެ ނާރުތައް ފިތޭފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. ހަށިގަނޑުގައި ހުރި ހުރިހާ ނާރު ތަކުގައިވެސް ފިނިކަމެއް ދައުރުކޮށްލިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވީ ދެވަނަ ފަހަރަށްވެސް އަނާލް އެ ޖުމްލަ ތަކުރާރު ކޮށްލުމުންނެވެ.

"އަހަރެން ހިތަށް އަރާ އަހަރެންފަދަ ކިތައް ކުދިންނަށް އެފަދަ ލަނޑެއް ދީފަބާއޭ ހުންނާނީ" އަނާލްއަށް ބުނެވުނެވެ.

"ނޫން... ނާލް ނޫން... ތިހެން ނުބުނޭ އަހަރެން... އަހަރެން އެރޭ... ގަސްތުގައެއްނޫން... ދުވަހަކުވެސް އެރޭ ނޫނީ އެފަދަ ކަމެއް..." އިޒިއަންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާ އުނދަގުލުން ހިން ދިރުވާލިއެވެ.

"އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއްނޫން، ހަމަ މިހާރު އަހަރެންގެ އެކަނި ހާލަށް ދޫކޮށްލުމަށްފަހު މިތަނުން ދޭ! އަހަރެންނަށް އެހީތެރުވުމުގެ ހައްޤު އިޒިއަންއަށް ގެއްލިއްޖެ... އަހަރެން ބޭނުމެއް ނޫން ތިފަދަ މީހެއް އަހަރެން ފެންނަ ހިސާބުގަ ވެސް ބަހައްޓާކަށް" އަނާލް ބާރަށް ބުނެލި ކަމުގައިވިނަމަވެސް އެ އަޑުވެސް އައީ ކެނޑެމުން ކެނޑެމުންނެވެ.

އިޒިއަން ތެދުވެ އަނާލްގެ ގައިގައި ބައްދާލިއެވެ.

"އައި އެމް ސޮރީ ނާލް، އަހަރެންނަށް އެ ގޮތަށް ކަންތައް ކުރެވުނަސް. މިހުތުގައި އަނާލްއާ މެދު ލޯބިވޭ... ގުޅުނީ ލޯބިވާތީ... " އިޒިއަން ބުނެލިއެވެ. އަނާލް އިޒިއަން ދުރަށް ކޮށްޕާލަން މަސައްކަތް ކުރިއެވެ.

"ހުސް ދޮގު..." އަނާލް އިޒިއަންގެ މޭގައި އަޅާ ކޮށްޕާލިއެވެ.

އަނާލްގެ އިތުބާރު އެ ގެއްލުނީ އޭނާއަށް އަމިއްލައަށް ކުރެވުނު ކުށަކުންނެވެ. އެހެންނަމަވެސް މިހާރު ކުރެވޭނޭ އިތުރުކަމެއް ނެތެވެ.

ދެމީހުންގެ ހަޔާތުގައި އައި މި ކޮޅިގަނޑުން ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަކަށް ދެވޭނޭ އިތުރު އެއްވެސް މަގެއް ފެންނާކަށްނެތެވެ. ކުރިމަތީގައި ފެންނަން އޮތީ އެއްވެސް އުޖާލާކަމެއްނެތް އަނދިރިގަނޑެވެ.

އަނާލްއަށް ވިސްނައިދޭން އިޒިއަން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބުވެ ކަރުއެލުވާލަން ޖެހުނެވެ. ދުރަށް ދެ ފިޔަވަޅު އަޅާލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. އަނާލްގެ މޫނުމަތިން އޭނާއަށް ޓަކައި ފެނުނު ނަފްރަތުގެ ކުލަވަރުން އެހިތުގައި ވެސް ޒަހަމްތަކެއް ލެވިއްޖެއެވެ. سبحان الله އެވެ. މިއީ ކޮންފަދަ އިމްތިހާނެއްހެއްޔެވެ؟.

(ނުނިމޭ...)

https://sun.mv/117095

comment ކޮމެންޓް