އެއީ ތެދެއް، ފްލެޓުގެ ވާހަކަ މިދައްކަނީ ވޯޓާ ދިމާކޮށް: ނަޝީދު

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު -- ފޮޓޯ/ އެމްޑީޕީ

ވެށިފަހި މާލޭގެ ވާހަކައާއި ފްލެޓުތަކުގެ ވާހަކަ ދައްކަނީ ވޯޓާ ދިމާކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ވެށިފަހި މާލެ" ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ފޯރަމުގައި ވާހަކަދ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ

"މިވާހަކަ އަކީ ވޯޓާ ދިމާކޮށް އަޅުގަނޑުމެން ދައްކާ ވާހަކައެއް. ޑިމޮކްރެޓިކް އުސޫޫލުން ހިނގާ ގައުމެއްގައި ކަންތައް ހައްލު ކުރާނީ ވޯޓާ ގުޅުވައިގެން،" ނަޝީދު ވިދާޅުވީ އެ ވާހަކަތަކަކީ ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދޭންވީ ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މަޖިލީހުގެ އަގުލަބިއްޔަތު ދެއްވާފިއްޔާ އެކަން ކުރާނަމޭ،" މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، ސިޓީ ކައުންސިލަކީވެސް އެމްޑީޕީގެ ކައުންސިލެއް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ "އަދިވެސް މިަކން ކުރާނެ ފުރުސަތު" ރައްޔިތުން ނުދޭ ކަމަށެވެ.

ކޮންމެ ވޯޓަކަށްވެސް "މުޅި ހަޔާތް ބަދަލުވާނެ" މަޝްރޫއުތައް ހުށަހަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ މަޝްރޫއަށް ފްލެޓަށް އެދި 8765 މީހުން ކުރިމަތިލީ ކަމަށާއި އެމީހުންނަކީ މި ސަރުކާރުގައި ފްލެޓު ދޭނެ މީހުންގެ ލިސްޓުގައި ހިމެނޭނެ ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި "މަޖިލިސް މެންބަރަކަށް 37 ފްލެޓު" ދިން ކަމަށާއި ފްލެޓުތައް ދީފައި ހުރީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމައެކަނި ނަންޖަހާފައި ހުރި ފޯމުތަކަށްވެސް ފްލެޓު ދީފައި އެބަހުރި ކަމަށާއި ހަމައެއް ނެތި ދިން ފްލެޓުތައް އަތުލައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައިވެސް ވެށިފަހިމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ދައްޗެއް ކުރިމަތިވީ މަޖިލިސް ތެރެއިން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ސަރުކާރުގައި ބޯހިޔާވަހިކަމަށް ކުރިއަށް ގެންދިޔަ ވެށިފަހި މާލެ މަޝްރޫއު ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔައީ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ނަމުގައެވެ. ފަހުން ވަނީ "ހިޔާ" މަޝްރޫއުގެ ނަމުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިފައެވެ.

އެ މަޝްރޫއުގެ ދަށުން ފްލެޓު ދީފައި ހުރިގޮތް ބެލުމަށް މި ސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލައިފައެވެ.

comment ކޮމެންޓް