ޗައިނާ މެޝިނަރީ އެންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ގެ އެހީތެރިކަމާ އެކު ޒަމާނީ ފެންވަރަކަށް މަރާމާތު ކުރުމަށްފަހު ޓޭބަލް ޓެނިސްގެ އާ ހޯލު ރަސްމީކޮށް ހުޅުވައިފިއެވެ.
ރާއްޖޭގެ ޓީޓީއަށް ލޯބި ކުރާ ގިނަބައެއްގެ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ހެދުމަށްޓަކައި ޔޫތު މިނިސްޓަރީއާއި ސީއެމްއީސީ ގެ އެހީތެރިކަމާއި އެކު ޓީޓީ ކުޅުމަށް ހާއްސަކޮށް މަރާމާތު ކުރުމަށްފަހު ހުޅުވާފައި ވަނީ ކުރިން ހެންވޭރު ޔޫތު ސެންޓަރު ހުރި ހޯލުގަ އެވެ. މީގެ ކުރިންވެސް ޓީޓީ ކުޅުމަށް އެ މަރުކަޒު ބޭނުން ކުރި ނަމަވެސް އެތަނަކީ ޕްރޮފެޝަނަލް މުބާރާތް ބޭއްވުމާއި ތަމްރީންތައް ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ތަނަކަށް ވުމުން އެ ތަން ބޭނުން ކުރަމުން ދިއައީ ޒުވާނުން ހުސްވަގުތު ތަކުގައި ގޮސް ސަކަރާތް ޖަހާ މަޖާ ކޮށްލުމަށް ދާ ތަނެއްގެ ގޮތުގަ އެވެ.
އާ ސަރުކާރާއި އެކު ކުޅިވަރާއި ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް މަގާމާއި ހަވާލު ވުމަށްފަހު ރާއްޖޭގެ ކުޅިވަރުތައް ކުޅޭ ތަންތަނުގެ ހާލަތް ބެއްލެވުމަށް ފަހު ޓީޓީ ކުޅެން ރަނގަޅު ސެންޓަރެއް ބިނާ ކުރުމުގެ ގޮތުން އެންމެ ޒަމާނީ ފެންވަރެއްގައި ޓީޓީ ކުޅޭނެ ތަނެއް މި ވަނީ ތަރައްގީ ކުރައްވާފަ އެވެ.
Table Tennis ???? Association Of Maldives Indoor Hall Electrical Project Completed pic.twitter.com/pQpETjqPtK
— bkainvestment7754133 (@bkainvestment2) March 17, 2019
ކުރިން ޔޫތް ސެންޓަރެއްގެ ގޮތުގައި އޮތް އެ މަރުކަޒު މަރާމާތަށް ފަހު އަލުން ހުޅުވާފައި ވަނީ ބޮޑެތި ބަދަލުތަކާ އެކު އެވެ. އެގޮތުން ތަން އެއާ ކޮންޑިޝަން ކުރުމާއި ޓީޓީ ކުޅޭނެ ޒަމާނީ ވަސީލަތްތައް އިތުރު ކުރުމުގެ އިތުރުން ޕްރޮފެޝަނަލް މުބާރާތްތައް ވެސް އެތަނުގައި ބޭއްވޭނެ ފަދަ ގޮތަކަށް ހޯލުގެ ޖާގައަށް ވެސް ވަނީ ބަދަލު ތަކެއް ގެނެސްފަ އެވެ.
ރޭގެ ވަގުތެެއްގައި ވަގުތީ ގޮތުން ޔޫތް މިނިސްޓަރީއާ ހަވާލުވެ ހުންނެވި އަލީ ވަހީދު އެ ހޯލު ހުޅުވައި ދެއްވި އިރު ޗައިނާގެ ސީއެމްއީސީ ކުންފުނިން ވަނީ ޓީޓީ ކުޅޭނެ ސާމާނުތަކެއް ވެސް ހަދިޔާ ކޮށްފަ އެވެ.
މީގެ އިތުރުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރުމާއި ޓީޓީ ކުޅުންތެރިން އުފައްދަން މި ހޯލުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ޓޭބަލްޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވަނީ ވިދާޅުވެފަ އެވެ.
ޓީޓީ އަކީ ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖެއިން އެންމެ ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ އެއް ކުޅިވަރެވެ. އެގޮތުން މިއަހަރުގެ ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ހޯދާފަ އެވެ.