"ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" މިއަދު ފަށައިފި

މިއަދު ފެށުނު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ގެ ތެރެއިން --- ސަން ފޮޓޯ/ އަބްދުﷲ އައިމަން

އިންތިހާބީ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމަށްވާ މޫދު ކުޅިވަރުގެ ކޮންވެންޝަން "ދިޔަރެސް" މިއަދު ފަށައިފި އެވެ.

"ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ގެ ނަމުގައި ފެށި މި ބައްދަލުވުމަކީ މޫދު ކުޅިވަރުގެ ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ހިމަނައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ބައްދަލު ވުމެކެވެ. މި ކޮންވެންޝަނުގައި މޫދު ކުޅިވަރުތަކަށް ހުރި ފުރުސަތުތަކާ މިކަމަށް ހުރި ގޮންޖެހުންތަކުގެ އިތުރުން މި ކުޅިވަރުތައް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ.

މިއަދު ފެށުނު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ގެ ތެރެއިން --- ފޮޓޯ/ ޔޫތް މިނިސްޓަރީ

މިއަދު ހެނދުނު ފެށުނު މި ބައްދަލުވުން މިއަދު ހަވީރު 6:00 ޖަހަންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންވެންޝަނުގެ މައިގަނޑު މަގްސަދަކީ މޫދު ކުޅިވަރުގެ ކޮމިއުނިޓީއާއި ސަރުކާރާއި އިތުރަށް ގުޅުން ބަދަހިކޮށް އެ ކުޅިވަރުތަކުގައި ޝާމިލްވާ ބޭފުޅުންގެ ހިޔާލުތައް ސަރުކާރަށް ހުށައަޅައި ސަރުކާރުން ފޯކަސް ކުރަންވީ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުން ކަމަށް އެ ކޮންވެންޝަން ބޭއްވުމުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ގާނޫނީ ވަކީލު އަދި ސްޕޯޓްސް ކައުންސިލްގެ ރައީސް ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ދިޔަރެސް ކޮންވެންޝަނުގައި ކުރެވޭ މަޝްވަރާތަކާއި ދެކެވޭ ހިޔާލުތަކުގެ ރިޕޯޓް ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ހުރިހާ ވަޒީރުންގެ އިތުރުން ރައީސް އާއި ނައިބު ރައީސްއަށް ހުށައެޅުމުގެ ފުރުސަތު މި ކޮންވެންޝަން ނިމުމާ އެކު ލިބިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީއާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީއާ މިވަގުތު ހަވާލުވެ ހުންނެވި އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރާއި މޫދު ކުޅިވަރުގެ ފަންނުވެރިންނާއި ދެމެދު ހިޔާލު ބަދަލު ކުރުމަށް މިއަދު މި ފެށި ކޮންވެންޝަންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމާއި ކުޅިވަރުގެ ރިނގުން މިހާރު މިއޮތް ހިސާބެއް ވުރެން ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް އޮތީ ކުޅިވަރުތައް ކުޅުމަަށް އެކަށީގެންވާ ގޮތަށްތޯ އެބަ ޖެހޭ ބަލަން. އެކަމަށް ބަދަލު ގެންނަން ޖެހޭ ނަމަ އެފަދަ ކަންކަން ހިއްސާ ކުރުަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މި ކޮންވެންޝަނަކީ،" އަލީ ވަހީދުގެ ވާހަކައިގައި ވިދާޅުވިއެވެ.

މިއަދު މި ފެށުނު ކޮންވެންޝަން ފެށިގެން ދިޔައީ ޕެނަލް ޕޮލިސީތަކާއި ބެހޭ ޕްރެސެންޓޭޝަންތަަކަކުންނެވެ. މި ޕްރެސެންޓޭޝަނުގައި މައުލޫމާތު ދީފައި ވަނީ ސްޕޯޓްސް ކައުންސިލްގެ ފަރާތުން އިބްރާހިމް އިސްމާއިލް އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއީ) ގެ ފަރާތުން ހުސައިން އިބްރާހިމްގެ އިތުރުން ހަޔާ އެޑިއުކޭޝްންގެ ފަރާތުން ޑރ. ޝަމްމާ ހަމީދު އެވެ.

މިއަދު ފެށުނު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ގެ ތެރެއިން --- ފޮޓޯ/ ޔޫތް މިނިސްޓަރީ

މީގެ އިތުރުން ވަކި ވަކި ކުޅިވަރުތަކުގެ ޕެނަލް ޕްރެސެންޓޭޝްތައް ހިއްސާކުރާނީ ސްވިމް މޯލްޑިވްސްއާއި ސެއިލިންގް އެސޯސިއޭޝަނާއި ރޯވިންގް އެސޯސިއޭޝަނުގެ އިތުރުން ސާފިންގެ އެސޯސިއޭޝަނާއި ޑައިވިން އަދި ސްވިމިންގް އެސޯސޭޝަނުންނެވެ.

ޕެނަލް ޕްރެސެންޓޭޝަނަށް ފަހު ދެން ކުރިއަށް ދާނީ ސުވާލާއި ޖަވާބު ހުށައެޅުމުގެ ފޯރަމެކެވެ. އެ ފޯރަމުގައި ކުރިން ބުނެވުނު ކޮންމެ ކުޅިވަރުގެ ދާއިރާއެއްގެ ބޭފުޅަކާއި ދެ ސުވާލު ކުރެވޭނެއެވެ. އެއަށްފަހު ދެން އޮންނާނީ ކޮންވެންޝަނުގެ ބައިވެރިން ގުރޫޕު ތަކަށް ބަހާލައިގެން މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ބޮޑުބައި މިހާރު ނިންމާލާފައިވާ އިރު ބާކީ ހުރި ވައުދުތައް ނިންމުމައްޓަކައި ސަރުކާރުގެ ވުޒާރާ ތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް