"ދަ ސްކައި އިޒް ޕިންކް"ގެ ޝޫޓިން ނިމިއްޖެ

ރޯއީ ކަޕޫރު ފިލްމްސްގެ ފުރަތަމަ ޕްރޮޖެކްޓު، 'ދަ ސްކައި އިޒް ޕިންކް'ގެ ޝޫޓިން މުޅިން ނިމިއްޖެ އެވެ.

ވަރުގަދަ ކާސްޓަކާ އެކު ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ފިލްމުގެ ޝޫޓިން ނިންމައިލި އިރު، އެންމެ ފަހު މަންޒަރުތައް ނަގާފައި ވަނީ އަންޑަމަންސް އެންޑް ނިކޯބާ އައިލެންޑްސްގަ އެވެ. ވާހަކަދެއްކުންތެރިޔާ އައިޝާ ޗޯދުރީގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ކުޅަދާނަ އެކްޓަރު ފަރްހާން އަޚްތަރު، ޕްރިޔަންކާ ޗޯޕްރާ އަދި ޒާއިރާ ވަސީމް އެވެ. މިއީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރިޔަންކާ ފެނިގެންދާނެ ފުރަތަމަ ހިންދީ ފިލްމެވެ. އައިޝާ ޗޯދުރީ އަކީ އުމުރުން އެންމެ 13 އަހަރުގައި ޕަލްމޮނަރީ ފައިބްރޯސިސްގެ ޝިކާރައަކަށްވެ، މޯޓިވޭޝަނަލް ސްޕީކާއަކަށް ވި މީހެކެވެ.

ފިލްމުގައި އައިޝާގެ ރޯލުން ފެނިގެންދާނީ ޒާއިރާ އެވެ. ޕްރިޔަންކާ އަދި ފަރްހާން ފެނިގެންދާނީ ޒާއިރާގެ މައިންބަފައިންގެ ރޯލުންނެވެ. ޝޯނާލީ ބޯސްގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު އެވެ.

comment ކޮމެންޓް