ތަހުގީގު ނުނިމެނީސް ސޮނާކްޝީ ހައްޔަރެއް ނުކުރެވޭނެ!

ބޮލީވުޑް ބަތަލާ ސޮނާކްޝީ އާ ދެކޮޅަށް ހުށަހަޅައިފައިވާ މަކަރުހެދުމާއި އޮޅުވާލުމުގެ މައްސަލައިގެ ތަހުގީގު މުޅީން ނުނިމެނީސް އޭނާ ހައްޔަރު ކުރަން އަމުރު ނުކުރެވޭނެ ކަމަށް އިންޑިއާގެ އައްލާހުއާބާދު ހައި ކޯޓަކުން ނިންމައިފި އެވެ.

ސޮނާކްޝީ އަދި އިތުރު ހަތަރު މީހެއްގެ މައްޗަށް މަކަރު ހެދުމާ އޮޅުވާލުމުގެ މައްސަލައެއް ހުށަހެޅީ ސިންހާ ކިޔާ އިވެންޓު އޮގަނައިޒަރެކެވެ. ސިންހާ ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަފްސީލުގައި ބުނެފައި ވަނީ މިދިޔަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ހުށަހަޅައިދިނުމަށް އެއްބަސްވެ، ފައިސާ ނެގުމަށް ފަހު އެންމެ ފަހު ވަގުތު އެ އިވެންޓުގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30ގައި އޮތް އެ އިވެންޓުގައި ހުށަހަޅައިދިނުމަށް އެއްބަސްވެ ސޮނާކްޝީ 32 ލައްކަ ރުޕީޒް ނަގައިފައިވާ ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތު ހަފްލާގައި ބައިވެރިވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. ސޮނާކްޝީއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ސޮނާކްޝީ ފަހުން އެ ހަފްލާގައި ބައިވެރިވާން ދެކޮޅު ހެދުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ސިންހާ ވަނީ ބުނެފަ އެވެ.

ފުލުހުން މިހާރު އެ މައްސަލަ ބަލަމުން އަންނަ އިރު މައްސަލައިގެ ތަހުގީގަށް ސޮނާކްޝީ ހައްޔަރު ކުރުމަށް އެދި ސިންހާ ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ބުނެފައި ވަނީ ފުލުހުންގެ ތަހުގީގު މުޅިން ނިމި ކަން ހިނގައިފައިވާ ގޮތް މުޅީން ސާފު ނުވަނީސް އަދި ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް ނޭދެނީސް ސޮނާކްޝީ ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، ތަހުގީގަށް ސޮނާކްޝީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް ފުލުހުން އެދުނު ކޮންމެ ގަޑިއެއްގައި ވެސް ސޮނާކްޝީ ހާޒިރުވާން ޖެހޭނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ. މައްސަލަ އާ ގުޅިގެން ސޮނާކްޝީގެ ފަރާތުން ބުނެފައި ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ދޮގު ވާހަކަ ފެތުރުން ހުއްޓާ ނުލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް