ޑާކާގެ އިމާރާތްތަކެއްގައި ރޯވެ، 69 މީހުން މަރުވެއްޖެ

ޑާކާގެ އިމާރާތްތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި 200 ފަޔާފައިޓަރުން ބައިވެރިވޭ -- ފޮޓޯ: ރޮއިޓާސް

ޑާކާ (ފެބްރުއަރީ 21): ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ފެތުރި، 69 މީހުން ފިހިގެން މަރުވެއްޖެ އެވެ.

ރޭ ޑާކާ ގަޑިން 10:40ގައި ޗޯކްބާޒާރުގެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު މިއަދު ހެނދުނުވީ އިރުވެސް އެއްކޮށް ނިއްވާލެވިފައި ނުވެ އެވެ.

ޑާކާގެ ފަޔާ ސާވިސްގައި އިސްކޮށް ހުންނަވާ އަލީ އަހުމަދު ވިދާޅުވި ގޮތުގައި އަލިފާން ރޯވި ކަމަށް ބެލެވެނީ ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުންނެވެ. އަދި ރޯވި އިމާރާތުގެ އެއް ފަންގިފިލަޔާއި އޭގެ ކައިރީ ހުރި ވެޔާހައުސްތަކަކީ އަލިފާން ހިފާ ޒާތުގެ ކެމިކަލްތަކެއް ރައްކާކޮށްފައިވާ އިމާރާތެއް ކަމުން އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރުނީ އެވެ.

ޑާކާގެ ޗޯކްބާޒާރުގައި ރޯވި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ -- ފޮޓޯ: އޭއެފްޕީ

ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އިބްރާހިމް ޚާން ވިދާޅުވި ގޮތުގައި އެހާދިސާގައި މަރުވި 69 މީހުންގެ ތެރޭގައި ރޯވި އިމާރާތްތަކުގެ ކައިރީގައި ތިބި މީހުންނާއި، ރެސްޓޯރެންޓެއްގައި ތިބި މީހުން ހިމެނެ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން ގިނަ މީހުން މަރުވީ އަލިފާންގަނޑު ފެތުރުމުގެ ސަބަބުން ބިލްޑިންގުތަކުގައި ތާށިވެގެންނެވެ. އަދި އެ ހާދިސާގައި 50 މީހަކަށް އަނިޔާވެ ބައެއް މީހުންގެ ހާލު ސީރިއަސްވެފައިވެ އެވެ.

އެއަލިފާންގަނޑު ނިއްވުމުގައި 200 އަށް ވުރެ ގިނަ ފަޔާފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޑާކާގައި ކެމިކަލް ވެޔާހައުސްއެއްގެ ގޮތުގައި ބޭނުން ކުރި ދުވަސްވީ އިމާރާތެއްގައި 2010 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 120 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

comment ކޮމެންޓް