ވިލިމާލެ ފެރީއިން ސްކޫލު ކުދިންނަށް ދަތުރުކުރެވޭނީ ސްޓޫޑެންޓް ދަތުރު ކާޑު ބޭނުންކޮށްގެން

ވިލިމާލޭ ފެރީ ޓާމިނަލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވިލިމާލެއާއި މާލެއާ ދެމެދު އެމްޓީސީސީއިން އޮޕަރޭޓްކުރާ ފެރީއިން ސްކޫލު ދަރިވަރުން ދަތުރު ކުރުމަށް ހާއްސަ ކާޑެއް ތައާރަފުކޮށްފިއެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓު ސާވިސް ޑިޕާޓްމެންޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ މާޗު މަހު އެކަކުން ފެށިގެން ސްކޫލު ކުދިން ދަތުރު ކުރާނީ އެކުދިންނަށް ހާއްސަ ކާޑެއް ބޭނުން ކޮށްގެން ކަމަށެވެ.

"މި ކާޑު ތައާރަފު ކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންނަށް ސާވިސް ދެވެނީ ކިހާ އަދަދެއްގެ ކުދިންނަށްތޯ ބެލުން. މީގެ ކުރިން އިންނަ ކާޑު ދައްކާލާފައި ދަތުރު ކުރެވޭ. އޭރު އެ ރިކޯޑްސް ނުބެލެހެއްޓޭތީ ނޭނގޭ ހިދުމަތް ދެވެނީ ކިހާ ކުދިންނަށް ކަމެއް،" ނާޒިމް ވިދާޅުވީ ވިލިމާލޭ ފެރީ އަށް އިލެކްޓްރޯނިކް ކާޑުވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެއަށްވެސް ސްޓޫޑެންޓް ކާޑު ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ހުރިހާ ހިދުމަތަކަށް އެއް ކާޑެއް ބޭނުން ކުރަން. ހުޅުމާލެ އަށްވެސް ވިލިމާލެ އަށްވެސް. އަދި ބަހުގެ ހިދުމަތަށްވެސް،" ނާޒިމް ވިދާޅުވީ ހުޅުމާލޭ ފެރީ އަށް އަލުން އިލެކްޓްރޯނިކް ކާޑުގެ ހިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވިލިމާލެ ފެރީ އިން ދަތުރު ކުރާ ސްކޫލު ކުދިން މިމަހުގެ ނިޔަލަށް ސްޓޫޑެންޓް ކާޑު ހެއްދުމަށް އެމްޓީސީސީ އިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް