ހައްލު: ނަފްސާނީ ބަލިތައް ދެނެގަންނާނީ ކިހިނެއް؟

ތަޖުރިބާކާރު ކައުންސެލާ ފާތިމަތު ނަތާޝާ ---ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކަންކަމާ މާ ބޮޑަށް ފިކުރުކޮށް ހިތްނުތަނަވަސްވެ އުުނދަގޫވާހެން ހީވޭހެއްޔެވެ؟ މީހުންނާއި ކުރިމަތިލާން އުނދަގޫވެ، އަމިއްލަ ނަފްސާމެދު ދެކޭގޮތް މާ ދަށްވީ ހެއްޔެވެ؟ ބޮޑެތި ނިންމުންތައް ނިންމަން ނޭނގި މާ ބޮޑަށް ދިރިއުޅުމާ ދޭތެރޭ މާޔޫސްވަނީ ހެއްޔެވެ؟

އަދި ހިތްވަރު ކޮށްލާށެވެ. ސަން އިން މިފަހަރު މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ދެވޭތޯ މަސައްކަތްކުރާނަމެވެ. ސިއްޚީ، އިޖްތިމާއީ، ތައުލީމީ އަދި ވިޔަފާރީގެ މައްސަލައެއްކަމުގައި ވިޔަސް، އެކަމެއްގެ ހައްލ،ު ސީދާ އެކަމުގެ ތަޖުރިބާކާރުންގެ ފަރާތުން ގެނެސްދެވޭނެ އެވެ.

މި ހަފްތާގައި މި ގެނެސްދެނީ ނަފްސާނީ ބަލިތައް ދެނެގަތުމާ ބެހޭ ގޮތުންނެވެ. ވިމެން ސެންޓާގެ އެހީތެރިކަމާ އެކީ މި ސެގްމަންޓްގައި މިފަހަރު މައުލޫމާތު ދީފައިމިވަނީ ކައުންސެލިން ދާއިރާއިން ތައުލީމް ހާސިލްކޮށް، ކައުންސެލާއެއްގެ ގޮތުގައި މަސައްކަތްކުރާތާ 12 އަހަރު ވެފައިވާ ފާތިމަތު ނަތާޝާއެވެ.

ނަފްސާނީ މައްސަަލަތަކަކީ ކޮބާ؟

ނަފްސާނީ މައްސަލަތައް ނުވަތަ ބަލިތަކަކީ މީހެއްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ގޮތުން އިޖްތިމާއީ ގޮތުން ނުވަތަ ޖަޒްބާތީގޮތުން އެމީހެއްގެ އާންމު ދިރިއުޅުމުގައި ކުރާ ކަންކަމަށް ނުވަތަ އާދަތަކަށް ނުރަނގަޅު އަސަރު ކުރާ ކަންކަން. މިސާލަކަށް ބުނާ ނަމަ އާންމުކޮށް އެމީހަކު ކުރާ ކަމަކުން ފޫހިވުން ނުވަތަކުރަން އުނދަގޫވުން. ނުވަތަ ކުރިން ކުރަމުން އައި ކަމަކުން އެލިބޭ ހިތްހަމަޖެހުން އަދި ޝައުގުވެރިކަން ކުއްލިއަކަށް ގެއްލުން ނުވަތަ ނުލިބުން.

ނަފްސާނީ މައްސަލައެއް ހުންނަކަން ދެނެގެނަންނާނީ ކިހިނެއް؟

ބުނެދޭން ނޭނގޭ ކަހަލަ ބަދަލުތައް މީހާގެ މިޒާޖަށް އައުމާއި އެހެންމީހުންނާ ގުޅިގެން އުޅުމަށް ބޭނުން ނުވުމާއި، ހަގީގަތާއި ޚިޔަލީ ކަންކަން ވަކިކުރަން ނޭގުމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވަން ނޭނގުން ފަދަ ކަންކަންދިމާވެދާނެ. ނަފްސާނީ މައްސަލައެއް ހުންނަކަން ދެނެގަތުމަށް ޓަކައި، ސައިކޮލޮޖިސްޓެއް ނުވަތަ ސައިކޭޓްރިސްޓަކަށް ދައްކާލަންޖެހޭނެ. އަދި ސީދާ މިވެނި މައްސަލައެއް ހުންނަ ފަރާތެއްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ނުވަތަ ނޫންތޯ ޔަގީންކުރެވޭނީ އެމީހެއްގެ އަލާމާތްތަކަށް އަދި އެކަމެއް ދިމާވެގެން އުޅޭ ހާލަތާއި މުއްދަތަށް ބެލުމަށް ފަހު. ކުރުގޮތަކަށް ބުނާ ނަމަ ނަފްސާނީ މައްސަލައެއް ހުންނަކަން ފާހަގަވެ، ދެނެގަތުމަށް ޓަކައި ކުރުމަށް ޓަކައި މިދެންނެވި ސައިކޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ބޭނުންވާނެ. އަދި މި ދެންނެވި ފަދަ މައްސަލައެއް ހުންނަ ނަމަ ބުއްދިވެރި ގޮތަކީ ފަންނީ މާހިރެއްގެ ލަފާ ހޯދުން.

ފާތިމަތު ނަތާޝާ --- ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިކަންކަން ދިމާވަނީ ސިކުޑީގެ ހުންނަ ކަމަކުން ނުވަތަ ވިސްނުން ގެންގުޅޭ ގޮތަކުންތަ؟

ނަފްސާނީ މައްސަލަތަކަކީ ކަޑައެޅިގެން މިވެނި އެއް ކަމަކުން ދިމާވާ ކަމެކޭ ބުނަން ވަރަށް ދަތި. ސަބަބަކީ މިއީ ވަރަށް ބައިވަރު ތަފާތު ކަންކަން އެކުވެގެން ގިނަފަހަރު ދިމާވާ ކަމެއް. މިސާލަކަށް ބައޮލޮޖިކަލް، ސައިކޮލޮޖިކަލް އަދި އެމީހެއް ދިރިއުޅޭ މާހައުލާއި ގުޅުން ހުރި ސަބަބުތަކަކުން ވެސް މެދުވެރިވެދާނެ. ނުވަތަ ބްރެއިން ކެމިސްޓްރީއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ނުވަތަ އެމީހެއް އުޅެބޮޑުވި މާހައުލެއްގެ ސަބަބުން ވެސް މިފަދަ ކަމެއް މެދުވެރިވެދާނެ. އަދި ހެދިބޮޑުވަމުން އަންނަ އިރު މާހައުލުންނާއި ވަށައިގެން އުޅޭ މީހުންގެ ފަރާތުން ދަސްވާ ނުވަތަ ތަހައްމަލު ކުރަން ޖެހޭ ކަންކަމުގެ ސަބަބުން ވެސް ކުރިމަތިވެދާނެ. އަދި މިފަދަ މައްސަލައެއް ހުންނަ އަސްލު ސަބަބު ފަންނީ މާހިރެއްގެ ލަފާ ހޯދައިގެން ވެސް ދެނެގަނެވިދާނެ.

ހައްލަކީ ހަމައެކަނި ބޭސްކެއުންތަ؟

ނޫން. ބައެއްފަހަރު ތެރަޕީ އާއި ކައުންސިިލިން އިން އެކަނި ވެސް ފުދޭ. އެހެންނަމަވެސް އެންމެ ރަނގަޅުގޮތަކީ އަބަދު ވެސް ސައިކޭޓްރިސްޓް އަކަށް ދައްކާލުން. ބޭސް ދޭން ލަފާދީފި ނަމަ ބޭހާއި ކައުންސިލިން އެކުގައި ބޭނުންކުރުމުން އެންމެ އެދެވޭ ނަތީޖާއެއް ލިބުމަށް މަގުފަހިވޭ.

ނަފްސާނީ މައްސަލައެއް ހުންނަކަން ފާހަގަވާނަމަ ދެން ހަދާނީ ކިހިނެއް؟

ފުރަތަމަ ކަމަކަށް ސައިކޭޓްރިސްޓަކަށް ދައްކާލުން މުހިންމު. އެއަށް ފަހު އެމީހެއް އިރުޝާދަށް އަމަލުކުރުމާ އެކު، ތެރަޕީތަކާއި ކައުންސިލިންގެ އެހީގައި ދުޅަހެޔޮ ލައިފްސްޓައިލެއް ގެންގުޅެން ޖެހޭ.

އެންޒައިޓީއާ ދުރުވާނީ ކިހިނެތް؟

އެންޒައިޓީ ނުވަތަ ކަންކަމާއި މާބޮޑަށް ހާސްވުން، މިއީ ބޭނުން ވީމަ ޝަޓްޑައުންކޮށްލެވޭ ޕްރޮގްރާމެއް ނޫން. އެއީ ގިނަފަހަރު އެންޒައިޓީ ހުންނަ ޕޭޝަންޓަކަށް އެމީހެއްގެ އަމަލުތަކާއި ވިސްނުމުގެ މައްޗަށް އެކަސީގެންވާ ކޮންޓްރޯލެއް ނޯވޭ. އެހެންކަމުން އެދެވޭ ގޮތެއްގައި އެންޒައިޓީއާ ދުރުވުމަށް ޓަކައި އެމީހެއްގެ ހާލަތަށް ބަލައި ބޭހުން ނުވަތަ ތެރަޕީ އާއި ކައުންސިލިންގެ އެހީ ހޯދަން ޖެހޭ.

ނަފްސާނީ މައްސަލަތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

އާންމު ދިރިއުޅުމުގައި ނަފްސާނީ މައްސަލަތަކުން ދުރުވުމަށް ޓަކައި އެންމެ މުހިންމީ އެމީހެއްގެ އިހްސާސްތައް ނުވަތަ އެމީހެއްގެ އިހުސާސްތައް އެހެން މީހުންނާއި ހިއްސާކުރުން. އެ އިހްސާސްތައް ބޭރުކުރެވިގެން މެނުވީ އެމީހަކަށް އެ އުނދަގޫވާ މައްސަލަތަކުން ދުރުވާން ވަރަށް އުނދަގޫވާނެ.

އެއާ އެކު ގަވާއިދުން ކަސްރަތުކުރުމަކީ އެމީހެއްގެ އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން އިތުރުކޮށްދީ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން އިތުރުކޮށް، ނިދުން ރަނގަޅުކޮށްދީ ހިތްހަމަޖެހުން ގެނުވައިދޭނޭ ކަމެއް.

ހަމައެޔާ އެކު، އެހީ ބޭނުންވާ ހާލަތުގައި އެހީ ހޯދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް. އަހަރެމެން އެންމެންނަކީ ވެސް ކޮންމެވެސް އިރެއްގައި ވަރުބަލިވެ، ކަންކަމާ ކޮންމެވެސް ވަރަކަށް މާޔޫސްވާނެ ބައެއް. އެހެންނަމަވެސް ކަންކަން މާބޮޑަށް ގޯސްވެ، ކެތްކުރެވޭ ވަރަށް ވުރެ އިތުރުވާ ނަމަ އެހީ ހޯދުން ރަނގަޅު.

ދީނީގޮތުން ވެސް ކަންކަމަށް ފަރުވާތެރިވެ، ކަންކަމާ މެދު ރަނގަޅަށް ވިސްނުން ގެންގުޅުމަކީ ވެސް މިކަމަށް އެހީއެއް.

ފާތިމަތު ނަތާޝާ --- ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާބޮޑަށް މާޔޫސްވެ އެއްވެސް ކަމެއް ކުރާހިތް ނުވާ ނަމަ ހައްލަކީ ކޮބާ؟

އަސްލު މާޔޫސްވާ ކޮންމެ ފަހަރަކީ އަދި ޑިޕްރެޝަން އެއް ނޫން. ޑިޕްރެޝަންއަކީ ސީރިއަސް ނަފްސާނީ ބައްޔެއް. އެހެންވީމަ މާޔޫސްވާ ފަހަރުތަކުގައި އެމީހަކު އުފާވާ ކަހަލަ ކޮންމެވެސް ކަމެއް ކޮށްލެވިދާނެ. އެއީ އަދި އެހެންމީހަކާ ވާހަކަ ދައްކާލުން ކަމުގައި ވިޔަސް އެންމެ ރަނގަޅު. އެހެންނަމަވެސް މިގޮތަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެންވެސް ލުޔެއް ނުލިބޭ ނަމަ އަދި ޑިޕްރެޝަންއަށް ޝައްކުކުރެވޭ ނަމަ ލަސްނުކޮށް ސައިކޭޓްރިސްޓަކަށް ދައްކާލަންވާނެ. އަވަހަށް ޑިޕްރެޝަންކަން ދެނެގަނެވިއްޖެ ނަމަ އަވަހަށް ރަނގަޅު ފަރުވާއެއް ހޯދަން ފަސޭހަވާނެ.

ދިރިއުޅުމާއި ދޭތެރޭ ޕޮސިޓިވްކޮށް ވިސްނާނީ ކިހިނެއް؟

އެންމެ ފުރަތަމަ ކަމަކީ އެމީހަކު ދިރިއުޅޭ މާހައުލަކީ ޕޮސިޓިވް މާހައުލަކަށްވުން. އަދި އެމީހަކަށް ލިބިފައިވާ ކަންކަމަށް އުފާކުރުން. ދީނީ ކަންކަމަށް ވެސް ފަރުވާތެރިވެ އަމިއްލަ ނަފްސަށް ވެސް ވަގުތުކޮޅެއްދީ، ތިމާއަށާއި އެހެންމީހުންނަށް ވެސް ތައުރީފުގެ ބަސް ބުނެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުން.

comment ކޮމެންޓް