ކޮންމެ ދައްތައެއް ވެސް، ބޭބެ އެއްވެސް އެންމެ އުފާވާނެ އެއް ކަމަކީ އަޅާލާނެ ކޮއްކޮއެއް ހުރުމެވެ. އެކީގައި ކުޅެލައި، މަޖާކޮށް، ސަކަރާތްޖަހައި ހުރިހާ ކަމެއް ހިއްސާ ކުރާނެ ކޮއްކޮއެއް ހުރުމެވެ. ކޮންމެ މައެއް ބަފައެއްގެ ވެސް ހިތްހަމަޖެހުމަކީ އެބައެއްގެ ދަރިންނެވެ.
އުމުރުން އެންމެ 11 އަހަރުގެ އަބްދުﷲ ރަޔާން ރަޝީދަކީ ހަގު އުމުރުގައި ހިތުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ވުލްފް-ޕާކިންސަން ވައިޓް"ގެ ޝިކާރައަކަށްވެފައިވާ މައުސޫމް ފުރާނައެކެވެ.
ރ. އަލިފުށްޓަށް އުފަން ރަޔާންގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު"އާ ވާހަކަ ދައްކަމުން އޭނާގެ ދައްތަ އައިޝަތު އާދަމް ބުނީ ރަޔާން އަށް އެ ބަލި ޖެހިފައިވާކަން އެނގުނީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ.
"އެއީ ޗުއްޓީ އަށް މާލެ އައި ދުވަސްކޮޅު. އެއްރޭ ދަންވަރު ކޮއްކޮ ބުނެފި ނިކަން އަތްލަބަލާށޭ މޭ ކައިރީ. އަހަރެން ވަގުތުން އަތްލިން. އޭރު ވެސް ވަރަށް ބާރަށް ހިތް ތެޅެމުން ދިޔައީ. ވަގުތުން ދިޔައިން ހޮސްޕިޓަލަށް. ގޮސް ދެއްކިއިރު ހިތުގެ ތެޅުން ހުރި 250ގައި،"
އެމެޖެންސީގައި ފަރުވާ ދިނުމަށް ފަހު ކޮއްކޮ އައިސީޔޫއަށް ބަދަލުކޮށް ފަހުން ޕީޑިއަޓްރިކް ވޯޑަށް ބަދަލުކުރި ކަމަށް އައިޝަތު ބުންޏެވެ.
އައިސީއޫގައި ވަގުތުން ކޮއްކޮއަށް ފަރުވާދިން ކަމަށާއި ގިނަ ޓެސްޓުތަކެއް ހެދުމަށް ފަހު ކޮއްކޮއަށް އެ ބަލިޖެހިފައިވާކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.
"ޑަކްޓަރުން ބުނީ ސީޕީއާރް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރަށް ތިބި ކަމަށް،"
އޭނާ ބުނީ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ކޮއްކޮ ހަމައަކަށް އެޅުނު ނަމަވެސް ޑަކްޓަރުންގެ ލަފައާ އެކީ ކޮއްކޮ އައިސީޔޫގައި ބޭއްވީ އެފަދަ ކަމެއް ވެދާނެތީ ކަމަށެވެ.
"އައިސީޔޫގައި އޮތް ކްރިޓިކަލް ޕޭޝަންޓެއް ފެނިގެން ރަޔާން އަށް ވި އެހެން. ޑަކްޓަރުން ބުނީ އެއީ ބިރުން ކަމަށް،"
އައިޝަތު ބުނީ ވަގުތީ ފަރުވާއަކަށް ބޭސް ބޭނުން ކުރަމުން އައި ނަމަވެސް ދާއިމީ ހައްލަކީ ސާޖަރީ ކަމަށެވެ.
"ޑަކްޓަރުން ލަފާދެއްވަނީ ހިތުގެ ސާޖަރީއެއް ހަދަން. އެއީ ރާއްޖެއިން ނުލިބޭ ފަރުވާއެއް. ލަސްނުކޮށް އެ ފަރުވާ ހޯދަން އަންގާފައި އޮތީ،"
މި މަސްތެރޭ އިންޑިއާގެ ކޮޗިން އަށް ދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިވަގުތު އާސަންދަ ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އައިޝަތު ސަން ކުލުނު އަށް ބުންޏެވެ.
"ޑަކްޓަރުގެ ލިޔުން ލިބިފައި އިނީ އާސަންދައަށް ހުށައަޅަން،"
އައިޝަތު ބުނީ ރާޔަން އަކީ ސޯޝަލް ފޯބިއާ ހުންނަ ކުއްޖެއް ކަމަށާއި ބޭރުތެރޭ އުޅެން އޭނާ ޖެހިލުންވާ ކަމަށެވެ.
"އޭނަ މެޔަށް ތަދުވޭ ނޭވާލާ އިރު. މިހާރު ކުރިން ކުޅެ ސަކަރާތްޖަހާ ގޮތަކަށް ނޫޅެވޭ،"
އައިޝަތު އެދެނީ އޭނާގެ ކޮއްކޮއަށް މާލީގޮތުން ކުޑަނަމަ ވެސް އެހީ އެއް ދިނުމަށެވެ.
އަބްދުﷲ ރަޔާން ރަޝީދަށް އެހީތެރިވުމަށް
ފޯނު ނަންބަރު: 9553384 (އައިޝަތު އާދަމް/ ރަޔާންގެ ދައްތަ)
9859393 (އާދަމް ރަޝީދު/ ރަޔާންގެ ބައްޕަ)
ބީއެމްއެލް އެކައުންޓް ނަންބަރު: 7770000017100 (ރަޔާންގެ އެއްބަނޑު އެއްބަފާ ދައްތަ ދުންޔާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)
ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.