މަހުލޫފް އާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގަވައިފި

މަހުލޫފާއި އަކުރަމް --

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

މަހުލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ހޫދު ވިދާޅުވީ ދެބޭފުޅުން ގޭގައި މަޑުކުރަން އެންގެވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމުކުރި އެމްއެމްޕީއާރިސީގެ ހިޔާނާތުގެ ރިޕޯޓުގައި އެ ހިޔާނާތުގެ ފައިސާ އެ ދެބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާކަމަށް ބަޔާންކޮށްފައިވާތީއެވެ.

ހޫދު ވިދާޅުވީ ދެބޭފުޅުންގެ މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑުކުރަން އަންގަވާފައިވާ ކަމަށާއި މައްސަލަ ބަލާނީ އެންޓިކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ.

މިކަމާ ގުޅިގެން މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހުލޫފުގެ އެކައުންޓަށް ޖަމާވެފައިވާ 33000 ޑޮލަރުގެ މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑުކޮށްލުމަށް އަންގަވާފައިވާ ކަމަށެވެ. "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމެވުމަށް އަޅުގަނޑު އިހުތިރާމު ކުރަން" މަހުލޫފުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ..

ސަރުކާރުގެ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންނަށް އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޖަމާވިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ދައްކާއިރު ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު (462،600) ޖަމާކޮށްފައިކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މަހުލޫފު މިއަދު ހަވީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށާއި، އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އެސްއޯއެފްގެ އެކައުންޓުން މުއާމަލާތް ކުރި އެކައުންޓުތަކުގެ ތެރޭގައި މަހުލޫފުގެ އެކައުންޓު ހިމެނޭކަމުގެ މައުލޫމާތު ލިބިލެއްވުމުން ކަން ހިނގައިދިޔަ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހިއްސާ ކޮށްފައިވާނެކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި މަހުލޫފާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ ވަގުން ކަމަށް މުޖުތަމައުގައި ލޭބަލްކޮށްފައިވާއިރު، "މީގެ ތެރޭގައި ހިމެނޭ ސައްހަ މުއާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީއިން އެ މައުލޫމާތުތައް ރައްޔިތުންނަށް ވީހާވެސް ބޮޑަށް ސާފުކޮށްދިނުމަށް" މަހުލޫފު ވަނީ އެދިވަޑައިގެންފައެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން އަކްރަމް ކަމާލުއްދީން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

comment ކޮމެންޓް