އިންތިހާބުގައި ވާދަ ކުރުމުން ޖެހުނު މައްސަލައާ މެދު ހިތާމަ ކުރަން: ތައި ޕްރިންސެސް

އިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮން އިންތިހާބުގައި ވާދަ ކުރަން ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފައި -- ފޮޓޯ: ގެޓީ

ބޭންކޮކް (ފެބްރުއަރީ 13): ތައިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮން ބޮޑުވަޒީރު ކަމަށް ކުރިމަތިލެއްވުމުން ޖެހުނު މައްސަލައާ މެދު "ހިތާމަ ކުރައްވާ" ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޕްރިންސެސް އޮބުންރާތުނާ ވަނީ އެކަމަނާ މަސައްކަތް ކުރެއްވީ އިހުލާސްތެރި ކަމާ އެކު ތައިލޭންޑާއި ގައުމުގެ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ސަބަބުން އުފެދިފައި ވަނީ "މިޒަމާނުގައި ޖެހެން ނުޖެހޭ ފަދަ މައްސަލައެއް" ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޕްރިންސެސް އުބޮންރާތުނާ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވަން ނިންމެވީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ ތައި ރަކްސާ ޗާޓް ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގަ އެވެ. ނަމަވެސް އެކަމަނާގެ ކޮއްކޯފުޅު އަދި ރަސްގެފާނު މަހާ ވަޖިރަލޮންކޯން ވަނީ ޝާހީ އާއިލާގެ މެމްބަރުން ސިޔާސީ މަގާމުތަކަށް ވާދަ ކުރުމަކީ ގައުމުގެ "ސަގާފަތާއި އާދަކާދަޔާ ހިލާފު" ކަމެއް ކަމަށް ވިދާޅުވެ، ބަޔާނެއް ނެރުއްވައިފަ އެވެ.

އޭގެ ސަބަބުން ތައި ރަކްސާ ޗާޓް ޕާޓީން ވަނީ ޕްރިންސެސް އުބޮންރާތުނާއަށް ކެމްޕެއިން ކުރުން ހުއްޓާލާފަ އެވެ. އަދި އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހު ބާއްވާ އިންތިހާބުގައި ބޮޑުވަޒީރު ކަމަށް ވާދަ ކުރާ ކެނޑިޑޭޓުންގެ ލިސްޓުގައި އެކަމަނާގެ ނަން ހިމަނަން ދެކޮޅު ހަދާފާ އެވެ. މީގެ އިތުރުން އެކޮމިޝަނުން ވަނީ "ޝާހީ އާއިލާގެ ހުރިހާ މެމްބަރުންނަކީ ވެސް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުންނަށް ވާން ޖެހޭނެ" ކަމަށް ބުނެފަ އެވެ.

ތައިލޭންޑުގައި އަންނަ މަހު ބާއްވާ އިންތިހާބަކީ 2014 ވަނަ އަހަރު އެގައުމުގެ ބޮޑުވަޒީރު ކަމަށް ޕްރަޔުތު ޗަންއޮޗާ ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހުގަ އެވެ.

comment ކޮމެންޓް