އެންމެ ގާތް އެކުވެރިޔާ ނުކުމެގެން ދިޔުމުން އެކަނިވެރިކަން އިހުސާސްކުރެވުމާއިއެކު އެހެން މީހުންގެ ލޯތަކުން ސަލާމަތްވާން އެތެރެއަށް ވަދެގެން ދިޔައެވެ. ގޭގެ ފަހަތު ފެންޑާ ހުޅުވާލާފައި ނުކުތްގޮތަށް ސޯފާއަކަށް ތިރިވެވުނީ ކަރުނަތައް އޮބިނޯވެގެން ފައިބައިގަންނާނެހެން ހީވެފައެވެ. ދެލޯ މަރައިލަމުން އޭނަ ކަރުނަތަކާއި ހަގުރާމަކުރަމުން ދިޔައެވެ. ކެތްތެރިވާން ހަދާންކޮށްދިނެވެ. އެކަމަކު ހަދާނުން މިކާލް އެއްފަރާތް ކޮށް ލުމުގައި ކާމިޔާބެއްނުވިއެވެ. ކުއްލިއަކަށް ހައިރާންކަމާއިއެކު ސިހިފައި ބަލައިލެވުނީ ދޮރުމަތީގައި ހުރި މީހާއަށެވެ.

"މިކާ......."

"އާ ޔޫ އޯކޭ؟ " ވާހަކަދެއްކީ މިކާލްއެއްނޫނެވެ. ރަގަޅަށް ލޯ ހުޅުވާފައި ބަލައިލުމުން ސިފަވީ މިކާލްއެއް ނޫނެވެ. ދޮރުމަތީގައި ހުރީ އަމްރާންއެވެ. އޭނަ ސޯފާގައި ޖައްސާލުމުން ނިދުނީކަން ނޭގެއެވެ. މިކާލް ފެނުނީ ހުވަފެނުގައެވެ. މިކާލްއެއް ނާންނާނެއެވެ. އޭނަ އަބަދަށްޓަކާ ވަކިވެގެން ހިގައްޖެއެވެ. ނޫނީ ފެނުނީ މިކާލްގެ ރޫހު ބާވައެވެ. އެންމެ ފަހުގެ ވަދާއީ ސަލާމްކޮށްލަން އޭނަގެ ގާތަށް ޒިޔާރަތްކޮށްލީކަމަށް ވެދާނެއެވެ. ތަފާތު ގޮތަކަށް ފެނިލި މަންޒަރެކެވެ. ހުވަފެނާއި ހަގީގަތާއި ދެމެދުގައި އޮތް ހަނި ރޮގުން ލޯ މައްޗަށް މިކާލް ފެނިލީއެވެ. މަޑުމަޑުންގޮސް މިކާލްގެ ސިފަ އަމްރާންއަށް ބަދަލުވުމާއިއެކު ހަޔާތީ ފުންމައިގެން ތެދުވެ ހެދުން ރީތިކޮށްލިއެވެ. ކައިވެނީގެ ހެދުމުގައި ސޯފާގައި ޖައްސާލެވުނުގޮތަށް މިތާ އިދެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގުނެވެ.

"ފައިނަލީ....އައި ފައުންޑް ޔޫ.."

އަމްރާން އެހެން ބުނިގޮތުން ހީވީ މުޅި އުމުރުދުވަހު އޭނަ ހޯދަން އުޅެ އުޅެ ކާމިޔާބުވެގެން ބުނެލި އެއްޗެއްހެންނެވެ. ހިތަށް އަރާ އެއްޗެއް ދުލުން ބުނާކަށް ނުވާނެއެވެ. އަމްރާންއާއި އޭނައާއި ދޭތެރޭ އޮތީ އެފަދަ ގުޅުމެއްނޫނެވެ. ރަސްމީ ގުޅުމެކެވެ. އެއާއިލާގެ އަމަލުހުރިގޮތުން އެމީހުން ހިތްހަމަނުޖެހޭވަރުވެސް ސާބިތުކޮށްދީފިއެވެ.

"ފެމިލީ އެންމެން ދިޔައީމަ އެކަނިވީމަ ގޮސް ފިނިކޮށްލަން މިތަނަށް ނުކުތީ." ފަޒާގެ ތެތްކަމުން ހީކަރުވައިގެންފާ ހުރި ހަޔާތީއަށް އެގޭ އެތެރެއަށް ވަނުމުން ހީފިލާގޮތެއްނުވިއެވެ. ގޭތެރެއަށް ވަނުމުން ހިމޭންކަމުން އެހެން ގުރަހައަކަށް އާދެވުނުފަދަ އިހުސާސެއްކުރެވުނެވެ. އަރާމުވާފަދަ ހިމޭންކަމެކެވެ. މުޅިރަށް ނިދާފައިވާފަދައެވެ.

"މީހުންގެ ތެރޭ އެކްޓްކުރަންވާނެ އިނގޭ. ޑޯންޓް އެވާ ޑޫ ދިސް އެގެއިން..."އަމްރާންގެ އަޑުގައި ހަރުކަށިކަމެއްވިޔަސް އޯގާތެރިގޮތެއް ހުއްޓެވެ. އަމްރާން މިހާ ބަދަލުވުމުގެ އަސްލަކީ ކޮބާހެއްޔެވެ؟

"ކޮފީއެއް ނޫނީ ޗޮކްލެޓެއް ބޯލަންވީނު. ހީކަރުވައިގެންފަ ތިހިރީ." އަމްރާން ބުނުމަކައި ނުލާ އޭނަގެ އިހުސާސް ދެނެގަތެވެ. ހަޔާތީ ބޯ ހޫރާލަން އުޅުނަސް އެކަމަކަށް ފަރުވާލެއްނެތި އަމްރާން ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ. ހަޔާތީއަށްވެސް ފަހަތުން ދާން މަޖުބޫރުވިއެވެ. އެމީހުންނަށް ފާރަލައިގެން ހުރި އެލީން ނިދާ ގައުނެއްގައި ހުރެ އެތަނަށް ވަނެވެ.

"ވެޑިން ޑޭގައި ބްރައިޑްގެ މަގާމު ނަގަން އުޅެފައި ތިއުޅެނީ މިރޭ އަހަރެންގެ ރޫމްގައި ނިދަން ގަސްތުކޮށްގެންތަ؟ " އަމްރާން ސަމާސާ ހުނުމަކާއިއެކު އެލީންއަށް ބަލައިލިއެވެ. އެލީން ތުއިވެލިއެވެ. ހިނިގަނޑެއް ޖަހައިލިއެވެ.

"ބާއްވާނަންތަ؟ "

"އެހެންނަމަ ވެޑިން ޑްރެސްގައި މިރޭ ހުންނާނީ އެލީންއެއްނު......." އަމްރާން ކޮފީމަގުންއެތިފޮދެއް ބޯލިއެވެ. ހުދު ނިދާހެދުމެއް ހަމައެކަނި ނަމެއްގައެވެ. ޓްރާންސްޕޭރެންޓް ހެދުމެކޭ ތަފާތެއްނެތެވެ. މިހާ ނިވާކަންކުޑަގޮތަކަށް ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އެނބުރެމުންދާތަން ފެނުމުން ލަދުގަތީ ހަޔާތީއެވެ. އަމްރާންއަށް އެކަންބޮޑުވިހެނެއް ހިޔެއްނުވެއެވެ. ހުޅަގުގައި އުޅެބޮޑުވި ޒުވާނަކަށް އެމަންޒަރުތައް ފެނި ފެނި އާކަމަކަށް ނުވަނީއެވެ. ހަޔާތީ ބޮލަށް އުދަގޫވިއެވެ. އެލީން އުޅޭގޮތުން ފޫހިވީވަރުން ކޮފީތަށްޓެއް އެޅިގޮތަށް އޭނަ އެތަނުން ނުކުންނާން އުޅުމުން އަމްރާން ނަމުން ގޮވައިލުމުން ފިޔަވަޅުތައް ހުއްޓުނެވެ.

"ކޮންތާކަށް ތިދަނީ؟ ޔޫ އާ މައި ވައިފް މިހާރު ދެން އަހަރެން ގާތުގައި އަބަދު ހުންނަންޖެހޭނެއްނު. ހަޔާތީ އަމިއްލަ އަތުން ކޮފީއެއް ހަދާދީ...." އަމްރާން ބުނެލިއެވެ.

އެލީން ތުން ހަދާލާފައި ބާރުބާރަށް ނުކުމެގެން ދިޔުމުން އަމްރާން ހިނި އައެވެ.

"ކިތައްފަހަރު ބުނެގެން ސިކުނޑިއަށް ނަގައިގަނެވޭނީ. އެލީންގެ ފަރާތުން ސަލާމަތްވުމަކީ މިކައިވެނީގެ އެއް ރީޒަންއޭ އަޒިކިއަލްވެސް ބުނިއެއްނު. އޭނަ ކުރިމަތީ އެޓްލީސްޓް ވައިފްހެން ކެރިގެން އުޅެބަލަ. ޔޫ އާ އެކްޓިން ލައިކް އެ ސްޓްރޭންޖާ. އެގޮތް ރަގަޅެއްނޫން..." އަމްރާން ހަދާންކޮށްލަދިނެވެ.

ތެދެކެވެ. އޭނަ އަދި އެކްޓްކޮށްލަންޖެހޭނެއެވެ. ޚާއްސަކޮށް އެ "ޕެސްޓް"އެލީންގެ ހަސަދައިގެ ހުޅަށް އަލިފާން އަޅާލަން އެބަޖެހެއެވެ. އެކުއްޖާ ހީކޮށްގެން އުޅެނީ ކީކޭހެއްޔެވެ؟ ކުއްލިއަކަށް ހަޔާތީ ހަދާންވީ އޭނަގެ ކަފަލޮލީ މަތިންނެވެ. ކަފަލޮލީ ބަލާކަށް މަންމައަށް ދެދުވަހަށްވެސް ފަސޭހައެއްނުވާނެއެވެ. ހަޔާތީގެ ކައިވެނީގެ ޕާޓީ ނިމެންވާއިރަށް އިޝްކަން މަންމަ ބަލާ މާލެ އަންނާނެއެވެ. މަންމައާއިއެކު މިހާރު އެޕާޓްމެންޓްގައި އުޅެނީ އާއިލާ ބަޔެކެވެ. އެންމެން ފުރުމުން މަންމަ ހަޔާތީއާއިއެކު އަމްރާންގެ ގެއަށް ބަދަލުވާކަށް އިޝްކަން ނޭދެއެވެ.

އަމްރާންގެ ކޮޓަރިއަކީ ތަނަވަސްކަމާއި ފުރިހަމަކަމުގެ މިސާލެކެވެ. އަދި ބާތުރޫމްވެސް އޮފްކަމާއި ސާފުތާހިރުކަން އަދި ތަނަވަސްކަމުން އެމީހުން އުޅުނު އެޕާޓްމެންޓްވަރޭ ހަޔާތީ ހިތަށް އެރިއެވެ. ބިތްތަކުގައިވާ ކުރެހުންތައް އެހާ ހިތްގައިމެވެ. ސީލިންގެ ހިތްގައިމު ޑިޒައިންއާއި ކުރެހުންތަކާއިއެކު އެތައް ލައިޓުތައް ހަރުކޮށްފައިވާއިރު ބޮޑު ޗާންދަލިއާ އެއް ބޯމަތީ އެލުވާފާއިވާވެއެވެ. ބިތްތަކުގައާއި ކެބިނެޓްތަކުގައިވެސް ކުދި ލައިޓްތަކެވެ. ކެންޑްލްހޯލްޑާތަކުގައި ރީތި އުއްބައްތިތަކެވެ. މާ ސިންގާ ޓަބްގެ ވަށައިގެން އިށީދެވޭނެހެން ދާލަ ހަދާފައިވަނީވެސް މާބްލްއިންކަން ނޭގެއެވެ. އެތާ މަތީގައި އުއްބައްތިއަކާއެކު ތުނިކޮށް ހުރި ބިއްލޫރިތަށްޓެއް ހުއްޓެވެ. ކުރިމަތީގައި އިށީންނަން ހަދާފައި ހުރި ވަށް ސްޓޫލްވެސް ހުރީ އެއްކޮށް ސްޕޮންޖުން ހަދާ ކުރެހުން އަޅާފައެވެ. އެއްފަރާތުގައި ހުރި މާބްލް މޭޒުމަތީގައި ބަރިއަކަށް ޖަހާފައިވާ މަޑުދެތިން ތުވާލިއާއި ގުޅިއެއްހެން ހުރި ބިއްލޫރި ވާސްއެއްގައި ތާޒާ މާތަކެވެ. ދުވާ މީރުވަހުން ހިތްފުރޭވަރުވިއެވެ. މިހާ ރީތި އަރާމު ތަނެއްގައި ހުރެ ބޭނުންގޮތަކަށް ފެންވަރާލާ ފެންޖައްސަން ކެރޭނީވެސް ކިހިނެއްހެއްޔެވެ؟ އަޖައިބެކެވެ.

ހަޔާތީ ބިލިގާ އަރިމަތީ އިށީދެލައިގެން ވިސްނަން އެތައް އިރެއްވާންދެން އިނެވެ.

"ކިތަންމެ ރީތި ތަނެއްގައި މުއްސަދިން އުޅުނަސް މިއީ ވަގުތީ ތަނެއްކަން ނޭގެނީތަ؟ މިހުރިހާ ނިއުމަތްތައް ދެއްވާ ފަރާތްމަތިން އަމްރާން އެންމެ ފަހަރަކުވެސް ހަދާން ކުރޭތަ؟ އެންމެފަހަރަކު ސަޖިދައެއް ކުރިތަ؟ ލައިކް ޝުކުރުގެ ސަޖިދަ؟ ދޭ ޝުޑް ބީ ގްރޭޓްފުލް. މުޅިދުނިޔެ އެމީހުންގެ މުށުތެރޭގައި.. ކިހާ އަރާމުކޮށް ދިރިމިއުޅެވެނީ. ވެރިކަމުގެ އަރާމާއި ރާހަތު ލިބުމަށްފަހު އެހެން ކަންކަން ހަދާން ނައްތައިލެވެނީ. އަންހެންކުދިންވެސް މުއްސަދިންނާއި އިންނަނީ މިހެންވީމަ. ހިތްތައް ބަލިކަށިވީމަ. މިފަދަ ކަންތައްތައް ފެނުމުން ހިތް އެނބުރިދާނެ. އެކަމަކު އަހަރެން ފަހަރެއްގައިވެސް ފެންވަރު ހަދާން ނައްތައެއްނުލާނަން. އަހަންނަކީ މިކާގެ ހައްގެއްކަން ހަދާން ނައްތައެއް ނުލާނަން. މިފަދަ ވަގުތީ އުފަލަކަށްޓަކާ ހެއްލިގެން ގޮއްސިއްޔާ ފަހުން ލިބޭނެ ލަނޑެއް ނޭގޭނެ....." ނަސީބަކުން ނުކުތްއިރު އަމްރާން އޮތީ ފުންނިދީގައެވެ. ހަޔާތީ ސޯފާގައި ބޮލާއިއެކު ރަޖާ އޮޅާލައިގެން އޮތްނަމަވެސް ނިދީގެ އަރާމެއްނުލިބުނެވެ. "ބިއުޓީ ސްލީޕް" އޭނައަށް އެހީވާގޮތެއް ނުވިއެވެ. ކޮފީގެ އަސަރުކަން ނޭގެއެވެ. ޑީކެފް ކޮފީ އެއް ބޯލެވުނުނަމައެވެ. އޭރުން ކެފެއިންގެ އަސަރު ކުޑަވުމުން ނިންޖާއި ނުކުޅޭނެއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތްވާ ފަތިސްނަމާދުގެ ބަންގީގެ އަޑު ދުރުދުރުން އިވުމުން ތެދުވެ ނަމާދުކޮށްލަން ގަސްތުކުރިއެވެ. މިކާލްދެކެ ލޯބިވަންޏާ މިކާލް އުޅުނު ގޮތްތަކަށްވެސް ލޯބިކުރެވެންވާނެއެވެ. ނޫނެކެވެ. އެހެނެއްނޫނެވެ. އޭނަ ދީނީ ފޮތްތައް ބަލަންފެށުމުން ނަމާދުކުރުމުގެ މުހިއްމުކަން ވިސްނުނީއެވެ. ނަމާދާއި ނުލާ މުސްލިމަކަށް ނުވެވޭނެކަން އެނގުނީއެވެ. ނަމާދަކީ ހަމައެކަނި ނިތްތަޅާލުމެއް ނޫނެވެ. ޚުޝޫއަތްތެރިކަމާއި ތަގުވާވެރިކަމާއިއެކު ނަމާދުކުރުމުން ނޫނީ ނަމާދުގެ ފޮނިމީރުކަމެއް ހިތްތަކަށް ނުކުރާނެއެވެ. ނަމާދާއި ނުލާ ހިތްތައް ވާނީ މަރުވެފައެވެ. ހަގީގީ ހިތްހަމަޖެހުމާއި އުފަލެއް ހިތްތަކަށް ހޯދޭނީ ހަމައެކަނި ހެއްދެވިފަރާތް ހަދާންކޮށްގެންނެވެ.

ފަތިސްނަމާދު ކުރުމަށްފަހު އޭނަ އަމްރާންއަށް ވައިބާ މެސެޖެއްކޮށްލުމަށްފަހު މިއަދު އުޅޭނީ އޭނަގެ މަންމަގެ ގާތުގައި ކަމުގައި ބުނެލިއެވެ. އެޗްއެމް އޭނައަށް ވީހާވެސް އަވަހަށް ލިބޭނެގޮތް ހަމަޖައްސައިދިނުމަށްވެސް އެދުނެވެ. މިރޭ އޭނަ ނިދަން އަންނައިރު އާ މެހުމާނެއް ގޮވައިގެން އަންނާނެކަމުގައި ހަޔާތީ ބުނެލިއެވެ.

ހަޔާތީ އަޖައިބުވިއެވެ. އެމެސެޖްތަކަށް ޖަވާބު ދިނުން ބޭނުންކަމަކަށް އަމްރާންއަކަށް ނުވިއެވެ.

އެހާ ހެދުނު ގެއަށް ގޮސް ނާސްތާ ތައްޔާރުކޮށްލިތަނުން މަންމަ ހޭލެވިގެން މައްސަލަޖައްސަންފެށިއެވެ.

"ކައިވެނީގެ ފުރަތަމަ ދުވަހު ފިރިމީހާ ދޫކޮށްލާފައި ހަޔާ ތިއައީ. ތީ ކިހާ ގޯސްކަމެއް. މަންމަވެސް އެގެއަށްދާންކަމަށް މިހުރީ........" މަންމަ ނިތުގައި ރޫތައް ގިނަވިއެވެ.

"އެގެއަކު އެއްވެސް ބަޔަކު ނޫޅޭ މަންމާ....."

"އަމްރާން އުޅޭނެއްނު.."

"ކައިވެނިކުރިޔަސް ނާއިބުރައީސް މީހާ ވީމަ ވަގުތެއްނުވާނެ. އޮފީހަށް މިއަދުވެސް ވަޑައިގަތީ...." ހަޔާތީ ވާހަކަދެއްކީ ރީތިކޮށެވެ. ހަޔާތީގެ ޖުމްލައިން މަންމަގެ ދެލޯ ދިއްލުނެވެ. ކީމޯއާއި އެހެން ފަރުވާތަކަށްފަހު މަންމަގެ ސިފައަށް ބަދަލުތަކެއް އަޔަސް މިހާރު އެކަން ރަގަޅުވެ ރޫފަވެސް ހެޔޮވާން ފަށައިފިއެވެ. ހަޔާތީ އޭނަގެ މަންމައަށްޓަކަ ތައްޔަރުކޮށްލީ ކޮޕީފަތު ބިސްގަނޑަކާއި ބްރައުންބްރެޑް ޕާނުގައި ސެންޑްވިޗެކެވެ. ކިރުތަށްޓެކެވެ. ނާސްތާ ފެނިފައި މަންމަގެ އުފާވެރިކަން އެތައްގުނަ އިތުރުވެ ދެލޯ ފެންކަޅިވިއެވެ. ހަޔާތީ ކޮންމެފަހަރަކު އޭނައަށް ކާން ދޭން ތައްޔާރުކުރަނީ ރަގަޅު ކާނާއެވެ. އެހާ އޯގާތެރިއެވެ. ދަރިފުޅާއިމެދު ކުރިން ކަންތައް ކުރެވުނު ގޮތާއިމެދު އެހިތަށް ތަކުލީފު އުފުލަންޖެހެނީ މިފަދަ ވަގުތުތަކުގައެވެ. ދެމައިން އިޝްކަން މަތިން ހަދާންކުރިއެވެ. އެކި ވާހަކަތަކުގައި ތިބެ ނާސްތާ ނިންމާލުމަށްފަހު ހަޔާތީ އެދުވަހު މުޅިންހެން ހޭދަކުރީ މަންމައާއި އެކުގައެވެ. ގެއިން ބޭރަށް ނިކުންނާކަށް ނުކެރުނެވެ.

ރޭގަނޑު އިޝާކޮށްލުމަށްފަހު ކާން ފެށިތަނާހެން އަމްރާން ގުޅިއެވެ. އޭނަ ކާރުގައި އިންތިޒާރުގައި އިންކަމަށް ބުނެ ގެއަށް ދާން ތިރިއަށް އައުމަށް އެދުނެވެ.

"އަޖައިބެއް.އޭގެ ކުރިން ގުޅާފައި ބަލާ އަންނާނަމޭ ބުނިނަމަ. ގަޑިއަށް ތައްޔާރުވާން އެގުނީހެއްނު. ދެން އަހަރެން ބަލާ ނަޔަސް އަމިއްލައަށްވެސް ހިގައިދާނަން. ކޮންކަމެއްތަ މިއީ؟ ހޫމް އެހެންމީހުނަށްޓަކާ ކުޅޭ ގޭމެއްވީމަ އެބަޖެހޭ މި ގޭމުގައި ބައިވެރިވާން.....އެހާވަރުން ކުޅިމަސް ހަދާފައިވެސް ދާން މިޖެހުނީ......." ހަޔާތީ އޭނަގެ މަންމަ ކައިރީ ބުނުމުން މަންމަ ވަގުތުން ދުވެލައިގެން ދަނބިދަރިފުޅާއި ބައްދަލުކުރަން ޖެހޭނެއޭ ކިޔާފައި ނުކުތުމުން ހަޔާތީ ތައްޔާރުވާންފެށިއެވެ. ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކަފަލޮލީ ރަޖާގައި އޮޅާލައިގެން ދުވަމުން ދުވަމުންގޮސް ކާރާއި އަރާ ހަމަވިތަނާ އަޒިކިއަލް ނުކުމެ ދޮރު ހުޅުވާލަދީފިއެވެ. ހަޔާތީ ފަހަތު ސީޓަށް އެރިއިރު އަމްރާން އޭނައަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ޑްރައިވަރު ސީޓުގައި އަޒިކިއަލް އިންއިރު ކުރީސީޓުގައި އިނީ ލާވީއެވެ.

ހަޔާތީ އުނގަށް ލައިގެން އިން އެއްޗެއް ބަލައިލަން އަމްރާން ރަޖާ ހިއްލައިލިއެވެ. ހުދު ކަފަބޯޅައެއްހެން އޮތް ޕާޝިއަން ބުޅަލުގެ ލޮލުގައި ހުރި މަޑުއަޅިކުލައިން ފެށިގެން ކެހެރީގައިވާ ބޯކިރުކޮޅެއްފަދަ ހުދުކުލައިން ދެކޭމީހުންގެ ހިތްތައް މަޑުވާނެއެވެ. ބުޅާ ބާރަށް ހަޅޭއްލަވަންފެށުމުން ލާވީއާއި އަޒިކިއަލް ވަގުތުން އެލާޓަށް އައެވެ. އެ ބުޅާ އަތް ދިއްކޮށްލާފައި އަމްރާންގެ ސޫޓުގައި ވަކިތައް އަޅުވާލަން އުޅުނެވެ. ލާވީ އެސިކުންތުކޮޅު އަތުން ޖައްސާ ބުޅާ ދުރުކޮށްލަން މަސައްކަތްކުރިއެވެ.

"ކާމް ޑައުން. ހީޒް ނޮޓް އެ ކިލާ..." ހަޔާތީ ލާވީއާއި ދިމާލަށް ބަލައިލިއެވެ. ހިތާހިތުން ކަޅި އަޅައިލިއެވެ. މިމީހުން އަމްރާންއަށް ސިކިއުރިޓީދިނުމުގައި ހައްދު ފަހަނަޅާފައެވެ. ކުޑަ ކުޑަ ބުޅަލަކީވެސް އަމްރާންއަށް ތްރެޓެއްކަމަށް ބަލާ އެލާޓްގައެވެ. އެހާ ފާރަވެރިވެފައެވެ. އޭނަ ނެތްނަމަ ފިސްތޯލައިގެ ޝިކާރައަކަށް މި ކުޑަ ކުޑަ ފުރާނަ ހަދައިނުލާނެކަމެއްވެސް ނޭގެއެވެ. އަމްރާންވެސް ހީލިއެވެ.

"އިޓްސް ފައިން ލާވީ. އިޓްސް ހާމްލެސް...." އަމްރާންގެ އެ ޖުމްލަ ނުނިމެނީސް ބުޅާ އަމްރާންގެ އަތުގައި ދަތްއެޅުމުން ހަޔާތީވެސް ކަންބޮޑުވެފައި ކަފަލޮލީ ރަޖާއިން ފޮރުވިއެވެ. އަމްރާންގެ އަތަށް ތަދުވިހެއްޔޭ އަހައިލީ ހާސްވެފައެވެ. ކަފަލޮލީ ރުޅިއަންނަ ކުލައެއްގެ ސޫޓެއްލައިގެން ހުރުމުން ދުޝްމިނެއްކަމުގައި ދެކެނީ ކަމަށް ވެދާނެއޭ ބުނުމުން އަމްރާން އިނީ މަޖާވެފައެވެ.

"ހަޔާތީ ޓްރެއިން ދީފައި ތިހިރީ ހަމަ ރަގަޅަށް. ތީ ބޮޑީގާޑްތަ؟ "

"ނޮޕް ހީޒް މައި ޕެޓް......އަސްލު މިކާގެ......."

މިކާލްގެ ނަން ކިޔަން އުޅެފައި ހަޔާތީ ހިންދިރުވައިލިއެވެ. މިކާލްއަކީ ކާކުކަން އަމްރާންއަށް ރަގަޅަށް އެނގޭނެއެވެ. ސްކޫލްގައި އެއްކޮށް ކިޔެވިއިރު މިކާލްއާއި އަމްރާން އެކުވެރިއެވެ. މައްސަލަޖެހުނީ ހަޔާތީގެ ސަބަބުންނެވެ. ހަޔާތީއަށް އަމްރާން ކުރި މަލާމާތާއި ދެކޮޅަށް މިކާލް ތެދުވެ ހަޔާތީގެ ކޮޅު ނެގި ހިސާބުން ފެށިގެން ބޮޑާ އަމްރާންގެ އެކުވެރިންގެ ލިސްޓުން މިކާލްގެ ނަން އުނިކޮށްލީއެވެ. ހަގީގަތުގައި އަމްރާންއަކީ ކުރިން ރާއްޖޭގައި އުޅުނު ދަރިވަރެއްނޫނެވެ. އެކުދިންނާއިއެކު އަމްރާން ކިޔެވީ ދެތިން އަހަރަށެވެ. އެދުވަސްކޮޅު އަމްރާން އަންހެންކުދިންގެ ހިތްތަކުގެ ވެރިޔާކަމުގައިވިއެވެ.

އަމްރާން އެގުނުކަމަކަށް ހަދާނުލިއެވެ.

އޭނަ ލޯބިވަނީ މިކާލްދެކެކަން އަމްރާންއަށް އެނގޭނެހެއްޔެވެ؟ އެއީ އަމްރާންގެ އިގޯ ފުނޑުފުނޑުވާނެ ކަމެކެވެ. އޭނައާއިހެދި އެއް އިރެއްގައި ހަޔާތީ މޮޔަވެ ދީވާނާވާވަރަށް ލޯބިވެ އެތައް ލޯބީގެ ސިޓީއެއް ލިޔެ ލިޔެފާ އެހެން ފަރާތަކަށް ހިތްދީގެން ވާނެކަމަށް ގަބޫލެއް ނުކުރާނެއެވެ. އޭނަދެކެ އެހާ ލޯބި ކުއްޖެއް މިކާލްއަށްޓަކާ އެ ވަރުވާން ޖެހޭނެކަމަށް އޭނަ ގަބޫލެއް ނުކުރާނެ އެވެ.

އޯޓަމްބްލޭޒްގެ ކާރު ޕާކުކުރާތަނުގައި ކާރު ޕާކުކޮށްލުމުން ހަޔާތީ ބުޅާ އުރާލައިގެން ނިކުތެވެ. އަމްރާންއާއި ދެމީހުން އެއްކޮށް ކަހަލަގޮތަކަށް ގޮސް ގެއަށްވަނުމާއިއެކު އެމިނިޓްކޮޅު ތެރޭ އެތައް ކަންތައް އެއްފަހަރާ ހިގައިގަތެވެ. އެލީންގެ ތޫލި ހަޅޭކުގެ އަޑު ގޭތެރޭގައި ގުގުމައިގެން ދިޔުމާއިއެކު އޭނަ ފުންމައިގެން އެރީ އަމްރާންގެ އުރަށެވެ. އަމްރާން ވިސްނަނުލާ ހުރުމުން ބެލެންސްނުވެ ގޮސް ސޯފާމައްޗަށް ޖެހުނުއިރު އަޒިކިއަލްވެސް ދުވަމުން އައިސް ގެއަށްވަނީ ވާނުވާއެއް ނޭގިހުރެއެވެ. ހަޔާތީއަށްވެސް ބުޅާ އަތުން ދޫކޮށްލެވުމުން ކަފަލޮލީ ދުވަމުންގޮސް އަދި އެރީ އެލީންގެ ގަޔަށެވެ.

"ކިހިނެއްވަނީ..." ގޭތެރެއިން އަބުދުލްއަޒީޒުވެސް ނިކުންނެވިއެވެ.

"ބުޅަލެއް ފެނުނީމަ މެޑަމް އެލީން ބިރުގަތީ...." އަޒިކިއަލް ހުރީ ހުނުން ހިފަހައްޓާލައިގެންނެވެ.

އޭރު ހަޔާތީ ގޮސް ބުޅާ ނަގާފައި އުރާލައިފިއެވެ. އަދި އަބުދުލްއަޒީޒުއަށް ސަމާލްކޮށްލީ އިހުތިރާމްކުރާފަދަ ގޮތަކަށެވެ. އެލީން ތެދުވެފައި ރުޅިވެރިކަމާއިއެކު ހަޔާތީއަށް ބަލައިލަމުން ބުޅާ ގެއިން ނެރެލަން ބުނެލިއެވެ.

"އެލީން. ތިވައްތަރަށް އުޅެން ކުޑަކުއްޖެއް ނޫނެއްނު. އޭތި އޮންނާނީ މިގޭގައި..........." އަމްރާން ސީރިޔަސް ނަޒަރަކުން އެލީންއަށް ބަލައިލިއެވެ. އަމްރާންގެ ނިންމުން ބަދަލްނުކުރާނެކަން އެލީންއަށް ވިސްނުނެވެ. އެގޮތަށް ވާހަކަދެއްކުމުން އޭނަ ލަދުގަތެވެ. އެންމެންގެ ކުރިމަތީގައި އޭނަ ލަދުގަންނަވައިލީއެވެ. އެލީން ތުން ފިތާލިއިރު މޫނު ރަތްކަމުން ޖަންބެއްފަދައިން ފިޔާތޮށިކުލަ މޫނަށް ވެރިވިއެވެ. ދެލޯ ކަރުނުން ފުރާލުމާއިއެކު ބާރަށް ދުވެފައިގޮސް ލޯމަތިން ގެއްލުނެވެ.

"އިޒް ހީ ވެކްސިނޭޓެޑް؟ ޑީވޯމިން ޑަން؟ ވެޓްއަކަށް ދައްކާލާންޖެހޭނީ. ރިސްކު ނަގައިގެން ކަމަކުނުދާނެ ދޯ. ޕެޓް ބަލަހައްޓަންވެސް މީހަކު ހަޔާ ކުރަން ޖެހޭނީ. ފެންވަރުވާ ފުނާ އަޅުވާ ވެޓަށް ގެންގޮސް ހިނގާލަން ގެންގޮސް ލިޓާބޮކްސް ސާފުކޮށް އެކަހަލަ ކަންތައްތައް މެޑަމް ކުރެއްވުން ދެން ރަގަޅެއްނުވާނެ.." އަޒިކިއަލް ބުނެލިއެވެ.

"އަމް ނޮޓް ޝުއާ. ތްރީ ޔިއާސް ވަރަކަށް މިވަނީ މި ކެޓް ގެންގުޅޭތާ. ބައްޔެއްޖެހިފައިވާނަމަ އަޅުގަނޑު ބަލިވާނެ ނޫންތޯ. ހިޔެއްނުވޭ. ހީޒް ފިޓް އޭޒް އެ ފިޑްލް. ދޯ ކަފަލޮލީ. މީހަކު ހަޔާނުކުރިޔަސް އައި ކެން ލުކް އާފްޓާ ކަފަލޮލީ ވެރީ ވެލް.............." ހަޔާތީ ބުޅަލުގެ ބޮލުގައި ނިކަން ލޯބިން ފިރުމައިލަމުން ކިޔާލިއެވެ. އަމްރާންގެ މޫނުމަތިން އާއްމުކޮށް ޝުއޫރުތައް ފައުޅުނުކޮށް ސީރިޔަސްކަން ދެއްކިނަމަވެސް ހިދުކޮޅަކަށްނަމަވެސް ބުމަ ކައިރިކޮށްލެވުނެވެ. ނަމަވެސް ވަރަށްއަވަހަށް ޖަޒުބާތުތައް ވަންހަނާކޮށްލައިފިއެވެ. ކޮންފަދަ ހަނދާނެއް އައީކަމެއް ނޭގެއެވެ. ހަޔާތީ އެގެއަށް ބުޅާ ގެނައިފަހުން އެލީން ބިރުންގޮސް ކޮޓަރިން ނުނިކުމެއެވެ. ކޮންމެހެން ނިކުންނަން ޖެހިއްޖެއްޔާ ދެކޮޅު ބަލާފައި ކޮޓްންކެންޑީގެ ހިލަމެއްވޭތޯ ބަލައެވެ. ޔަގީންކޮށްފައި ނޫނީ އޭނަ އެތަނުން ބޭރުނުވެއެވެ. ކޮޓްންކެންޑީ މަރާލަން އެހީތެރިވެވޭތޯ އޭނަ އަޒިކިއަލް އާއި ލާވީއަށް ރިޝްވަތުދޭން މަސައްކަތްކުރިއެވެ. އެމީހުން އެއްބަހެއްނުވިއެވެ. އަމްރާންގެ އަންހެނުން ގެންގުޅޭ އެއްޗަކަށް ގޯނާއެއްކޮށްލަން ހިތަށް އަރުވާކަށްވެސް ނުކެރޭނެއެވެ.

އަމްރާންއާއި ހަޔާތީގެ ކައިވެނި ޕާޓީ ރިޒޯޓެއްގައި ބޭއްވުނީ ކުލަގަދަ ހަފްލާއެއްގައެވެ. އެތައް އަންހެންކުދިންގެ އުއްމީދުތައް ހަޔާތީ ފޭރިގެންފިއެވެ. އެތައް ލޮލަކުން ކަރުނަ އޮހޮރުވާލައިފިއެވެ. އެންމެންގެ ހިތްތަކުގެ ވެރިޔާ ޖަހައިގެންފިއެވެ. އެރޭ އެޕާޓީއަށް ދިޔަ މީހެއްނަމަ އެހަނދާންތައް ދުވަހަކު ފިލައިގެން ނުދާނެއެވެ. ރިޒޯޓް ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަވެފައި ދެމަފިރިން ހެދުން އަޅާފައިވާގޮތާއި ރީތިކަން އަދި ކާއެއްޗެހީގެ މީރުކަމުން ފެށިގެން މިއުޒިކްވެސް ފުރިހަމައީއެވެ. އައި މެހުމާނުންތަކުގެ ތެރޭ ގައި ދުނިޔޭގެ ނަންމަޝްހޫރު ސިޔާސީމީހުންނާއި ތަރިން ހިމެނެއެވެ. އަމްރާންގެ އެކުވެރިންގެ ތެރޭ ހިމެނެނީ އެފަދަ މީހުންނެވެ. ހަޔާތީއަށް އެރޭ ޖެހުނީ ގަދަކަމުން ހިނިތުންވާށެވެ. ކެމެރާތަކުގެ އަލިން ސަލާމަތްވެ ފިލަން ދުވޭނެ އެއްވެސް ގޮތެއް ނެތެވެ. ލައިވްކޮށް އެ މަންޒަރު ބަލާނެ ކިތަންމެ ބަޔަކުވެސް ތިބޭނެއެވެ. އެރޭ ހަޔާތީއަށް އަމްރާންގެ އެކުވެރިންގެ ތެރެއިން ކާޒިމް ފާހަގަކުރެވުނެވެ. ހުޅުލޭ އެއާޕޯޓުން ކަޒިމް ފެނުނު ހަދާނެއްވެސް ވިއެވެ. އަމްރާންގެ އެކުވެރިންފަދައިން އޭނަގެ ވަރަށް ސިއްރުވެރިގޮތެއް ހުރިކަން ފާހަގަކުރެވުނެވެ. އެހެންމީހުންފަދައިން އެހާ އެކުވެރިގޮތެއް ނެތެވެ. ވާހަކަދެއްކުން މަދެވެ. ހަޔާތީ އެންމެ ކަންބޮޑުވީ މިހުރިހާ މަޝްހޫރުކަމަކާއި މޮޅުކަމެއް ލިބި ހުވަފެނީ ދުނިޔެއެއްގައި އުޅެފައި ހަމަބިމަށް އާދެވޭއިރު މަލާމާތް ރައްދުވާނެވަރު މިހާރުއްސުރެ އިހުސާސްކުރެވިފައެވެ. ނާއިބުރައީސްގެ އަންބަކަށްވުމަކީ ޝަރަފެކެވެ. އަދި އެއަށްވުރެ ބޮޑު ޝަރަފަކީ އެމީހަކީ އަމްރާންފަދަ ޝަޚުސިއްޔަތަކަށްވީމައެވެ. އެތައް އަންހެންކުދިންނެއް އެދިއެދި ތިބި ރީތި ފިރިހެނަކަށްވުމުން ކިހާ ޚާއްސަވާނެހެއްޔެވެ؟ އޭރު އަދި ހަޔާތީއަށް ނޭގުނުކަމަކީ ދާދިއަވަހަށް އޭނައަށް "ފަސްޓްލޭޑީ"ގެ ލަގަބުލިބެން އުޅޭކަމެވެ. ކުރިމަތިވާން އުޅޭ ތޫފާންގެ ވަރުގަދަ ކޮޅިގަނޑު ބޯމަތިވަމުން އަންނަކަމުގެ ހިލަމެއް ހަޔާތީއަކަށް ނުވެއެވެ.

ޕާޓީގެ ފޮޓޯތައް ފެންނާން ފެށުމުން މިނާއާއި ޒީކް މޮޔަވާވަރުވިއެވެ. ހަސަދައިގެ އަލިފާން އެކުދިންގެ ހަށިގަނޑުތެރޭ ކެންސަރުފަދައިން މޫތައް ހަރާލައިފިއެވެ.

"ސީރިޔަސްކޮށް އައި ވިލް ކިލް ދެޓް ބި....." ޒީކް ރުޅިއައިސް ރަތްވެފައި ފޯނު އަތުކޮޅަށް ހޫރައިލިއެވެ.

"ކިހިނެއްހަދާނީ؟ އަސްލު ޕްލޭނެއް ރާވަން އެބަޖެހޭ..."

"ޒީކްގެ ބޭބެއަކީ ގޭންގްސްޓާރެއްނު. އޭނައާއި ހަވާލުކުރޭ ތިކަން ދާދި އަވަހައިން ނިންމާލާނެ..."

"އޯ ކުރިން އެހެން ހިތަކަށް ނޭރި.ދޮންބެގެ އަތްދަށުގައި އުޅޭމީހުން ލައްވާ ކޮންމެގޮތެއްވެސް ހަދާފާނެ...."

"އެކަމަކު އަހަރެމެންގެ ޕްރިންސަށް ގެއްލުމެއްނުދޭން ބުނައްޗޭ. ހީޒް ލަވް..ވައިޕް ހަޔާތީ ފްރޮމް ދަ ފޭސް އޮފް އާތު ޝީޒް ރަބިޝް......." މިނާ މޭގައި އަތްއަޅާލަމުން ދެލޯ މަރައިލިއެވެ.

އިޝްކަން މާލެއައުމަށްފަހު ހަޔާތީއާއި ބައްދަލުކުރިއެވެ. ނަމަވެސް އިޝްކަން ހުރީ ބަދަލުވެފައެވެ. ހިތްހަމަނުޖެހިފައެވެ. އަމްރާންފަދަ ލާދީނީމީހެއްގެ އަނބަކަށް ދޮންތަވުމުން އޭނަ އެކަމާއި ހިތާމަކުރާކަމުގައި ބުނެލިއެވެ. އަމްރާންގެ ޕާޓީއަށް މާ ގިނަދުވަހަކު ވެރިކަން ނުކުރެވޭނެކަމުގައި ބުނެލިގޮތުން ހަޔާތީގެ ހިތަށް ބިރުވެރިކަން ވަނެވެ. ކޮއްކޮ ގެ މަގުސަދަކީ ކޮބާހެއްޔެވެ؟ ފިކުރަކީ ކޮބާހެއްޔެވެ؟ އިޝްކަން އޭނައަށް ސިފަވީ މިކާލްގެ ގޮތުގައެވެ. އެހާ ސިއްރުވެރިކޮށެވެ. މަންމަ ގޮވައިގެން އިޝްކަން ފުރުމުން އެކަނިވެރިކަން ހަޔާތީ ވަށައިލިއެވެ. މާ ބޮޑަށް މިކާލްމަތިން ހަދާންވާންފެށިއެވެ. ދުވަހަކު ނުފެންނާނެކަން ހިތަށް އަރާ ކޮންމެފަހަރަކު ރޮވެއެވެ.

އަމްރާންއާއި ކާޒިމް އަދި އިމާދުއްދީންގެ ބައްދަލުކުރުން އޮތީ ރިޒޯޓެއްގައެވެ. އިމާދުއްދީން އިސްތިއުފާ އިއުލާންކުރުމާއިއެކު އަމްރާންއަށް ރައީސްކަން ލިބިގެންދާނެއެވެ. ނާއިބު ރައީސްއަކަށްވާނީ ކާޒިމްއެވެ. ތިންމިހުން ރޭގަނޑު ކެއުމަށް އިންސާފުކުރަމުން ދިޔައިރު ތުނި ތަށްޓަކަށް އަޅާފައިވާ ބުއިން އެންމެ ވައްތަރުވަނީ އަގުބޮޑު ރަލަކާއެވެ.

"ރާއްޖޭގެ ތިން ލައްކަ އާބާދީގެ އެންމެން މުއްސަދިންނަށް ހަދާ ކޭއެސްއޭފަދަ ގައުމަކަށް ހަދާނަން. ވީ ކެން ޑޫއިޓް......." ކާޒިމް އެއްމިޔަކަނުން ހީލިއެވެ.

"ކާޒް......ކީއްވެ ސައުދީ ކަހަލަ ތަނަކަށްވާންވީ؟ އައިއެސްކަހަލަ ތަންތަނަށް ފަންޑުކޮށް ސިއްރުން އިސްލާމިކް ގްރޫޕްތައް ޓްރެއިނިންކުރާއިރު އެތަނުގައި ޑިމޮކްރެސީއެއްނެތް. އަދި އޮންނަ ގާނޫނުތައް ޓެރަރިސްޓު އައިއެސްއެކޭ ތަފާތެއްނެތް. އަހެރެމެން އެބަޖެހޭ ދީނީ މިނިވަންކަން އެންމެ ފުރިހަމަގޮތުގައި ދޭން. އެމީހަކު ގަބޫލުކުރާ ދީނަކަށް އެމީހަކު އުޅޭނީ. ގަދަކަމުން ބާރު ފޯރުވައިގެން ދީނަށް މީހުން ވައްދާކަށް ނޯވޭ. އެތީސްޓުންނަށްވެސް އުޅެވެންވާނެ. އަހަރެމެންގެ ޕާޓީގައި ތިބި އެތީސްޓުން ބޭރުކުރަން ދީނީ މީހުން ފޯރިއެއް އެބަހުރި. މީ އެކާވީސްވަނަ ގަރުނުކަން އެކުދިންވެސް ހަދާން ނައްތާލައިގެން ނުވާނެ. ޕްލަސް ރާއްޖޭގެ މެޖޯރިޓީ މިއޮތީ އަހަރެމެންނާއިއެކު. ދީނީ ގިނަ ޝޭޚުންގެ ސަޕޯޓު އެބައޮތް. ދެ ޕަސެންޓް މީހުންނަކަށް ސަރުކާރު ހިންގަން ގޮތް ނުކިޔޭނެ......." އަމްރާންގެ ވާހަކައަށް ކާޒިމް ހިނިގަނޑެއްޖަހައިލިއެވެ.

"އެހެން ކަން އެނގުނަސް އެމީހުންނާއި ނުލާ އެމެރިކާތަންތަނަށްވެސް ނޭވާއެއްނުލެވޭ. ސައުދީންގެ ނުފޫޒްއެހާ ބޮޑު.އަހަރެމެންނަށްވެސް އެމީހުންނާ ގުޅުން ކަނޑައެއްނުލެވޭނެ. ގަތަރުކަހަލަ ކުދިތަންތަނުން މާ ބޮޑަށް ތިބުނާ އިސްލާމިކް ސްޓޭޓް ހަމާސްފަދަ ތަންތަނަށް ހެލްޕްވޭ އެވެސް އޮޕެންކޮށް އެހެންވެ ސައުދީތަންތަނުން މެދުނުކެޑި ގަތަރަށް ރުޅި ބާލަނީ. އަހަރެމެންވެސް އެބަޖެހޭ ވަރުގަދަވެ އެންމެން އެކަތިގަނޑަކަށްވާން....." ކާޒިމްގެ ސާފު ދެލޮލުން ފާޅުވާން ހުރީ އުއްމީދުގެ ކުލަވަރެވެ. ތިންމީހުން އެތައް ދަމެއްވާންދެން މަޝްވަރާކޮށް ނިމުނުއިރު މޭޒުމަތީގައި ހުރި ތަށިތައްވެސް ހުސްވުމަކައި ކައިރިވެއްޖެއެވެ. ކާޒިމް ތުނިތަށީގައި ހުރި އެއްޗެއް ނުބޮއި ފޮނި އެއްޗަކުން ނިންމައިލިއެވެ.

އިމާދުއްދީންގެ އިސްތިއުފާ ދިވެހި ރައްޔިތުން އަޑުއެހީ ހިތާމައާއި ކަރުނައާއިއެކުގައެވެ. ނަމަވެސް ދެން ގާނޫނީގޮތުން ރައީސްއަކަށްވާނީ އަމްރާން އަބުދުލްއަޒީޒިކަން އެނގމުން އުފަލާއި ޖޯޝާއިއެކު މަގުތައް ފުރާލިއެވެ. އަމްރާންއަށް މަރުހަބާ ކިޔުމަށެވެ. ޚާއްސަކޮށް މާލޭގެ ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން ވަންނަމުން ދިޔައީ އާ ރައީސްއަށް މަރުހަބާ ދެންނެވުމަށެވެ. ޒުވާނުންގެ ގިނަ މީހުންގެ ތާއީދު އަމްރާންއަށް އޮތެވެ. ދީނީ ޝޭޚުންގެ ގިނަ ބަޔަކުވެސް އަމްރާންގެ ފަހަތުގައެވެ. މަދު ޕަސެންޓެއްގެ ޒުވާނުންގެ ނަފްރަތު އަމްރާންއަށް އޮތަސް ތާއީދުބޮޑުކަމުން އެކަމަކުން އަމްރާންއަށް ކުރާނެ އަސަރެއްނެތެވެ. އަމްރާންވެސް ދެކޭގޮތުން ފައިސާއާއި ނުފޫޒުއޮތިއްޔާ ކޯޓަށްދާންދެން އޭނައަށް ބާރު ހިންގޭނެއެވެ. އެއީ އޭނަ ގަބޫލުކުރާގޮތެވެ. އެތައް ބަޔަކު އުފާކުރިއިރު ގިނަ އަންހެންކުދިން ޝޮކްގައެވެ. އެނަސީބު ނުލިބުނުކަމަށްޓަކާ ހިތާމަކުރަނީއެވެ. އާދައިގެ އަންހެންކުއްޖަކު ފަސްޓްލޭޑީއަށް ވުމުން އެކަމާ ހިތްތައް ހަސަދައިން ފޯވީއެވެ. ހަޔާތީއަށްވުރެ މާ ރީތި ޅަ އަންހެންކުދިން މާލޭގައި އެބަތިއްބެވެ. މާ މުއްސަދި ސްޓައިލިޝްކުދިން އެބަތިއްބެވެ. ވީއިރު އަބާޔާ ލާ އަންހެންކުއްޖަކު އަމްރާންގެ ބައިވެރިޔަކަށްވުމަކީ އެކަކަށްވެސް ބަލައިގަތުން ފަސޭހަކަމަކަށް ނުވިއެވެ.

ސިޓިންރޫމްގައި ޓީވީބަލަން އިން ހަޔާތީއަށްވެސް އެމަންޒަރު ފެނުމުން ސިހޭގޮތްވިއެވެ. ސަޖަލްގެ ފޯނުއައީ އެވަގުތުއެވެ.

"މަރުހަބާ ފަސްޓްލޭޑީ....މިއަދު ނޫސްތަކުން ކިތައް ސުއިސައިޑް ފެންނާނެތަ. އަމްރާންއަށް ރައީސްކަން ލިބުނީމަ އަންހެންކުދިންނަށް ހާދަ ވަރެއްވާނެއޭ.. "

"ދިސް އިޒް ޝޮކިން..." ހަޔާތީ އިނީ ނޭވާ ހިފަހައްޓައިގެންނެވެ.

"ހުވަފެނެއްނޫން. ޕްރެޒިޑެންޓް ރިޒައިންކޮށްލީމަ ދެން ހަޔާގެ ހަޒްބެންޑްއަށް ރައީސްކަން ލިބުނީ. ނާއިބުރައީސްގެ ބޭނުމަކީ އެއީ. ރިލެކްސް ލަވް. ޔޫ ކެންޑޫ އިޓް. އައިމް ސޯ ޕްރައުޑް އޮފް ޔޫ. ރައިޓް ނައު އައިމް ކްރައިން......." ސަޖަލް ވީޑިއޯ ކޯލް ޖެއްސިއެވެ. ސަޖަލްގެ މަންމަގެ ފޯނެއްވެސް އައެވެ. މަޑުމަޑުންގޮސް އާއިލާގެ މީހުންތައް ގުޅަންފެށިއެވެ. ދުވަހަކު ވާހަކަ ނުދައްކާ މީހުން ކުއްލިއަކަށް ރައްޓެހިންނަށްވެ ހަޔާތީގެ އެފްބީއަށް މަރުހަބާގެ މެސެޖްތައް ފޮނުވަންފެށިއެވެ. އޭނަ ރާއްޖޭގެ ފަސްޓްލޭޑީއަށް ވެއްޖެއެވެ. އަބާޔާ ލައިގެން ހުރި ފުރަތަމަ ފަސްޓްލޭޑީކަމުގައި އޭނަ ހިމެނިއްޖެއެވެ.

ހަޔާތީ ކުޑަދޮރުން ބޭރަށް ބަލައިލިއިރު ފެނުނީ އަމްރާން ކޮންމެވެސް މީހަކަށް ފޯނުން ގުޅައިގެން ހުއްޓައެވެ. ހީވާގޮތުން އަންހެންކުއްޖެކެވެ. ބޮޑަށް ޝައްކުކުރެވުނީ ފޯނު ބާއްވާފައި ގޮސް އެތާހުރި ހިލަ ބެންޗުގައި އިށީންގޮތަށް މޫނުން ދެއަތްތިލަ ފޮރުވުމުންނެވެ. އުޅަބޮށި ފައިގާ ވިއްދާލައިގެން ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވިގޮތަށް އަމްރާން ރޮނީހެއްޔެވެ؟ ކޮންކަމަކާހެއްޔެވެ؟ އަމްރާންގެ މާޒީއާއި ބެހޭ އެއްވެސް އެއްޗެއް ހަޔަތީއަކަށް އެނގިފައެއްނެތެވެ. ވިސްނާލަން މަޖުބޫރުވީ މިހާރުއެވެ. އެގޭގައި ދުވަހަކު ނުހުޅުވާ ހުންނަ ކޮޓަރިއެއް ހުންނަކަން އެނގުމަށްފަހު އެކޮޓަރީގައި އުޅުނީ އަމްރާންގެ ފުރަތަމަ އަންހެނުންބާވައޭވެސް ހިތަށް އެރިއެވެ. އޭނަ މީހަކާއި ނީދެ ހުންނަނީ އެކުއްޖާއަށްޓަކާ ބާވައެވެ.

އަމްރާންއަށް ރައީސްކަމުގެ މަގާމު ލިބުމަށްފަހު އަދި ހަޔާތީއަށް މިފެނުނީ ފުރަތަމަ ފަހަރަށެވެ. އެކަމައި އުފާވުމުގެ ބަދަލުގައި ރޮނީއެވެ. ސިޔާސީގޮތުން މިހާވަރުގަދަ ކާމިޔާބެއް ލިބުނަސް އަމިއްލަ ދިރިއުޅުމުގައިވަނީ ކޮންފަދަ ކަޅު ސިއްރުތަކެއްކަމެއްވެސް ނޭގެއެވެ. ފޯނު ރިންގުވާން ފެށުމުން އޭނަ ފޯނުނެގިއެވެ.

"ޔޫ ވިލް ނޮޓް ބިލީވް ދިސް. އަހަރެން މިހިރީ ހަމަ ޝޮކެއްގައި ހަޔާ........"

"ވަޓް؟ " ކަންފަތަށް އިވުނު ވާހަކަ ގަބޫލުކުރަން ދަތިވުމާއިއެކު ހަޔާތީ އަނބުރައިގަންނަފަދަ ގޮތެއް ވެއްޖެއެވެ. ހަމަ ހަގީގަތުގައިވެސް އޭނަގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. ވަށައިގެންވާހާ ތަނެއް އަނދިރިވެ ވެއްޓެން ދިޔައެވެ.

(ނުނިމޭ...)

http://sun.mv/115187

comment ކޮމެންޓް