މައުމޫންގެ ރިޔާސީ ކޮމިޝަންގެ ބިލު: ކޮމިޝަންތަކަށް ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ބާރު!

ގާނޫނީ ވަކީލު މައުމޫން ހަމީދު: އޭނާ އިއްޔެ ވަނީ ރިޔާސީ ކޮމިޝަނުގެ ބިލުގެ ނަމުގައި ރައީސް ސޯލިހަށް ބިލެއް ހުށަހަޅުއްވާފައި -- ސަން ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރާލެވިފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެ ބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާ ނިމި، މަޖިލީހުން ފާސް ކުރުމުގެ މަރުހަލާގަ އެވެ.

އެހެން ނަމަވެސް، ރިޔާސީ ކޮމިޝަންތަކާ ބެހޭ ބިލެއްގެ ޖުމްލަކޮށް އެކުލަވާލައި އިއްޔެ ވަނީ ރައީސް ސޯލިހަށް ހުށަހަޅާފަ އެވެ. ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތައް ލިބިދޭ އެ ބިލު އެކުލަވާލައްވައި ހުށަހެޅުއްވީ ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.

އެ ބިލާ އެކު ރައީސް ސޯލިހަށް ފޮނުއްވި ސިޓީފުޅުގައި މައުމޫން ވިދާޅުވީ، އެ ބިލު ހުށަހެޅުއްވީ ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރާލެވިފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ގާނޫނުގެ ހުކޫމަތަށާއި ފަރުދުންގެ ހައްގުތަކަށް އެކަށީގެންވާ ރައްކައުތެރިކަން ލިއްބައިދެވިދާނެ ކަމަށް އޭނާއަށް ފެންނަ ހިޔާލުތައް ރައީސަށް ހުށަހެޅުމުގެ ގޮތުން ކަމަށެވެ.

އަދި ދެ ކޮމިޝަންތައް އުފެއްދެވުމުމުގެ މަގުސަދު ހާސިލު ކުރުމަށް މަގުފަހިކޮށްދޭނެ މަހްފޫމުތަކެއް އެ ބިލުގައިވާ ކަމަށް ރައީސް ސޯލިހު ދެކެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ.

"ރިޔާސީ ކޮމިޝަނުގެ ބިލުގެ ދެލިކޮޕީ"ގެ ނަމުގައި އިއްޔެ އޭނާ ރައީސް އޮފީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނާގޮތުން ރިޔާސީ ކޮމިޝަންގެ ގޮތުގައި ރައީސަށް އުފެއްދޭނީ ތަހުގީގު ކޮމިޝަން ނުވަތަ ލަފާ ދޭ ކޮމިޝަނެވެ. އެ ކޮމިޝަނެއް އުފެއްދުމަށް ރައީސް ނެރުއްވާ ގަރާރުގައި، އެ ކޮމިޝަނަކީ ކޮން ބާވަތެއްގެ ކޮމިޝަނެއް ކަން ކަނޑައަޅައި ބަޔާން ކުރަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އެ ބިލުގައި ކޮމިޝަންތައް އުފެއްދޭ ގޮތުގެ އިތުރުން ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކޮމިޝަންތަކަށް، ހާއްސަ ގިނަ ބާރުތަކެއް ލިބިދެ އެވެ. އޭގެ ތެރޭގައި ދެ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ހުށަހަޅާފައި ނުވާ ބައެއް ބާރުތައް ވެސް ހިމެނެ އެވެ.

އެ ބިލުގައި ބުނެފައި ވަނީ ހާއްސަ ބާރުތައް ކޮންމެ ތަހުގީގީ ކޮމިޝަނަކަށް އޭގެ ޒާތުގައި ލިބިގެންވާ ކަމަށެވެ. ނަމަވެސް، ލަފާދޭ ކޮމިޝަނަށް އެ ބާރުތައް ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރު ކުރާނަމަ ކަމަށް ބިލުގައިވެ އެވެ. އަދި ލަފާދޭ ކޮމިޝަންތަކަށް އެފަދަ ބާރެއް ދެވޭނަމަ އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށްވެ އެވެ.

އެ ބިލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރާ އިދާރާތަކަށާއި ހަމައެކަނި ފުލުހުންނަށް ލިބިފައިވާ އެންމެހާ ބާރުތައް ވެސް ކޮމިޝަންތަކަށް ލިބޭނެ ކަމަށްވެ އެވެ.

އޭގެ އިތުރުން، އެ ބިލު އެކުލަވާލާފައި ވަނީ ކޮޕަރަޕްޝަން ހުއްޓުވުމުގެ ގާނޫނާއި އެންޓިކޮަރަޕްޝަން ކޮމިޝަނުގެ ގާނޫނާއ،ި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި، އެންޓި ޓޯޗާ ގާނޫނާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާއި، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނުގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކޮމިޝަންތަކަށް ހާއްސަ ބާރުތަކެއް ލިބިދޭ ގޮތަށެވެ.

އެގޮތުން އެ ބިލު އެކުލަވާލާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި، އެންޓި ޓޯޗާ ގާނޫނުގެ ދަށުން، ތަހުގީގު ކުރުމަށް ލިބޭ ބާރާއި ބަންދުކޮށްފައި ތިބޭ މީހުންނާ މުއާމަލާތްކޮށް އެމީހުން ބައިތިއްބާފައި ތިބޭ ތަންތަން ބެލުމުުގެ ބާރު އެ ކޮމިޝަންތަކަށް ލިބިދޭ ގޮތަށެވެ.

އަދި އެ ބިލުގައިވާ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަންޑަކަވާ އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ހިންގުމުގެ ބާރު ވެސް ކޮމިޝަންތަކަށް ލިބޭނެ އެވެ.

އޭގެ އިތުރުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރަށް އެދުމަށް ހޯމް މިނިސްޓަރަށް ލިބިދޭ ބާރު ވެސް ކޮމިޝަނަށް ލިބިދެ އެވެ. ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މުދާ ހިފަހައްޓަން ފުލުހުންނަށް އެންގުމުގެ ބާރު ވެސް ކޮމިޝަނަށް އެ ބިލުގައިވާ ގޮތުން ލިިބިދެ އެވެ.

ބިލު އެކުލަވާލާފައި ވަނީ ފަނޑިޔާރުން ސަސްޕެންޑު ކުރެވޭ ގޮތަށް ޖޭއެސްސީއަށް ލިބިދީފައިވާ ބާރާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރަކު ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމަށް ޕީޖީ އޮފީހަށް ލިބިދީފައިވާ ބާރު ވެސް ކޮމިޝަނަށް ލިބިދޭ ގޮތަށެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ބާރަކީ ދެ ކޮމިޝަނަށް ބާރުދޭ ބިލުގައި ހުށަހަޅާފައި ނުވާ ކަމެކެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޝަންތަކަށް ލިބިދޭ ގޮތަށް އެ ބިލު އެކުލަވާލާފައިވާ އިރު ފަނޑިޔާރުންނާ ގުޅޭ އެންމެހާ ބާރުތައް ގާނޫނު އަސާސީން ލިބިދީފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށެވެ.

އެ ހާއްސަ ބާރުތަކުގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ބާރުތަކެއް ވެސް އެ ބިލުން ކޮމިޝަންތަކަށް ލިބިދެ އެވެ.

އެ ބިލުން ކޮމިޝަންތަކަށް ލިބިދޭނެ ބައެއް އާންމު ބާރުތައް:

  • ކޮމިޝަންތަކުގެ މަސައްކަތައް ހުރަސް އަޅާ ދައުލަތުގެ މުވައްޒަފުން ސަސްޕެންޑު ކުރުުމުގެ ބާރު
  • ކުށަށް އިއުތިރާފުވާ ފަރާތްތަކުގެ އަދަބު ކުޑަ ކުރުމަށް އެއްބަސްވުމަށް ޕީޖީ އޮފީހަށް ލިބިފައިވާ ބާރު
  • ދައުލަތުގެ މުވައްޒަފަކު އެ ކޮމިޝަނުގެ މަސައްކަތައް ބޭނުން ކުރުމުގެ ބާރު
  • ބޭރު ގައުމުތަކުގެ މާހިރުން ކޮމިޝަންތަކުގެ މަސައްކަތައް ގެނައުމުގެ ބާރު
  • ދައުލަތުގެ އޮފީހެއްގައި ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކުގެ ލިޔެކިޔުންތަކާއި ރެކޯޑުތައް ދިނުމަށް އަމުރު ކުރުމުގެ ބާރު (ދުރާލައި އެންގުމަކާ ނުލައި އެ ލިޔެކިޔުންތައް ނެގުމުގެ ބާރުވެސް ލިބިގެންވޭ)
  • ކޮމިޝަނުގެ މަސައްކަތައް ހުރަސް އަޅާ ނަމަ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމުގެ ބާރު
  • ގާނޫނު އަސާސީގެ ބާރުން މީހެއްގެ ޒާތީ ބެލުމުގެ ދަށުގައިވާ މުއާސަލާތަކަށް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ހުށަހެޅުމަށް އެންގުމުގެ ބާރު
  • މީހަކަށް އެނގިފައިވާ މައުލޫމާތެއް އެފިޑެވިޓަކުން ނުވަތަ ބަޔާނަކުން ހުށަހެޅުމަށް އެންގުމުގެ ބާރު
  • ކޮންމެ ފަރާތަކަށް ވެސް ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުގެ ބާރު
  • ކޮމިޝަނަށް ހާޒިރުވާ ފަރާތްތަކުގެ ހެކިބަސް ހުވާ މަތީގައި ނުވަތަ އިގުރާރުމަތީގައި ނެގުމުގެ ބާރު
  • މީހަކު ކޮމިޝަނަށް ހާޒިރު ކުރުމަށް ފުލުހުންނަށް އަމުރު ކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު
  • ކޮމިޝަނަށް ލިބިފައިވާ މައުލޫމާތެއްގެ މަސްދަރު ސިއްރު ކުރުމުގެ ބާރު
  • ކޮމިޝަނުގެ މަސްދަރަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފުލުހުންނަށް ނުވަތަ ސިފައިންނަށް އެންގުމުގެ ބާރު
comment ކޮމެންޓް