ދަން ގަޑީގައި ވިސާ ހަމަޖައްސައިދީ ތުުއްތު ކުއްޖަކު އިންޑިއާ އަށް ފޮނުވައިދީފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ތުއްތު ކުއްޖެއްގެ ސިކުނޑިއަށް ލޭ އެޅި ހާލު ސީރިއަސްވުމުން އިތުރު ފަރުވާ އަށް އިންޑިއާ އަށް ފޮނުވާލައިފިއެވެ.

ކުއްޖާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވާލުމަށް ޑޮކްޓަރު ލަފާ ދިން ވަގުތަކީ އެމްބަސީ ބަންދު ވަގުތެއް ކަމުން ކުއްޖާ އަށް ވިސާ ދިނުމަށް އެރޭ ރޭގަނޑު އެމްބަސީގެ ވިސާގެ މަސައްކަތް ކުރާ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.

އެނގިފައިވާގޮތުގައި އެރޭ ރޭގަނޑު 10 އިން ފެށިގެން އެކެއް ޖަހަންދެން އެމްބަސީ ހުޅުވައިގެން ވިސާ ޕްރޮސެސް ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ޖެހިގެން އައިދުވަހުގެ ހެނދުނު ފްލައިޓުން އެ ތުއްތު ކުއްޖާ ވަނީ އިންޑިއާ އަށް ފޮނުވާލައިފައެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާގެ ހާލު ދެރަވުމުގެ ސަބަބުން އިންޑިއާ އަށް ފުރުވާލުމަށް ޑޮކްޓަރު އާސަންދައިގެ ކަންތައް ހަމަޖައްސަވައިދެއްވުމުން ވިސާގެ ކަންތަކާ އާއިލާ އިން އުޅުނު ކަމަށާއި އެރޭ ރޭގަނޑުގެ ދަން ވަގުތުގައި އިންޑިއާ އެމްބަސީ އިން ވިސާގެ ކަންތައް ހަމަޖައްސައިދިން ކަމަށެވެ.

ރޭގަނޑުގެ ދަން ވަގުތެއްގައި ތުއްތު ކުއްޖެއްގެ ބޭސްފަރުވާ އަށް ހަމަޖައްސަން ޖެހޭ ވިސާ ދޫކުރުމަށް އެމްބަސީގެ މުވައްޒަފުން ހަރަކާތްތެރިވިކަމަށް އިންޑިއާ އެމްބަސީ އިންވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން އިންޑިއާ އަށް ދަތުރުކުރާ މީހުންނަށް ވިސާ ހަމަޖެއްސުމަށް އުނދަގޫތައް ކުރިމަތިވިކަމަށް މީގެ ކުރިން ބުނިނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަ ގޮތްތައް އިންޑިއާ އިން ދަނީ ފަަހިކޮށްދެމުންނެވެ.

މިދިޔަ އަހަރު ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމަށްޓަކައި "އެގްރިމެންޓް އޮން ދަ ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް" ގެ ނަމުގައި އިންޑިއާ އާއި ރާއްޖެ އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް