ގްރީން ކްލައިމެޓް ފަންޑާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ގްރީން ކްލައިމެޓް ފަންޑާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައްސަލަތަކަށް ހައްލު ހޯދުމަށް އެހީދިނުމަށް އެކުލަވާލެވިފައިވާ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ "ގްރީން ކްލައިމެޓް ފަންޑް"ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ފެށި އެ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއަކީ ގްރީން ކުލައިމެޓް ފަންޑް (ޖީސީއެފް)ގެ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ އެވެ. ޖީސީއެފްއިން އެހީދޭ ދާއިރާތަކުގެ ތެރޭގައި ކަރަންޓު އުފެއްދުމާއި، ދަތުރުފަތުރުގެ ދާއިރާ އާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުން ހިމެނެ އެވެ.

އަދި ހަކަތަ ސަމަކާރަކުރުމުގެ އިތުރުން ދަނޑުވެރިކަން، ފެނުގެ ވަސީލަތްތައް، ސިއްހީދާއިރާ އަދި ބަޔޯޑައިވާސިޓީގެ ދާއިރާއިން އިކޯ ސިސްޓަމް ބޭސްޑް އެޑެޕްޓޭޝަންގެ މަޝްރޫޢުތައް ހިންގުމަށް އެހީދިނުން ފަދަ މަޝްރޫޢުތައް ވެސް އެހީދޭ ދާއިރާގެ ތެރޭގައި ހިމެެނެ އެވެ.

ގްރީން ކްލައިމެޓް ފަންޑާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑރ. ހުސެއިން ރަޝީދު ވާހަކަދައްކަވަނީ--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެ ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ޖީސީއެފްއިން ރާއްޖޭގެ ފަރާތުން އެހީ ހޯދާނެ ދާއިރާތަކާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާކޮށް ބައިވެރިން ހުށަހަޅާ ޚިޔާލުތަކަށް ބިނާކޮށް، ޖީސީއެފްގެ ޕްރޮޖެކްޓުގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ދާއިރާތައް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވީ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްއަކީ ދެފުށް ފެންނަ ގޮތެއްގައި ތިމާވެށީގެ މަޝްރޫޢުތަކަށް ހޭދަކުރާ ފަންޑެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މަޝްރޫޢުތަކަށް ކުރަން ޖެހޭ ހޭދަ ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ރާއްޖެއަށް އެހީދޭ ފަރާތްތަކާ އެކު މަޝްވަރާކޮށް، ލިބެން އޮތް އެންމެ ބޮޑު މިންވަރަކުން އެފަރާތްތަކުގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް