ރުޅިވިޔަސް އާލިއާ އާދެމެދު ރުޅިވެރިކަމެއް ނެތް: ސިދާރްތު

ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ބޮލީވުޑަށް ތައާރަފުވި ސިދާރްތު މަލޯތުރާ އަދި އާލިއާ ބަޓްގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ އެންމެނަށް ވެސް އެނގޭ ވާހަކައެކެވެ. ނަމަވެސް ދެމީހުންގެ ދެމެދު އެކުވެރިކަން ފިޔަވައި އިތުރު އެއްވެސް ގުޅުމެއް އޮތް ކަމަކަށް ދެމީހުން ރައްޓެހިވެގެން އުޅުނު އިރަކު އެއްބަސްވެފައެއް ނުވެ އެވެ.

އަހަރެއް ވަންދެން ގުޅިގެން އުޅުމަށް ފަހު ދެމީހުން ވަކިވީ 2017 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އޭގެ އަހަރެއް ފަހުން ސިދާރްތު މިވަނީ ފުރަތަމަ ފަހަރަށް ދެމީހުން ލޯބީގެ ގޮތުން ގުޅުނު ކަމަށް އެއްބަސްވެ، މިހާރު ދެމީހުންގެ މަސްލަހަތު ހުރިގޮތާ މެދު ވާހަކަ ދައްކައިފަ އެވެ.

ކަރަންގެ ޓޯކް ޝޯ 'ކޮފީ ވިތު ކަރަން'ގައި ވާހަކަ ދައްކަމުން ސިދާރްތު ބުނީ ރައްޓެހިވުމުގެ މާކުރިން ވެސް ދެމީހުން އެކަކު އަނެކަކު ދަންނަ ކަމަށާއި، ދެމީހުންގެ ދެމެދު ވަރަށް ބޮޑު ތާރީޙެއް އޮތް ކަމަށެވެ.

ދެމީހުން ވަކިވީ ވަރަށް ގިނަ ސަބަބު ތަކަކާ ހެދި ކަމަށާއި، އެހެން ގުޅުންތަކާ އެއްފަދައިން އެ ދެމީހުންނަށް ވެސް ވަރަށް ގިނަ އަޑިގުޑަންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އެއްވެސް ހިތާމަވެރި ނުވަތަ ހިތި ހަނދާންތައް ކުރަން ބޭނުން ނުވާ ކަމަށާއި، ހަނދާން ކުރަން ބޭނުން ވަނީ ދެމީހުންގެ ދޭތެރޭ އޮތް އުފާވެރި މާޒީ އެކަނި ކަމަށެވެ.

ދެމީހުން ވަކިވި ފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އޭގެ ފަހުން ދެމީހުން އަދި ބައްދަލުކޮށްފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ދެމީހުންގެ ދޭތެރޭ އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށް ވެސް ސިދާރްތު ބުންޏެވެ.

ސިދާރްތު އާއި ވަކިވުމަށް ފަހު އާލިއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރު ރަންބީރު ކަޕޫރާ އެވެ. ސިދާރްތު އާއި ބަތަލާ ޖެކްލީން ފާނަންޑޭޒް އަދި ކިއާރާ އަދްވާނީ ގުޅުވައިގެން ވާހަކަ ދެކެވުނު ނަމަވެސް ސިދާރްތު ބުނީ އޭނާ އަދި ހުރީ ހުސްކޮށް ކަމަށެވެ.

comment ކޮމެންޓް