ކަންގަނާ މިފަހަރު ރުޅި އައީ މުޅި ބޮލީވުޑް ދެކެ!

ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު އަކީ އަބަދުވެސް ބޮލީވުޑްގެ ކޮންމެވެސް މީހަކާ މައްސަލައެއް ޖެހިގެން އުޅޭ ފަންނާނެކެވެ. އޭނާ މިހާރު ލޭބަލްވެފައި ވަނީ ވެސް "މައްސަލަތަކުގެ ރާނީ"ގެ ގޮތުގަ އެވެ. އެންމެ ފަހުން ރިލީޒްކުރި އޭނާގެ ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ'ގެ ޑައިރެކްޓަރާ ވެސް މިހާރު ވަނީ ކަނޑިއާ ކަނޑިވެފަ އެވެ.

އެ ކޯޅުން ފިނި ނުވަނީސް ކަންގަނާ މިވަނީ އަނެއްކާ ރުޅިގަދަވެފަ އެވެ. މިފަހަރު އޭނާ ރުޅި އައީ މުޅި ބޮލީވުޑް އިންޑަސްޓްރީ ދެކެއެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަންގަނާ ވަނީ މުޅި ފިލްމު އިންޑަސްޓްރީ އާ ދޭތެރޭ އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރިކަން ހާމަކޮށްފަ އެވެ.

ކަންގަނާ ބުނީ މުޅި ފިލްމީ ދާއިރާ އިން އޭނާ މުޅިން ބާކީ ކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އެހެން ބަޔަކު ފިލްމެއް ރިލީޒްކުރާ ނަމަ އެއްވެސް "ލަދެއް ނެތި" އޭނާގެ ސަޕޯޓަށް އެދޭ ކަމަށެވެ.

"އާލިއާ އަހަންނަށް ފޮނުވި 'ރާޒީ'ގެ ޓްރެއިލާ ބަލާށޭ ކިޔާފައި. އަހަރެން ގަބޫލު ކުރާ ގޮތުގައި އެ ފިލްމަކީ އާލިއާގެ ނޫނީ ކަރަން ޖޯހަރުގެ ވެސް ފިލްމެއް ނޫން. އެއީ އިންޑިއާއަށް ޓަކައި ހުރިހާ އެއްޗެއް ގުރުބާން ކުރި ސެހެމަތު ޚާންގެ ފިލްމެއް،" ކަންގަނާ ބުންޏެވެ.

ފިލްމު 'ރާޒީ' ރިލީޒްކުރި ފަހުން ވެސް ފިލްމާ ގުޅޭ ގޮތުން އާލިއާ އަދި ޑައިރެކްޓަރު މޭގްނާ ގުލްޒާރާ އެކު ބައިގަޑިއެއްހާ އިރު ވާހަކަ ދައްކަން އިން ކަމަށް އޭނާ ބުންޏެވެ.

ކަންގަނާ ބުނީ 'މަނީކަރްނިކާ'ގެ ސްކްރީނިން އަށް ވެސް އެތައް ފަހަރަކު އެތައް ފަންނާނުންނަކަށް ދައުވަތު ދީފައިވާނެ ކަމަށާއި، ނަމަވެސް އެކަކުވެސް އޭނާއަށް އެއްބާރުލުން ނުދޭ ކަމަށެވެ.

"އެކަމަކު އެމީހުން ކަމަކަށް ޖެހުމެއް އެއްވެސް ލަދެއް ނެތި އަހަރެން ގާތަށް އާދޭ. އަހަރެން އެބަ ދަން ޝޫޓުތައް ކެންސަލް ކޮށްފަވެސް އެކަމެއް ކޮށްދޭން. އެކަމަކު މިހާރު އެކަން ހުއްޓާލައިފިން. އެކަން މާ މައްޗަށް ދިޔައީ،" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ ގަބޫލުކުރާ ގޮތުގައި 2014 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު 'ކުއީން' އަށް ވެސް ލިބުނު ތަރުހީބަކީ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް އާއި ވިކާސް ބާލްގެ ސަބަބުން ލިބުނު ތަރުހީބެވެ. އެ ފިލްމުގެ ސްކްރީނިންގް އަށް މީހުން ދިޔައީ އަނޫރަގް އަދި ވިކާސް އާދެމެދު އޮންނަ ރަނގަޅު ގުޅުމުގެ ސަބަބުން ކަމަށް ކަންގަނާ ބުންޏެވެ.

"އެއްވެސް މީހަކު އެއްވެސް އިރެއްގައި އަހަންނަކާ އަޅައެއް ނުލާ،" ކަންގަނާ ބުންޏެވެ.

ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒްކުރި 'މަނީކަރްނިކާ' އަށް މިހާތަނަށް 76.65 ކުރޯރުގެ އާމްދަނީއެއް ވަނީ ލިބިގެންގޮސްފަ އެވެ. ފިލްމަށް އަދި ވެސް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް