ވެރިރަށް މާލެ، ފެހި ކުރުމަށް މާލޭ ސިޓީ ކައުންސިލުން ފެށި ހާއްސަ ޕްރޮގްރާމްގެ ދަށު މާލޭގެ މަގުތަކުގައި ފެންފޯއް ރުއް އިންދަން ފަށައިފި އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން މާލޭގެ މަގުތައް ފެހި ކުރުމަށް ފެށި ހަރަކާތުގައި މިއަދު ފެންފޯއް ރުއް އިންދަން ފެށީ މަޖީދީ މަގުގަ އެވެ. ހެނދުނު ރުއް އިންދަން ފައްޓަވައި ދެއްވެވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
މާލޭ ސިޓީ ހޯލް، ކުރީގެ ގައުމީ ކުތުބުހާނާ ކުރިމަތިން ފެށިގެން މަޖީދީ މަގުގެ ދެ ފަރާތުގައި ފެންފޯއް ރުއް އިންދުމުގެ ހަރަކާތް މިއަދު ފައްޓަވައި ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލެ ސިޓީ ތަރައްގީ ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށާއި މަގުތަކުގައި ފެންފޯއް ރުއް އިންދުމުގެ މަސައްކަތަކީ އޭގެ ބައެއް ކަމަށެވެ. މީގެ އިތުރުން މިއަދު އިންދި ފެންފޯއް ރުއްތައް ރަނގަޅަށް ބަލަހައްޓައި ދިނުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު އެދެނީ މާލޭ ސިޓީ ކައުންސިލުން މިހުރިހާ ރުއްތަކެއް ރަނގަޅަށް ބެލެހެއްޓުން. އަދި އަޅުގަނޑު އުންމީދު ކުރަނީ މާލޭގެ ހުރިހާ ރައްޔިތުން ވެސް މި ހުރިހާ ރުކަކަށް އަޅާލައި ރަނގަޅަށް ބަލަހައްޓަވަމުން ގެނަދަވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަޖީދީމަގުގައި އިންދި ފެންފޯއް ރުއްތަކުން ލިބޭ ފޯއް ވިޔަފާރި އުސޫލުން ވިއްކަން ނިންމާފައިވާ ކަމަށާއި ސިޓީ ކައުންސިލުން އެގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.
މާލޭ ސިޓީގެ މޭޔާ މައިޒާން އަލި މަނިކު ވިދާޅުވީ ރައީސް އެދިވަޑައިގެންނެވި ގޮތަށް މިއަދު އިންދި ރުއްތަކުގައި އަޅާން ފޯއް ވިޔަފާރި އުސޫލުން ވިއްކުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށާއި މިއަދު އިންދި 50 އަށް ވުރެ ގިނަ ރުކުން ވަރަށް އަވަހަށް ފޯއް ލިބޭނެ ކަމަށާއި އެ ތަކެތި ލިބުމާ އެކު ބާޒާރަށް ފޯއް ނެރޭނެ ކަމަށެވެ.
"އަޅުގަނޑު މިހުރީ ފޯއް ވިއްކަން ތައްޔާރަށް،" އަލިބެ ވިދާޅުވި އެވެ.
އަލިބެ ވިދާޅުވީ މާލެ ސިޓީ ޒީނަތްތެރި ކުރަން ކުރާ މަސައްކަތަށް މާލޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން އަހަރެއްގެ ތެރޭގައި މާލެ އަކީ ދިވެހިން ފަހުރުވެރިވާ ސިޓީ އަކަށް ހެދުމަށް މަސައްކަތް ކުރުމަކީ މާލޭގެ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އެއް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ މި ފެންފޯއް ރުއްތައް އިންދައި ނިމޭ އިރުގައި ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުން ވެސް ލޯބިން ބަލަހައްޓާ ދެއްވާ އެއްޗެއް ގޮތުގައި ބަލަހައްޓާ ދެއްވާށޭ،" އަލިބެ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހުރިހާ ރައްޔިތުން ވެސް އިހްލާސް ތެރިކަމާ އެކު ތާއީދު ކުރައްވައި މިސިޓީ ޒީނަތްތެރި ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި ބައިވެރިވުން،"
ވެރިރަށް މާލެ ޒީނަތް ކުރުމަށާއި މާލެ ފެހި ކުރުމަށް މީގެ ކުރިން މާލޭގެ މަގުތަކުގައި ވަނީ އޮފިއެލޭ ގަސްތައް އިންދައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު އިންދި ފެންފޯއް ރުއްތައް ހަދިޔާކޮށްފައި ވަނީ ށ. ފީވަކުން ކަމަށެވެ.