ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. އަމްރާން މެންދުރު ކެއުމަށްފަހު ޖައްސާލުމުން ކޮންމެވެސް ވަރަކަށް ނިދުނެވެ. ހޭލެވުނީ ބޯކޮށް ވާރޭވެހޭ އަޑުފަށްގަނޑު އިވިފައެވެ. ގައިމަތީ އަޅާފައި އޮތް ބޯ ކުއިލްޓް އެއްފަރާތް ކޮށްލާފައި އަމްރާން ފާޚާނާއަށްވަދެ ސްޓީމްރޫމަށް ވަނެވެ. ހޫނުފެނުން އަރާމުކޮށް ފެންވަރާލުމަށްފަހު ނުކުމެ ތައްޔާރުވާންފެށީ ހަވީރު އޮތް ބައްދަލުވުމަކަށެވެ. މަސްޓަޑްކުލައިގެ ސޫޓެއްގައި ހުރުމުން އޭނަގެ ފިރިހެންވަންތަކަމާއި ތަފާތުކަމުން އަންހެންކުދިންގެ ލޯތަކަށް ލިބޭނެ ފިނިކަމަކަށްވާނެ ކަން ގައިމެވެ. އަމްރާން ނިކުންނަ އިރެއްގެ އިންތިޒާރުގައި ހުރި އަޒިކިއަލް އަށް ވާރޭގެ ތެރެއިންވެސް ބެލް ޖެހި އަޑުއިވުނެވެ.

އަޒިކިއަލް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ހަޔާތީއެވެ. ވައިލެޓާއި ކަޅުކުލައިގެ ކުދި މާކޯނި ކޮޅުތައް ޖެހި މަސްޓަޑް ކުލައިގެ ހެދުން އޮތީ ކަކުލާއި ހަމަޔަށެވެ. ގަޔަށް ދޫކަމުން ހަށިގަނޑުގެ ބައްޓަން އެއްވެސް ވަރަކަށް ހާމަޔަށް ނެތެވެ. ކަޅުކުލައިގެ ހަރުވާޅަކާއި ޝޯލެއްގައި ހުރިއިރު ސާދާކަމުގެ މިސާލެކެވެ. ހިކިކަމުންގޮސް ކޮލުގެ ކަށިތައްވެސް މާ ބޮޑަށް ފާހަގަވެއެވެ. ކިރިޔާ ވައިކޮޅެއް ޖެހިލިޔަސް އުދުހިގެންދާނެއޭ އަޒިކިއަލް ހިތަށް އެރިއެވެ. މިވަރުގެ އަންހެންކުއްޖެއްގެ ގައިގާ މަސައްކަތްކުރުމުގެ ހިތްވަރަކާއި ގާބިލްކަމެއް ހުންނާނެހެއްޔެވެ.

"އައިމް ވިލިން ޓު ވޯކް ފޯ ހިމް......" ހަޔާތީގެ އަޑުގައި ހުރީ ޔަގީންކަމެކެވެ.

"ގުޑް. ވަދޭ އެތެރެއަށް....." އަޒިކިއަލް ދޮރު ހުޅުވާލަދިނެވެ. ހަޔާތީ އެތެރެއަށް ވަނެވެ. އޭސީގެ ފިނިކަން ހަމުގައި ބީހިލާ ހީކަރުވާގޮތްވީ ކޮންމެވެސް ވަރަކަށް ވާރެޔާ ތެމިގެން ހުރެވުމުންނެވެ. ވަށައިގެން ހޯދާލެވުމުން ބޭ އިޚުތިޔާރުގައިވެސް ދެލޯބޮޑުވެ އާޝޯޚުވެފައި ގޮތަކަށް މަޑުމަޑުން އަޑެއް ލައްވާލެވުނެވެ. މިއީ ގަޑުވަރެއް ހެއްޔެވެ؟ ފުރާނަވެސް އުދުހިގެންވާ ވަރުގެ ރީތި ކަމައި ޒީނަތްތެރިކަމެކެވެ. ހަޔާތީއަށް ވީވަރު ފެނިފައި އަޒިކިއަލް އެކަމާއި ހިތްހަމަޖެހި ހިތާހިތުން އުފާކުރާ ފަދައެވެ. ދުލުން ނުބުންޏަސް ދެލޮލުން ހާމަވާން ހުއްޓެވެ. ހަޔާތީ ގާތުގައި އިށީންނަން ބުނެފައި އަޒިކިއަލް ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. ސޯފާގެ އަރާމުކަމުން ގެނބިގެން ދިޔަފަދައެވެ. ފައިދަށުގައި އޮތް ރަގުން ފައިތިލައަށް މަސާޖުވެ ހީލިކަރުވާ ލިބުނު އަރާމުގައި ނިދިއަންނަގޮތްވިއެވެ. ބިލިއަނަރެއްގެ މުއްސަދިކަމުގެ ރަހަ ފުރަތަމަ ފަހަރަށް އިހުސާސްކުރެވުނީއެވެ. ކުޝަންތަކުގެ ތެރެއިން އެކަތި އުނގުގައި ބޭއްވުމަށްފަހު ހަޔާތީ އަޒިކިއަލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ޔޫ އާ ޑްރޫލިން....."

ހަޔާތީ ނުބައި ވައްތަރެއް މޫނަށް ޖައްސައިލިއެވެ. އަޒިކިއަލްމެންގެ ފޮނިކަމާއިމެދު ހައިރާންވިއެވެ. ނޫނީ ގަސްތުގައި އޭނައަށް ޖެއްސުންކޮށްލާ ރުޅި އަރުވާލަން ކިޔާހާ އެއްޗެއްސެވެ. ސާހިބުމީހާ ދަސްކޮށްދީފައި އޭނަގެ ފިޔަވަޅުމަތިން މިމީހުންވެސް ހިގާނެ ނޫންހެއްޔެވެ. "ޔަ އިޓްސް އިމްޕްރެސިވް......... "

އަޒިކިއަލް ދެނެހުރިކަމަށް ހަދާނުލާ ނޯޓްފޮތަކާއި ގަލަމެއް ނަގާފައި ނޯޓްފޮތުގެ ސަފުހާއެއް ހުޅުވައިލަމުން ސުވާލުގެ ނަޒަރަކުން ބަލާލައިފިއެވެ.

"ކޮންކަހަލަ މަސައްކަތެއް ކުރަން ޖެހެނީ؟ "

"ލައިކް އައި ސެޑް ނޮޓް މަޗް...." އަޒިކިއަލް ނޯޓްފޮތެއްގައި އެއްޗެހިތަކެއް ލިޔަންފެށިއެވެ. ކުރަންޖެހޭ ކަންތައްތައް ކިޔާވެސް ދެމުން ދިޔައެވެ.

"މިގޭގައި ހުރޭ ބަޓްލާއެއް. އެނގެއެއްނު ލައިކް އެ ހައުސްކީޕާ. މިގޭގެ ހުރިހާކަމެއްހެން ބަލަހައްޓާ ހުރިހާ މަސައްކަތެއް ކުރުވާނީ އޭނަ. އާއްމުކޮށް އޭނަ ހެނދުނު މަސައްކަތު މީހުން ގެނެސް ކޮންމެ ކޮޓަރިއެއް ސާފުކުރުވާ ފާޚާނާތައް ދޮވެ މޮޕްކުރުވާފައި ގޮސްދާނެ. ބަގީޗާ ބަލަހައްޓާމީހާވެސް ދެއިރު ފެންދީ ގަސްތަކަށް ކެއާ ކުރާނެ. އޭނަ ޕޫލުން ފަތްތައް ނަގާ ޕޫލްވެސް ސާފުކުރާނެ. ޝެފެއް ގަވާއިދުން ކައްކައިގެން ގެނެސް ހަތަރު އިރު ސުފުރާ ތައްޔާރުކުރާނެ. މެއިޑެއް ތަށިތައް ނަގާ ސާފުކޮށް ތެލިތަށިތައް ދޮންނަން އަންނާނެ. ވީމަ ހަޔާތީ ކުރަން ޖެހޭ މަސައްކަތް ކިހާ ކުޑަ. ހަމައެކަނި މިސްޓަރ އަމްރާންގެ ޕާސަނަލް މެއިޑަކަށް. ބޫޓު ޕޮލިސްކުރުމުން ފެށިގެން ހެދުންތައްދޮވެ އިސްތިރިކޮށް ތަންމަތި އެޅުންވެސް...." އަޒިކިއަލް ކިޔާދިނެވެ.

"ފައިން......."

"ވަން މޯ ތިންގް.. އެނގޭތަ މިގޭ ތާރީޚުގައި ފުރަތަމަ ފަހަރަށް ކަން އޯޓަމްބްލޭޒަށް އަންހެންކުއްޖަކު ހަޔާ މިކުރީ؟ މިގޭގައި ދުވަހަކު އަދި އަންހެނަކު މަސައްކަތެއްނުކުރޭ. ތަށިތައް ދޮވެ ކުނިކަހާ މީހުން ފެށިގެން ބަގީޗާ ބަލަހައްޓަންވެސް އުޅޭނީ ފިރިހެނުން.. އެހެންވީމަ ލިބުނު ފަޚުރެއްކަމަށް ބަލާ....................." އަޒިކިލް މާނަވީ ހިނިތުންވުމެއްދިނެވެ.

"ކީއްވެގެންނޯ؟ "

"ވެލް..........ހަމަ ދިމާވި ގޮތް ތާ "

"މްމްމ...." ހަޔާތީ ކޮޅަށް ތެދުވީ ދެމީހެއްގެ ވާހަކަދައްކާ އަޑުއިވިފައެވެ. އަމްރާންގެ އަޑު އިވުމުން ކަނދުރާގެ ލޯލިތައްވެސް ކޮޅަށް ޖެހުނުހެން ހީވިއެވެ. ނޫނީ ފިނީގެ ސަބަބުން ވީގޮތެކެވެ. އަމްރާން ހުރީ ފޯނެއްގައި ކަން ނޭގެއެވެ. ފޯނުން މީހަކާއި ވާހަކަދައްކަނީ ކަމަށް ވެދާނެއެވެ. އަމްރާންގެ ރާގާއި ވާހަކަދެއްކުމުގައި "އެމެރިކަން" ގޮތެއް ހުރެއެވެ. ހަޔާތީ އިންގޮތަށް ގުޑާވެސް ނުލާ އިނީއެވެ.

"ޓައިމްޓޭބަލްގައި އޮތް ގަޑިތަކަށް ފަރުވާ ބަހައްޓާތި. އަމްރާން ބޭނުމެއްނުވާނެ އޭނައަށް ހަޔާތީ ފެންނާކަށް އޯކޭތަ؟ " އަޒިކިއަލް އިތުރަށް އޮޅުން ފިލުވައިދިނެވެ.

"ހައު ޑޫ ޔޫ ޓޮލެރޭޓް ދެޓް މޭން..." ހަޔާތީއަށް ބުނެވުނެވެ. " އާ ޔޫ ތްރެޓެންޑް؟ މަޖުބޫރުވެގެން ތަ އޭނައަށް ވޯކް ތިކުރަނީ؟ އިފް ޔޫ ނީޑް ހެލްޕް ހެޔޮ ކޯޑް މެސެޖެއް ފޮނުވާލިޔަސް......."

ހަޔާތީ އެޖުމްލަ ނިމުނުއިރު އަޒިކިއަލް މާ ހަމަޖެހިގެން އިންނަ ސީރިޔަސް މީހާއަށް ހުނުން ހިފަހައްޓާލަން ތުންފަތުގައި ދަތްއަޅާލަން ޖެހުނެވެ. އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަމްރާންއާއިއެކު ލާވީވެސް ގޭތެރެއިން ނުކުމެގެން އަންނަތަން ފެނުނެވެ. އަމްރާން ބަލާ ނުލިކަމުގައިވިޔަސް އަނގައިން ނުބުނިކަމުގައިވިޔަސް އެތުންފަތްމަތީގައި ތަފާތު ހިނިތުންވުމެއްވިއެވެ. ލާވީވެސް އަދި އެހާ ފޮންޏެވެ. އަޒިކިއަލްއާއިއެކު އިނީ ކާކުތޯ ބަލައިލަންވެސް އެދިމާލަށް ނަޒަރެއްނުދިނެވެ. އަމްރާން ނުކުތުމުން މުޅި އެހިސާބު ސެންޓު ފިހާރައެކޭ އެއްވަރުވިއެވެ. ދުވަންފެށި މީރުވަހަކުން މަރުވެފައިވާ ހިތަކަށް ދިރުން ގެނުވާނެއެވެ. އޭނަގެ ޖިސްމުވެސް އުދުހިގަތްފަދައެވެ. މެސްމެރައިޒްވާފަދަ ހިތްގައިމު ވަހުގެ ޖާދޫގައި ޖެހެވުނެވެ. އެ މީރުވަހާއިއެކު ހަޔާތީއަށް ފާހަގަކުރެވުނީ އޭނައާއި އަމްރާންއަށް އިއްތިފާގުން އެއްކުލައިގެ ހެދުން ލައިގެން ތިބެވުނުކަމެވެ. އެއްބަސް ކިޔާފައި ދެމީހުން ހެދުން އަޅައިގެން އައިފަދައެވެ. އަޒިކިއަލްއަށްވެސް އެކަން ފާހަގަވެ ހަޔާތީ ލައިގެން ހުރި ހެދުމަށް ނަޒަރު ހުއްޓައިލިކަން ހަޔާތީއަށް އެނގުނެވެ.

ލާވީ އެގޭގެ މައި ދޮރު ހުޅުވާލަދިނީ ޕްރޮފެޝަނަލް ހަށިފާރަވެރިއެއްހެންނެވެ. ހަޔާތީއިނީ އެސްފިޔަޖަހައިލަންވެސް ނޭގިފައެވެ. އަމްރާން އެގޮތަށް ހީލުމުން ރުޅިއައިސް ރަތްވެފައެވެ. ޔަގީނެވެ. ފާޑަކަށް ހެވިފައި ހުރީ އޭނައަށް މަލާމާތްކޮށްފައެވެ.

ހަޔާތީ ގަދަކަމުން ކެއްސަންފެށީ ކޮށިއަރައިގަނެގެން އުޅޭ މީހެއް ހެންނެވެ.

"ކޮންފަދަ ސްޓްރޯންގް ސެމްލްއެއް. އައިމް އެލާޖިކް...." ހަޔާތީ ގަސްތުގައި ނޭފަތަށް ވިހެލީ އެވަހުން އުދަގޫވެގެންހެން ހީވާ ގޮތަކަށެވެ.

"ޔޫ އާ އެ ރިއަލީ ބޭޑް އެކްޓްރެސް. ޔޫ ނޯ ދެޓް؟" އަޒިކިއަލް ސީރިޔަސްކޮށް ބުނެލީ ހަޔާތީ ޖައްސާ ވައްތަރުތަކުން ބޮލަށް އުދަގޫވެފައި ހުރެއެވެ.

"ވަޓް؟ ކީއްވެގެންނޯ ތިހެން ބުނީ..." ހަޔާތީ ދެލޯ ބޮޑުކޮށްލިކަމުގައި ވިޔަސް ވަގު ހިފުމުން ލަދުގަންނަގޮތްވެ ކޯތާފަތަށް ހޫނުވެގެން އައުމުން އަތް ކާއްތާލެވުނެވެ. އޭނަ ކުރީ އެކްޓެއްކަން އަޒިކިއަލް ދެނެގަތްގޮތެއްވެސް ނޭގެއެވެ.

"ވައިސް ޕްރެޒިޑެންޓަށްޓަކާ ގުރުބާން ނުވާނެ އަންހެންކުއްޖެއްނުވާނެ. އެނގޭތަ؟ ވައިސް ޕްރެޒިޑެންޓްއާއި އިންނަން ތިބި އަންހެންކުދިންގެ ކިޔޫ ދިގުކަމުން......"

"ހަނދާއި ހަމަޔަށްވެސް ފޯރާނެ ދޯ...ހެހެ. ބިލިއަނަރެއްގެ އިއްޒަތްތެރި ދަރިއެއް ވީމަ އޭނައާއި އެއް ފެންވަރެއް ނޫނޭ ދޯ ތިބުނަން އުޅެނީ. ސޮރީ މިސްޓަރ އަޒިކިއަލް. އޮޅިފައިވާނަމަ އެކަން އޮޅުންފިލުވާދޭން ޖެހޭނެ. މިގެއަށް އަންނަން ޖެހުނީ ކިހާވަރަކަށް ބްލެކްމެއިލްކޮށްގެން ކިހާވަރަކަށް މަޖުބޫރުކޮށްގެންކަން އެންމެ ރަގަޅަށް އެނގޭނީ ތި ބޭފުޅާއަށް ދެއްތޯ. ހޫމް.... އަދި .އެނގޭތަ؟ އައިމް. އަމް........." ހަޔާތީއަށް އޮޅިގެން ކައިވެނީގެ ވާހަކަ ނުބުނެވުނީ ހަމަ ކިރިޔާއެވެ. "މެރީޑް" އެ ލަފުޒު ނުބުނެ ހުއްޓާލާފައި އޭނަ ކަރުކެހިލިއެވެ. މިކާލްގެ ވާހަކަ މިމީހުންނާއި ހިއްސާކުރާކަށް ނުވާނެއެވެ. އެއީ ދުނިޔެއަށް ފޮރުވިފައިވާ ސިއްރެކެވެ. އޭނަގެ ހިތާމަތައް ހިއްސާކޮށްގެން ބަޔެއްގެ ހަމްދަރުދީ ހޯދުމުގެ ބޭނުމެއް ނެތެވެ. އޭނަ ލޯބިވަނީ މިކާލްދެކެއެވެ. އަބަދަށްވެސް އޭނަގެ ހިތުގައިވާނީ މިކާލްއެވެ. ދެއަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަކަމުގައި ވިޔަސް އިއްޔެ ވީކަމެއްހެން ހިތުގައި އެ ހަދާންތައް ތާޒާކޮށްވާއިރު މިކާލްގެ މަތިން ހަދާންނުވާ އެންމެ ހިދުކޮޅެއްވެސް ނާންނަކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެހެން މީހުން ކައިރީ އޭނަ ލޯބިވާ ފަރާތުގެ ނަން ހާމަކުރުމުގެ މާނައެއް ނެތެވެ.

"އައިމް ނޮޓް އިންޓެރެސްޓެޑް އިން ޕޮލިޓަކަލް ހޫލިގަންސް..."

އަޒިކިއަލް ބުމަ އަރުވައިލިއެވެ. އެވާހަކަތައް ގަބޫލުކުރަން ފަސޭހައެއް ނޫނޭ ބުނާފަދަ ނަޒަރަކެވެ. ހަޔާތީ ރުޅިއައިސްގެން ހިތާހިތުން އެތިވަރު ގޮވިނަމަވެސް ހިމޭންވީ ވިސްނާލާފައެވެ. ދުވަސްކޮޅަކުން އޭނަ ބުނި ވާހަކައިގެ ހުރި ބުރަދަން އޭނަ އަޒިކިއަލްއަށް ސާބިތުކޮށްދޭނެއެވެ. އަމްރާންދެކެ ނަފްރަތުކުރާކަން ބަޔާންކޮށްދޭނެ ލަފުޒުތަކެއްވެސް ހިތަކަށް ނުގެނެވުނެވެ. އޭނަ މިހާލު ޖެއްސި މީހަކީ އަމްރާންއެވެ. ދުވަހަކު މާފު ދިނުމެއްނެތެވެ. ނަމަވެސް ބައެއްފަހަރު ހާލަތުގެ ސަބަބުން މަޖުބޫރުވެ ދުޝްމިނެއްގެ ޚިދުމަތުގައި ހުންނަން ޖެހޭނެ ދުވަހެއް އައިސްދާނެއެވެ. ނަމަވެސް އޭނަ އަމަލުން އެކަން އަމްރާން އަދި އަޒިކިއަލްއާއި މިގަޑުވަރުގައި އުޅޭހާ ބަޔަކަށް އެކަން ސާބިތުކޮށްދޭނެއެވެ. ހަޔާތީ އަމިއްލަ ނަފުސަށް ވައުދުވިއެވެ.

އަޒިކިއަލް ހަޔާތީއަށް އެގޭގެ ލޯންޑްރީ އަދި އިސްތިރިކުރާ ބައިވެސް ދައްކާލަދިނެވެ. އަމްރާން ގޭގައި ނޫޅޭ ގަޑީގައި ކޮޓަރިވެސް ތަރުތީބުކޮށް މާ ޖަހާދޭންވާނެކަމުގައިވެސް އަޒިކިއަލް ބުނެލުމުން ހަޔާތީ ހުރީ އަނގަ ހަދާލައިގެންނެވެ. ހައްތާ ހީވަނީ ހަގީގީ ދުނިޔެއަކުން ޚިޔާލީ އާލަމަށް ވަދެވިގެން އުޅެވޭހެންނެވެ. ފިލްމެއްގެ ސެޓެއްގައި އުޅެވޭފަދަ އިހުސާސެއްވެސް ކުރެވުނެވެ.

ތުނިކޮށް ވެހެމުން ދިޔަ ވާރެއަށް ފަރުވާލެއްނެތި ހަޔާތީ ފިޔަވަޅުތައް ކުރިއަށް އަޅަމުން ދިޔައެވެ. ބޯ ވިލާތަކުން އުދަރެސް ބައްދާލާފައިވާގޮތުން ކޮންމެއިރަކުވެސް އޮއްސާލާނެކަން އެނގެއެވެ. ވާރޭގައި ނުޖެހި ދާންވެގެން އުޅަދުތަކާއި މީހުންގެ ހަރަކާތްތައްވެސް ތަންކޮޅެއް އަވަހެވެ. މަގު ހުރަސްކުރަން އުޅެނިކޮށް ހަޔާތީގެ ލޮލުގައި އަޅައިގަތީ އިމާރާތެއްގެ ކައިރީ ތިބި ދެ އަންހެންކުދިންނެވެ. އޭނައާއިއެކު އެޗްއެމްގައި މަސައްކަތްކުރި މިނާއާއި ޒީކް މިފެނުނީ އެތައް ދުވަހަކަށްފަހުގައެވެ. އެއީ އޭނަގެ ސަބަބުން ވަޒީފާ ލިބުނު ދެކުދިންނެވެ. ކުރިން ސާދާކޮށް ތިބި ދެ އަންހެންކުދިން ލާފައިތިބި ސްޓައިލިޝް ހެދުމާއިއެކު މޭކަޕްކޮށްފައި ތިބިވަރުން އެކުދިކަން އެނގުނީ ރަގަޅަށް ބަލައިލީމައެވެ. ހަޔާތީ ހިނިތުންވެލާފައި ގޮސް އެކުދިންގެ ގައިގާ ބައްދާނުލެވުނީ ކިރިޔާއެވެ.

"ހޭއި ގާލްސް. ލޯންގް ޓައިމް ނޯ ސީ...."

އެދެމީހުން ބަލަން ތިބީ ބީރައްޓެއްސަކަށް ބަލާފަދަ ނަޒަރަކުންނެވެ. އެހެނެއްވެސް ނޫނެވެ. ފޫހިކަމާއި ނުރުހުމުގެ އަސަރެވެ.

"މިއީ ހަޔާ. އެޗްއެމްގައި އެކީ ވޯކް ކުރީމެއްނު. ނޭގުނުތަ؟ " އަހަރުތަކެއް ފާއިތުވިފަހުން ދިމާވުމުން ނޭގުނީކަމުގައި ހީކޮށް ހަޔާތީ ބުނެލީ ފުޅާ އެކުވެރި ހިނިތުންވުމަކާއެކުގައެވެ.

"ސޮރީ ހަޔާތީ.. ޕާސްޓްގެ ވާހަކަ ނުދައްކާ. ވީ މޫވްޑް އޮން. ޕްލަސް ޔޫ އާ ނޮޓް އަވާ ޓައިޕް. ހަޔާތީ އުޅުނު ވައްތަރުން އަހަރެމެންގެ ވަޒީފާ ނުގެއްލުނީ ހަމަ ކިރިޔާ. އެލްޑީޕީ ނޫހަކުން އަހަރެމެންނަށް ޖޮބް ނުލިބުނުނަމަ ވާނެގޮތެއްވެސް ނޭގޭނެ. އެލްޑީޕީއިން ތި އެޗްއެމް ބެންކްރަޕްޓްވެފަ ހުއްޓާ ގަނެލީ. ޔޫ ބިލޮންގް ޓު އެނެދާ ޕާޓީ. އެނިވޭސް ވީ އާ ލޭޓް. ކާންޓް ވޭސްޓް އަވާ ޓައިމް އޮން ޔޫ. ޒީކް ލެޓްސް ގޯ......" މިނާ އިނގިރޭސިއާއި ދިވެހި މަސްހުނިކޮށްގެން ވާހަކަ ދެއްކިއެވެ. ޒީކް ފާޑަކަށް ކަޅިއަޅާލައިގެން ހުރިތަން ފެނި ހަޔާތީ ހުއްޓުން އެރިއެވެ. ލަދުވެސް ގަތެވެ. އެހާ އެކުވެރިކޮށް އުޅެފައި އެޗްއެމް ސްޓާފުން އޭނައަށް ބޭވަފާތެރިވީ އެމީހުން އަމްރާންގެ ޕާޓީއަށް ތާއީދުކޮށް އެކޮޅަށް ގޮސް ހުސްވީމައެވެ. އޭނަ އެތާ ސީއީއޯއަކަށް ހުއްޓާ އެމީހުން އަމްރާންއާއި އެއްކޮޅަށް ލިޔަންފެށި ހަދާންތައް ހިތުގެ ކަނެއްގައި ކޮށްޓައިލިއެވެ. މިނާ އަތް އުފުލާލާފައި ކާރެއް ހުއްޓުވިއެވެ. އެދެކުދިންގޮސް ކާރަށް އަރައިގެން ނައްޓައިލިތަން ބަލަން ހަޔާތީ މަގުގެ އެއްފަރާތުގައި ހުރިއިރު ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ. އޭނަ އިހުސާންތެރި ވީތީ އެކަމުގެ ބަދަލު ބޭނުން ވީއެއް ނޫނެވެ. އެކުދިންގެ ފަރާތުން އެއްޗަކަށް އެދުނީއެއްވެސް ނޫނެވެ. އެއް އިރެއްގައި ގާތް ރަހުމަތްތެރިންގެ ގޮތުގައި އުޅެފައި ފިކުރު ތަފާތުވުމުން ދުރުވީ ހެއްޔެވެ. ނޫނީ ހުރިހާވެސް ކަމަކީ އޭނަ ނިކަމެތިވެ އަތުގައި ފައިސާ ފޮތްޗެއް ނެތުން ހެއްޔެވެ. އެކުދިން ހާދަ ބޮޑަށް ބަދަލުވެއްޖެއެވެ. ހާދަވަރަށް އޭނަ ނިކަމެތިކޮށްލައިފިއެވެ. ދެރަވިވަރަށް ލަދުވެސް ގަތެވެ.

ހަޔާތީގެ އެކުވެރިންނާއިއެކު ދިމާވި ހިތި ތަޖުރިބާ ސަޖަލްއާއި ހިއްސާކުރުމުގެ ކުރިން ސަޖަލް އެ ވާހަކަ ދެއްކިއެވެ. މިނާއާއި ޒީކް އަދި އެޗްއެމްގައި އުޅުނު ނޫސްވެރިން މިހާރު އެލްޑީޕީއަށްވަދެ އެކްޓިވިސްޓުންނަށް ވެގެން ލާދީނީ ޕާޓީއާއި އެއްކޮޅަށް އާޓިކަލްތައް ލިޔެ އެވަރުން ނުވެގެން ސަޖަލްއާއި ވެސް އަނގައިން ނުބުނެ ނަފްރަތުކުރާ ކަމަށް ބުނެލިއެވެ. ސަޖަލް އެވާހަކަދެއްކީ ހިތުގައި ޖެހިފައެވެ. ރޮވިފައެވެ. ހަޔާތީ ހިތްވަރުދިނެވެ. ދެރަވެ ނިކަމެތިވާ ދުވަހު އެގޮތަށް ދޫކޮށްލާފައި ދާނީ ހަގީގީ އެކުވެރިން ނޫންކަމަށާއި މިފަދަ ހާލަތްތައް ދިމާވަނީ އެފަދަ މުނާފިގުން އެނގެން ކަމުގައިވުމަކީ ނަސީބެއްކަމުގައި ބުނެލިއެވެ. އޭނައާއިއެކު ސަޖަލް ހުރިކަމަށްޓަކާ ސަޖަލްއަށް ޝުކުރުވެރިވިއެވެ. އޭނަ ނިކަމެތިވެ ހާލުގައި ޖެހުނު ދުވަހު ދޫކޮށްނުލާ އޭނައާއި ގާތުގައިވީ ހަމައެކަނި ސަޖަލްއެވެ.

އަހުމަދު އިމާދުއްދީންއާއި އަމްރާންގެ ހުވާކުރުމުގެ ރަސްމިއްޔާތު ކިތަންމެހާވެސް ފުރިހަމައެވެ. ބޭރުގެ އިއްޒަތްތެރިންގެ އެތައް ބަޔަކު އެޖަލްސާއަށް ވަޑައިގަތެވެ. ޕާޓީގެ އެކްޓިވިސްޓުންނާއި ރައްޔިތުންގެ މަޖުލިސް މެމްބަރުންނާއި އިއްޒަތްތެރިންނަށް ދައުވަތު ދެވުނެވެ. ގިނަ ރައްޔިތުން ބޭނުންވިފަދަ ވެރިކަމެއް ލިބުމުން އެންމެނަށް ލިބިފައިވާ ޖޯޝާއި ފޯރިއާއިއެކު ހިނިތުންވުމުގެ އަސަރުތައް އެންމެންގެ މޫނުމަތިންހެން ފައުޅުވެއެވެ. އެންމެން ތިބީ އެފަދަ ބަދަލަށް އެދި އެދިއެވެ.

ހަޔާތީ ހުވާކުރުމުގެ ރަސްމިއްޔާތު ބަލައިލީ ފޯނުންނެވެ. ގަބޫލުކުރަން ހިތް ބޭނުންނުވިޔަސް އަމްރާންގެ ރީތިކަން އެހުރިހާ އެންމެންތެ ތެރެއިން ފާހަގަކުރެވެނީ ހިލަތަކުގެ ތެރޭ ވިދާ ޖަވާހިރެއްފަދައިންނެވެ. ރީތިކަމުގެ ރޭހުގައި ހަމަ އެއްވަނައެވެ. އެދެލޮލުގެ ޖާދޫގައި ޖެހި ކިތަންމެ އަންހެންކުދިންނެއްގެ ހިތް ކަތިލެވޭނެއެވެ. ނޫނީ އެ ސިހުރެއްފަދަ ތޫނު ދެލޮލުން ހިތްތައް ވިރުވައިލާނެއެވެ. ގަދަ ނޫކުލައިގެ ސޫޓެއްލައިގެން ހުރި އަމްރާންގެ ސްމާޓްކަމާއި ރީތިކަމުގެ ތެރެއިން ފެނުނީ ބޮޑާކަމެވެ. ހިނިތުންވުމުގެ އެއްވެސް ކަމެއްނެތެވެ. ހީލައިފިނަމަ މީހަކު އެދަތްތައް ވަގަށް ގެންދާނީހެއްޔެވެ.

"މީނަގެ އިވެންޓެއް ބެލީމަ ވަގުތު ބޭކާރުވުން ނޫން ކަމެއް.." ހަޔާތީ ފޯނު އެއްލާލާފައި އެނދަށް ވެއްޓިގަތެވެ.

"ކިތަންމެ ދުރުވާން އުޅުނަސް އޭރުއްސުރެން ކޮންމެވެސް ސިފައެއްގައި އަހަރެންގެ ލައިފްގައި މީނަ އެބައުޅޭކަން ނޭގޭ. ހުވަފެންތަކުންވެސް އުދަގޫކުރޭ ލައިކް އެ ނައިޓްމެއާ... އާރގް........" ހަޔާތީ ބާލީހުގައި ދެއަތުން ތަޅައިގަންނަން އުޅުމުން ތަށިމުށިމަތީ އަތުންޖެހި އަތަށް ތަދުވެ ރަތްވިއެވެ. ތެދުވެ ބޭސްކޮޅެއް ހާކާލުމަށްފަހު ގޮދަޑި މައްޗަށް ވެއްޓިގަތެވެ. އޭނައާއި މިކާލް އެކީ ނަގާފައިވާ ފޮޓޯ ފްރޭމެއް މޭމަތީ ބައްވައިގެން ފިތާލައިގެން އޮތްއިރު ދެލޮލަށް ކަރުނަ ޖަމާވިއެވެ. މިކާލް މަރުވިކަން އެންމެ ކުރިން ގަބޫލުނުކުރެވުނަސް އޭނައަށް މިކާލްގެ ވީޑިއޯތައް ފެނުމުން ޔަގީންކުރެވުނެވެ. މިކާލް ގައިގާ ބޮންތައް ބަދެލައިގެން ޓޭންކަރެއްގެ ތެރޭ ހުރެ ނަގާފައިވާ ވީޑިއޯއަކާއިއެކު އެހެން ފޮޓޯތައް އޭނަ ދެކުނެވެ. އަމިއްލައަށް މަރުވުމުގެ ސަބަބުން ބަދުނަސީބު ކަމުގެ ދެވަނައެއް ނެތް ޒުވާނެއްގެ ގޮތުގައި ހަޔާތީއަށް ދެކެވުނެވެ. މިކާލްގެ ފާފަ ފުއްސެވުމަށް އެދި އޭނަ ދުޢާކުރެއެވެ. މިކާލްއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށާއި ދެމީހުން އެކީ ގިޔާމަތްދުވަހު ލެއްވުމަށް އެދި ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ. އެތައް އަހަރެއް ފާއިތުވީއިރުވެސް ހިތަށް އެންމެ އަސަރުކޮށް ކަރުނަ އަޅަންޖެހޭ އެންމެ ބޮޑު ސަބަބަކީ ލޯބިވާ މިކާލް ނިމިގެން ދިޔަގޮތެވެ. އެފަދަ ތައުލީމީ ޒުވާނަކު ރައްޔިތުންނަށްޓަކާ ކިތަންމެ ޚިދުމަތެއް ކުރެވެން ހުއްޓާ އެ އިލްމުގެ ބޭނުން ނުހިފާ އަމިއްލައަށް މަރުވެ ދިޔައީއެވެ.



ދަރިފުޅު ނާއިބުރައީސްއަކަށް ހޮވުމުން އެކަމުގެ އުފަލުގައި ރިޒޯޓެއްގައި އަބުދުލްއަޒީޒު ދިން ޕާޓީ ފޯރިގަދަކަމުން މިވީހާތަނަށް ރާއްޖޭގައި އެހާ އަގުބޮޑު ޕާޓީއެއް ނުބޭއްވޭކަމުގައި ނޫސްތަކުގައި ލިޔެވުނެވެ. ބޭނުން ކޮންމެ ރައްޔިތަކަށް ބައިވެރިވެވޭނެގޮތަށް ހަވާ އެރުވުމުގެ އިތުރުން ލައިވް މިއުޒިކާއި ރަހަމީރު ކާތަކެތީގެ ސުފުރާތަކެވެ. ނޫސްތަކާއި ޓީވީ އަދި ސޯޝަލްމީޑިއާގައި ރަސްކަން ކުރަނީ އަންހެންކުދިންގެ ހިތުގެ ވިންދުކަމުގައިވާ މިސްޓަރ އަމްރާން އަބްދުލްއަޒީޒުއެވެ. އޭނައާއިހެދި އެ ޕާޓީއަށް ވަތް އަންހެންކުދިން މަދެއްނުވާނެއެވެ. ޚާއްސަކޮށް އޭނަ ހުހަށް ހުރިކަން އެނގުމުން ކޮންމެ މަޔަކުގެ ހުވަފެނަކީ ދުޢާއަކީ އެމީހުންގެ ދަނބިދަރިއަކަށް އަމްރާން ވުމެވެ.



ހަޔާތީ ހުޅުލޭ އެއާޕޯޓަށް ދާންވެގެން ގެއިން ނުކުތަސް ކާރެއް ލިބޭނެގޮތެއް ނެތެވެ. މީހުން މަގުތަކަށް ނިކުމެ އަދިވެސް އުފާ ފާޅުކުރަނީއެވެ. ތޮއް ޖެހިފައިވާ މަގުތައް މީސްތައް ނުކުމެ ފުރާލާފައެވެ. ދިވެހި ދިދައާއި އެލްޑީޕީ ދިދަ ހިފައިގެންނެވެ. އެ މަންޒަރުތައް ފެނި ހަޔާތީގެ ހިތްމަރުވާ ގޮތްވިއެވެ. އަމްރާން ޕާޓީއަށް ތާއީދު މިއޮތީ ހީކުރިވަރަށްވުރެ މާ ގަދަޔަށެވެ. ސަޖަލްއާއި ދިމާވެފައި ދެކުދިން ޕޭވްމެންޓްމަތިން ހިނގަމުން ދިޔައީ އަތުގައި ހިފާލައިގެންނެވެ.

"ފްލައިޓް ލޭންޑް ކޮށްފާނެކަން ނޭގޭ ކިހާ ދެރަކަމެއް....." ހަޔާތީ ފޯނުން ގަޑި ބަލައިލިއެވެ.

"ޑޯންޓް ވޮރީ ލަވް. އެޓްލީސްޓް ދާންވެގެން އުޅުނުކަން އެނގޭނެއްނު......"

"މިނޫނީ މިހާ ތޮއްޖެހިފައި އޮތް ވެރިކަން ކުރާ ރަށެއް ދުނިޔެއަކު ނުވާނެ. ހަމަ ނޭވާ ލެވޭ ކަހަލަ ތަނެއްވެސް ނޫން. މަގުތައް ހަނިކަމުން އެހާވަރު. އޭސީތަކުން ބޮލަށް ފެންތިކި ޖަހާނީ. ފެންކޮޅެއް ޖެހިލާއިރަށް މަގުމަތި ފްލަޑްވެފައި. ކާރުގަނޑެއް ލިބޭނީއެއްނޫން. އަމްރާންމެން ޕާޓީމީހުންނަށް މިކަންތައް ރަގަޅުކުރެވޭނެތަ؟ ވެރިކަމުގެ ފޮނި މީރުކަން ލިބޭނީ ހަމައެކަނި ވެރިންނަށް. ނިކަމެތި ރައްޔިތުން ގަނަތެޅޭނީ. މިއީ މިބުނާ ޑިމޮކްރެސީއަކީ؟ ރައްޔިތުންގެ ވެރިކަމަކީ؟ " ހަޔާތީ ހީފައި ކިޔައިލިއެވެ.

"ހަޔާވެސް ތިދައްކަނީ ޔާން ދެއްކިކަހަލަ ވާހަކަ. އަނެއްކާ އިސްލާމިކް ސްޓޭޓް މެމްބަރަކަށްވީ؟ " ސަޖަލް ދިމާކޮށްލަންވެގެން ބުނެލިއެވެ. "ހަޔާ އަދި އެބައޮތޭ ވާހަކައެއް އަހަންވެފައި. އިޓްސް އެބައުޓް މިކާލް. މިކާލް އަހަރެން ހީނުކުރާ ކަހަލަ މީހަކަށް ވީ. ހިތަށްވެސް ނާރާ. މިކާލްގެ ޖޮބް އެގުނީމަ ކިރިޔާ ފެއިންޓް ނުވީ. ކީއްވެ ހަޔާ ނުބުނީ؟ ކީއްވެ އެވާހަކަ ސިއްރުކުރީ؟ "

ހަޔާތީގެ ހިތުގެ ތެޅުން އަވަސްވިއެވެ. ސަޖަލް ކިޔަން މިއުޅެނީ ކީކޭބާވައެވެ. ސަޖަލް ބުނި އެއްޗަކުން ހަޔާތީއަށް ސިހުމެއް ނުލިބޭވަރެއް ނޫނެވެ. ސަޖަލް މިކާލްއާއި ބެހޭގޮތުން އެބުނި ސިއްރަކީ ހަޔާތީއަށް މުޅިން އާ ވާހަކައެކެވެ. ވީއިރު ހަގީގަތުގައި މިކާލް އެންމެ ގާތުގައި އުޅުނުއިރުވެސް ހާދަ ސިއްރުވެރިއެވެ. ނަމަވެސް މިކާލްގެ ހަގީގަތް އެނގުމުން އެހެން ކަހަލަ އިހުސާސްތަކެއްގެ ތެރެއަށް ހިތް ގެނބި ލޮލުން ކަރުނަ ހިލުވާލައިފިއެވެ.

(ނުނިމޭ...)

https://sun.mv/113971

comment ކޮމެންޓް