މަރުވި އަންހެން މީހާ ފެނުނީ ޖަލު ގޮޅީގެ ފާހާނާ ތެރެއިން!

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ

ދޫނިދޫގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ޖަލު ގޮޅީގެ ފާހާނާ ތެރެއިން ކަން އެނގިއްޖެ އެވެ.

މިއަދު ދޫނިދޫގައި މަރުވެފައި ވަނީ ނ. މަނަދޫ، ނާދީގެ، ނަޝާޔާ ރަޝީދު، 23 އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި އަންހެނެކެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި ނަޝާޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ބަހައްޓާފައި ހުރި ދޫނިދޫ ޖަލު ގޮޅީގެ ފާހާނާ ތެރެއިންނެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު އަނގައިންނާއި ނޭފަތުންނާ ފެހި ކުލައިގެ ދިޔަތަކެއް ފައިބައިފައި ހުރި ކަމަށްވެ އެވެ. އަދި އޭނާ ފެނުނު އިރުވެސް އެ ދިޔަތައް ފައިބަމުން ދިޔަ ކަމަށްވެ އެވެ. އޭގެ އިތުރުން، އެނާ މަރުވުމަށް ފަހު ލޯ ލެއްޕުމަށް މަސައްކަތް ކުރުމުންވެސް ލޯ އޮތީ ހުޅުވިފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ، ނަޝާޔާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ ގަލޮޅު މޯޗުއަރީގައި ކަމަށެވެ.

މަނަދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން ނަޒީދު ވިދާޅުވި ގޮތުގައި ނަޝާޔާގެ އާއިލާ މިރޭ 9:30 ހާއިރު ވަނީ މާލެއަށް ފުރާފަ އެވެ.

އޭނާ ވިދާޅުވީ، ނަޝާޔާގެ ހަތަރު އަހަރުގެ ފިރިހެން ދަރިއަކު ހުންނަ ކަމަށެވެ. އެ ދަރިފުޅު ބަލަނީ އެ ކުއްޖާގެ މާމައާއި ކާފަ ކަމަށް އޭނާ ކިޔައިދިނެވެ.

ނަޒީދު ކިޔައިދިން ގޮތުގައި ނަޝާޔާ އަކީ އާއިލާއާ ދުރުގައި މާލޭގައި ދިރިއުޅެމުން އައި އަންހެނެކެވެ.

"އެ އަންހެން ކުއްޖާ އަކީ މައިންބަފައިންނާ ދުރުގައި، ދަރިފުޅާ ދުރުގައި މާލެ ތެރޭގައި ދިރިއުޅެމުން ދިޔައީ. އެންމެ ފަހުން ރޯދަ މަހު ރަށުގައި ހުރީ. މައިންބަފައިން ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތް ކުރި،" އޭނާ ބުންޏެވެ.

ނަޝާޔާ މަރުވި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އޭނާއާ ހަވާލުވެގެން ހުރި މުއްދަތުގައި އޭނާގެ ހުރިހާ ހައްގުތައް އަދާކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ބޭނުން ވަނީ އެ ދެ ކޮމިޝަނުން އާއިލާއާ ވާހަކަ ދައްކައިގެން ނަޝާޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެދުމަށް ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް