ޑެހެޔާގެ މޮޅު ކުޅުމާއެކު ޓޮޓެންހާމް ޔުނައިޓެޑްގެ އަތް ދަށުވެއްޖެ!

ޑެހެއާގެ މޮޅު ސޭވް އެއް

ގޯލް ކީޕަރު ޑޭވިޑް ޑެހެއާގެ ތަފާތު މޮޅު ކުޅުމާއެކު ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ޓޮޓެންހާމްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

ޕޯޗުގަލްގެ މަޝްހޫރު ކޯޗް ހޯސޭ މޮރީނިއޯ ޓީމުގެ ކޯޗުކަމުން ވަކި ކުރުމާއި ގުޅިގެން ޔުނައިޓެޑްގެ ޓީމަށް އިރުޝާދު ދިނުމަށް ވަގުތީ ގޮތުން ހަވާލު ވެ ހުންނެވީ އޮލެ ގުނަ ސޯލްޝޭއާއެވެ. އޭނާ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ކަމާއި ހަވާލުވި ފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެ ވަނީ ކުލަބުގެ ރިކޯޑެއްވެސް މުގުރާލާފައެވެ.

ޓީމުގެ ދިގު ތާރީހުގައިވެސް ޓީމާ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވެފައިވާ ހަމަ އެކަނި މެނޭޖަރ ކަމުގެ ޝަރަފް ސޯލްޝެއާއަށް ވަނީ ލިބިފައެވެ

ރޭގެ މެޗު ނިމުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ރޭ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލް މެޗުގެ 44 ވަނަ މިނަޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ 10 ނަންބަރު މާކަސް ރަޝްފޯޑްއެވެ. ނަމަވެސް މި މޮޅު އެންމެ ބޮޑަށް ހައްގު ވަނީ އެ ޓީމުގެ ގޯލް ކީޕަރ ޑޭވިޑް ޑެހެއާއަށެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. ގިނަ ހަމަލާތެކެއް ގޯލާ ދިމާލަށް ފޮނުވާލާ ޔުނައިޓެޑްގެ ގޯލަށް ވަނީ އިންތިހާއަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރުގެ ހައިރާން ކުރުވަނިވި މޮޅު ސޭވްތަކުން ގޯލު ވަނީ ދިފާއު ކޮށްފައެވެ.

ޑެލޭ އަލީ ފޮނުވާލި ހަމަލާއެއް ދިފާއު ކުރަނީ

"އަހަރަމެންގެ އުންމީދަކީ މެންޗެސްޓަރ ޔުނައިޓެޑް ހުރިހާ މެޗަކުން މޮޅުވުން. އެކަމަކު އެއީ ވާނެ ކަމެއް ނޫން. އެހެނަސް ވިސްނަން ޖެހޭނީ ހުރިހާ މެޗަކުން ވެސް މޮޅުވުމަށް،" ޔުނައިޓެޑްގެ ކޯޗް އޮލޭ ބުންޏެވެ.

އޭނާ ބުނެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގޯލެއް ޖަހާ އަދި ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ޓީމް އޮތީ ޕުރެޝަރުގައި ކަމަށެވެ. އަދި ޓީމުގެ ކީޕަރުގެ މޮޅު ކުޅުމަށް ވަނީ ތައުރީފު ކޮށްފައެވެ.

comment ކޮމެންޓް