ތައިލޭންޑުން އާޓިފިޝަލް ޓްރާންސް ފެޓްސް މަނާކޮށްފި

ތައިލޭންޑުން ވަނީ އާޓިފިޝަލް ޓްރާންސް ފެޓްސް މަނާކޮށްފަ -- ފޮޓޯ: ޓެސްކޯލޮޓަސް

ބޭންކޮކް (ޖެނުއަރީ 11): ތައިލޭންޑުގައި އާޓިފިޝަލް ޓްރާންސް ފެޓްސް އުފެއްދުމާއި އެތެރެ ކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

އާޓިފިޝަލް ޓްރާންސް ފެޓްސް ހިމެނޭ ތަކެތީގެ ތެރޭގައި ބައެއް ބާވަތްތަކުގެ މާޖިރީނާއި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހަދާފައިވާ ލުއި ކާނާ ހިމެނެ އެވެ. ޓްރާންސް ފެޓެސްއަކީ އަގުހެޔޮކޮށް އުފެއްދޭ އަދި ކާނާ ގިނަ ދުވަހަށް ދެމިހުރުމުގެ އިތުރުން ކާނާ މީރުވެސް ކޮށްދޭ އެއްޗެކެވެ.

ނަމަވެސް ޓްރާންސް ފެޓްސްގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް މަތިވެ، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެ އެވެ.

"[އާޓިފިޝަލް ޓްރާންސް ފެޓްސް] މަނާ ކުރުމުގެ މަގުސަދަކީ، އަޅުގަނޑުމެން ކާ ކާނާގެ ސަބަބުން ހިތުގެ ބަލިތަކާއި އެހެނިހެން މައްސަލަތައް ޖެހުމުގެ ނުރައްކާ ކުޑަކުރުން،" ތައިލޭންޑުގެ މިނިސްޓާ އޮފް ޕަބްލިކް ހެލްތް ޕިޔަސަކޮލް ސަކޮލްސަތަޔަދޯން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ވަނީ އެގައުމުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އަދި އާޓިފިޝަލް ޓްރާންސް ފެޓްސް މަނާ ކުރުމުގައި ޕްރައިވެޓް ސެކްޓާގެ ތާއިދު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ކެމްޕޭނަށް ތައުރީފުކޮށްފަ އެވެ.

ތައިލޭންޑުން އާޓިފިޝަލް ޓްރާންސް ފެޓްސް މަނާ ކުރަން ނިންމިކަން އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ 13އިގަ އެވެ. އަދި އެގަވާއިދަށް އަމަލު ކުރަން ފެށީ މިދިޔަ ބުދަ ދުވަހުގަ އެވެ.

comment ކޮމެންޓް