ޒައުނާ ދިޔަތާ މާ ގިނައިރެއްނުވިއެވެ. މުޅިތަނުން ކަރަންޓް ކެނޑުމާއެކު އަނާލް އަށް ހަޅޭއްލަވައިގަނެވުނެވެ.

އޭސީގެ އަޑު އެކަނި ހުރި އެ ކޮޓަރިތެރެ އާދަޔާ ހިލާފަށް ހިމޭން ވެގެން ދިޔައެވެ. ދެމީހުންގެ ނޭވާގެ އަޑު ހަމައެކަނި އިވެމުން ދިޔަ އެ ކޮޓަރި ތެރޭގައި އިން އަނާލްގެ ދެލޯ ބޮޑުވެފައިވެއެވެ. ކިތަންމެ ވަރަކަށް ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަނަމަވެސް އަނާލްއަށް ހަމައެއް ނުޖެހެވުނެވެ. މަޑުމަޑުން މަންމައަށް ގޮވާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. ބިރުން މީހާ ތުރުތުރުލާން ފަށައިފިއެވެ. ވަށައިގެން ކިތަންމެ ވަރަކަށް ބެލިޔަސް ތަނެއް ވައްކެތްނުވިއެވެ.

އަނާލްގެ ނޭވާގެ އަޑު އަވަސް ވަމުން ދިޔަކަން އިޒިއަންއަށް އެނގުނެވެ. އޭނާ ފޯންގެ ލައިޓް ޖައްސާލިއެވެ. އަނާލްއަށް ވަމުން ދިޔަ ގޮތުގެ ސަބަބުން އިޒިއަންއަށް ވަގުތުން އަނާލްއާ ދިމާލަށް ދެވުނެވެ. އަނާލްގެ ދެއަތް ތުރުތުރު އަޅަމުން ދިޔަ ކަން އޭނާއަށް އެނގުނެވެ. މަޑުމަޑުން އަނާލްގެ އަތުގައި ހިފައްޓާލިއިރު އެ އަތް ގަނޑުފެން ކޮޅެއްހާ ފިންޏެވެ. އަނާލްގެ އަތުގައި މަޑު ތުރުތުރު އެޅުމެއް ވިކަން އިޒިއަން ދެނެގަތެވެ. އަނެއްކާ އަނދިރި ދެކެވެސް އަނާލް ބިރުގަންނަނީހެއްޔެވެ؟ އަނާލްގެ މިފަދަ ކިތައް ސިއްރު ފޮރުވިފައި ވާނެބާއެވެ؟

" މަންމާ........" ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް ދުރުކޮށްލަމުން އަނާލް ގޮވާލިއެވެ.

"އިޓްސް އޯކޭ ނާލް! އައި އެމް ހިޔާ..." އިޒިއަން ބުނެލިއެވެ. އަނާލްއަށް ވަމުންދިޔަ ގޮތް ފަހަރަކަށް ވުރެ ފަހަރެއް ބޮޑުވަމުން ދިޔަކަން އިހްސާސް ކުރެވުމާއެކު އިޒިއަން ބުނެލީ އަނާލް ހިންހަމަ ޖައްސާލަދިނުމަށެވެ.

"ކޭންޑެލްސް ހުނާނެތަ؟" އިޒިއަން އަހާލިއެވެ. އަނާލް އުނދަގުލުން އާއެކޭ ބުނެ ކަބަޑާ ދިމާލަށް އިޝާރާތްކޮށްލިއެވެ.

އަވަސްއަވަހަށް އިޒިއަން އަނާލް ދެއްކި ކަބަޑާ ދިމާލަށްގޮސް ހުޅުވާލިއެވެ. އެއްފަހަރު އަނާލްއަށް ބަލަމުން އަނެއްފަހަރު ކަބަޑުތެރެ ބަލަމުން ލައިޓް ދިއްލައިގެން ހުރެ އިޒިއަން އުއްބައްތި ސެޓް ހޯދިއެވެ. ނަސީބަކުން އަލިފާންފޮށި ވެސް އުނދަގުލަކާ ނުލާ ފެނިއްޖެއެވެ. އެތަނުގައި ހުރި ސެޓޭންޑްގައި އުއްބައްތި ޖަހާލަމުން ދިއްލާލުމާއެކު ކޮޓަރިތެރެ މަޑު އޮރެންޖް ކުލައަކުން ދިއްލުނެވެ. އޭނާ އަވަސްއަވަހަށް އަނާލް ގާތަށް ގޮސް ހުއްޓުނެވެ. އަދި އަނާލްއާ އެއްހަމައެއްގައި އިށީނެވެ. މޭގައި އަތް އަޅާލައިގެން އަދިވެސް ނޭވާއަށް އުނދަގުވެފައި އިން އަނާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި އިޒިއަންގެ ހިތް ހިނދުކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ. އިސްޖަހާލައިގެން އިރުކޮޅަކު އޭނާ އިނީ އަނާލްގެ ތުރުތުރު އަޅަމުން ދިޔަ އަތުގައި ހޫނުކުރަން އަތް އުނގުޅަމުންނެވެ. މަޑުމަޑުން އަނާލްގެ އުނަގަނޑުގައި އަތް އަޅުވާލުމަށް ފަހު އޭނާ އަނާލް ނަގަން މަސައްކަތް ކުރިއެވެ. އެވަގުތު އަނާލްގެ ނޭވާ އިހުނަށް ވުރެ ބާރުވެ ތުރުތުރު އެޅުން ބޮޑުވިހެން އޭނާއަށް ހީވިއެވެ. އަނާލް އިޒިއަންގެ އަތް ނައްޓާލަން މަސައްކަތް ކުރިއެވެ.

"އަނާލް! ލެޓް މީ ހެލްޕް ޔޫ!" އިޒިއަންގެ އަޑުގައި ވަނީ އާދެހެވެ. ނޭނގޭ ސަބަބަކާ ހެދި އަނާލްއަށް ވަމުންދިޔަ ގޮތުން އޭނާގެ ހިތަށް ވެސް ތަދުވަމުން ދިޔަފަދައެވެ.

"ނޯ! އައި ވިލް ބީ އޯކޭ! އައި ހޭވް ޓު ބީ އޯކޭ!" އަނާލް އެ ހާލުގައި އިނދެވެސް ކިޔާލައިފިއެވެ. ފަސްވަރަކަށް މިނިޓް ފަހުން އަނާލްގެ ނޭވާ ހަމައަކަށް އެޅުނެވެ. ދެލޯ މަރާލީ ހަމަޖެހުމަށެވެ. އޭރުވެސް ކަރުނަތަށް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. އަނާލްގެ ހިތްވަރު ފެނި އިޒިއަންއަށް ހިންދިރުވާލެވުނެވެ. ކަރަންޓް އައީ އެވަގުތުއެވެ.

"އާ ޔޫ އޯކޭ؟" ދާދި ގާތުގައި ހުއްޓިގެން ހުރި އިޒިއަން އަހާލިއެވެ. އޭނާ އިނީ އަނާލްއާ އެއްހަމައެއްގައި ދެކަކޫ ޖައްސައިލައިގެން ކަހަލަ ގޮތަކަށް އިށީނދެއެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިރުކޮޅަކު އިނުމަށްފަހު އަނާލް ކަރުނަތަށް ފޮހެލިއެވެ.

"ސޮރީ....." އަނާލްގެ އަޑުގައި ވޭނީ ރިހުމެއްވިއެވެ. އެއަޑު އަހާފައި އިޒިއަންގެ ހިތުގައިވެސް ރިއްސާލިއެވެ. އެއްވެސް ކަމެއް ކުރާނޭ ހިތްވަރު އިޒިއަން އަކަށް ނުލިބުނެވެ. ހުރިތާހުރެ އިޒިއަންއަށް ކުރެވުނުހާވެސް ކަމަކީ އަނާލްގެ ކޮންމެ ހަރަކާތަކަށް ބެލުމެވެ.

މީހާ ހަމައަކަށް އެޅި އަނާލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިޒިއަންގެ ކުރިމަތީގައި އަމިއްލަ ނަފްސުގެ ކޮންޓްރޯލް ދޫވުމުން އަނާލް އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅިއައެވެ. އޭނާ ބޭނުންވަނީ ހިތްވަރުގަދަ އަންހެން ކުއްޖަކަށް ވާށެވެ. އެހެންނަމަވެސް ހަޔާތުގައި ދިމާވި އެކިއެކި ކަންކަމާހުރެ އޭނާގެ ހިތްވަރު އެލޭ ގޮތްވަނީއެވެ. ހިތް ދަތިވަނީއެވެ. ކެތްކުރަން ދަތިވަނީއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް އަމިއްލަ އަތުން ގެއްލެނީއެވެ. ރަމްޔާ ގާތުން އަލުން ސެޝަންތައް ފަށަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި އޭނާއަށް އެވަގުތު ޤަބޫލްކުރެވުނެވެ.

އަނާލް އެކީ ހަމައަކަށް އެޅުމާއެކު އޭނާ އިޒިއަންއާ އެކު އަނެއްކާވެސް މަސައްކަތް ކުރިއަށް ގެންދިޔައެވެ. އިޒިއަންގެ ގާތް ކަމާހުރެ ވެފައިހުރި އުނދަގުލާހެދި އަދިވެސް އެކަން އަނާލްގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އޭނާ ދެން ދުވަހަކުވެސް ފިރިހެނަކަށް އިތުބާރު ނުކުރާނެއެވެ. އޭނާ ދެކޭގޮތުގައި އެ ހަޔާތަށް ހެޔޮލަފާ ފިރިހެން ކުއްޖަކު އައުމަކީ ނާދިރުކަމެކެވެ. ހިތުގައި އުފެދުނު މަޑު ރިހުމުގެ ސަބަބުން ވޭނީ "އާހް" އެއް އޭނާގެ ދެތުންފަތް ފޫއަޅުވާލާފައި ނުކުތެވެ. އިޒިއަންއަށް ސިހިފައި އަނާލްއަށް ބަލާލެވުނެވެ. އެއަށްފަހު އޭނާގެ ނަޒަރު ހުއްޓުނީ އަނާލް ލިޔަން ގެންގުޅުނު ގަނޑަށެވެ.

އިޒިއަން ބަލާލުމާއެކު އަނާލް އަވަސްއަވަހަށް އެ ގަނޑު އަނެއް ފުށަށްޖަހާ ފޮރުވިއެވެ. އަނާލްގެ ސިއްރުވެރިކަމުން އަނާލްއާ ބެހޭ ގިނަ އެއްޗެހިތަކެއް އެނގެން އިޒިއަން ބޭނުންވިއެވެ. އެހެންނަމަވެސް އެހާ ފަސޭހައިން އަނާލް އޭނާއަށް އެފުރުސަތު ނުދޭނެކަން ވެސް އިޒިއަންއަށް ދެނެގަނެވުނެވެ.

އެދުވަހުގެ ބާކީބައި އިޒިއަން އާއި އަނާލް ހޭދަކުރީ ތަނުގެ އެތެރޭގެ ޑިޒައިން ފައިނަލް ކުރުމުގައާއި މީޓިން ހަމަޖެއްސުމުގައެވެ. އަނާލް ޑިޒައިން ތައްޔާރުކުރުމާއެކު އެކަމުގެ ފަންނުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ތަނުގެ ސްޓްރަކްޗަރ ފައިނަލް ކުރެވިގެން ދިޔައެވެ.

އެ މަސައްކަތް ހަވާލުކުރެވުނީ ސްޓާރ ހޯލްޑާރސްގެ ކޮންސްޓްރަކްޝަން ބަޔަށެވެ. އެކަމާހުރެ އިޒިއަން ވެސް ޖެހިގެން އައި ހަފްތާގައި ބިޒީވީ ބައްޕައާ ވާހަކަ ދައްކާ އެ ޕްރޮޖެކްޓާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ. ހުރިހާކަމެއް ފައިނަލް ކުރެވި މަސައްކަތް ހަވާކުކުރުމަށް ސޮއި ކުރީ އިޒިއަންއާ އަނާލްގެ އިތުރުން ކޮންސްޓްރަކްޝަން ބައިގެ ހެޑްއެވެ.

ބަޖެޓް ކަންތައްތައް ހަމަޖެހިފައިވިނަމަވެސް އަލުން ރިވިއު ކުރުމަށް މީޓިންއެއް ބޭއްވުމަށްފަހު ބަޖެޓް އެތައް ގުނައެއް ބޮޑުކުރިއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ މި ޕޮރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލާށެވެ. މަސައްކަތް އަމަލީ ގޮތުން ފެށުމާއެކު ރާއްޖޭގެ ހުރިހާ ޓީވީ ތަކުގެ ސަމާލްކަމަށް އެކަން އައެވެ.

"މެންޓަލް ހެލްތް އެންޑް ޑިސެބިލިޓީ-ކޯޕިން ވިތް އެމޯޝަންސް" ގެ ނަމުގައި މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުން ވެގެން ދިޔައީ މުޅި ރާއްޖޭގައި ވެސް އެ ވާހަކަ ހަރުއަޑުން ފެތުރުނު ކަމަކަށެވެ. އަދި ހާއްސަކޮށް މިފަދަ މަސައްކަތެއްގެ އެންމެ ކުރީގައި އަނާލް ފަދަ ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ހުރުން ވެގެން ދިޔައީ ބައެއް ބޭރުގެ މީޑިއާތަކުގެ ސަމާލްކަން ވެސް ލިބުނު ކަމަކަށެވެ. ހުންނަ ނުކުޅެދުންތެރިކަމާއެކު ވެސް ކާމިޔާބު މީހަކަށް ވެވިދާނޭ ކަމާ، އެމީހުންނަނީ ވެސް މުޖްތަމަޢުގައި ފުރިހަމަ ހިއްސާ އޮންނަން ޖެހޭ ބައެއް ކަމާމެދު ބަހުސްތައް ފެށިގެން ދިޔައެވެ. އަމިއްލަ ޖަމާޢަތްތަކުން އިސްނަގައިގެން އެ ފަދަ ހުނަރުވެރި ކުދިން ހޯދާ މަސައްކަތުގެ މައިދާނަށް ކޮންމެވެސް ޢަމަލީ ސިފައެއްގައި ނެރުމަށް އިސްނެގިއެވެ. އެތައް ބަޔެއްގެ ހެޔޮ ދުޢާ އާއި ތަޢުރީފް އަނާލްއަށް ލިބިގެން ދިޔައެވެ. އެފަދަ ކިތަންމެ ކުދިންނަކަށް އެ ތަކެއް ގޮތަކަށް ފުރުސަތު ލިބިގެން ދިޔައެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން އަނާލް މި މަސައްކަތާ ބެހޭ ބޮޑުބައި ތަޢާރަފް ކުރިއިރު މައިގަނޑު ގޮތެއްގައި މަސައްކަތް ބެހިގެން ދާ ތިން މަރުހަލާ އިޒިއަން ތަފްސީލް ކޮށްދިނެވެ.

"އައި އެމް ޕްރައުޑް އޮފް ޔޫ..." މީޓިން ނިމުމާއެކު އައްމާރު ވާހަކަ ދެއްކިއެވެ. އެކަކުއަނެކަކާ ސަމާލް ކުރުމަށްފަހު ކާމިޔާބީ ފާހަގަކުރިއެވެ. އަނާލް ގެ ތުންފަތް މަތިން ފުޅާ ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

އައްމާރު އާއި ފަހީމްއާ ދެމީހުން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު އެމީހުންނާ ސަލާމް ކުރުމަށް ތިބި އިޒިއަންއާ އަނާލްއަށް ބަލާލިއެވެ. ދެމީހުންގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތައް ދައުރުވަމުން ދިޔައެވެ. ތުންފަތުގައިވި ހިނިތުންވުމުން ދެމީހުންގެ އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދެމުން ދިޔައެވެ.

"ވަރަށް އުފާވޭ އަނާލް ފަދަ ކުއްޖަކު މިކަހަލަ ބޮޑު ކަމެއް ކުރަން އިސްނެގީތީ... އައި އެމް ޕްރައުޑް އޮފް ހާރ!... އައެމް ޝުއަރ އޭޒް ހާރ ޑޭޑް ޔޫ ވިލް އޯލްސޯ ބީ............" ފަހީމް އައްމާރުއާ ސަލާމް ކޮށްލަމުން ވާހަކަ ދެއްކިއެވެ.

"އެފަދަ ހިނިތުންވުމެއް އަނާލްގެ މޫނުމަތިން ފެނޭތޯ ހާދަ ދުއާއެއްކުރީމޭ! އެފަދަ އުޖާލާ މޫނެއް ފެނޭތޯ! އަލްޙަމްދު ﷲ....." އައްމާރުއަށް އަނާލްއާ ދިމާލަށް ބަލަންހުރެ ބުނެވުނެވެ.

ނޫސްވެރިންނާ ބައްދަލުކޮށްފައި އަނާލް ގެއަށް ދިޔައިރު ވެސް އެ ތުންފަތުގައިވި ހިނިތުންވުމެއް ނުފިލައެވެ.

"އައި އެމް ސޯ ހެޕީ....." ކާރުތެރޭގައި އިނދެ އަނާލް ބުނެލިއެވެ. ކާރު ދުއްވަމުން ދިޔައީ ރަކީން އެވެ. ކުރީ ސީޓްގައި އަނާލް އިންއިރު ފަހަތު ސީޓްގައި މަޒާޔާ އާއި އައްމާރު ތިއްބެވެ.

އަނާލްގެ ފޯން ރިންގްވުމާއެކު ފޯނު ނަގާ ބަލާލިއެވެ. ގުޅަނީ ޝާހީންއަށް ވުމާއެކު އަނާލް ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން 'ހެލޯ' އޭ ކިޔާލައިފިއެވެ.

"ނާލް!... ހާދަ ހެޕީވެއްޖޭ!..... ވަރަށް ވަރަށް ވަރަށް އުފާވެއްޖެ......." ޝާހީންގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ.

"ސޮރީ ނާލް! އެމަރޖެންސީ ކޮށް ސާރޖަރީއަކަށް ވަންނަން ޖެހުނީމަ ނުދެވުނީ އެ ގަޑީގަ..... އެކަމަކު ދެންމެ ބަލާލީ މި ކޮންފަރެންސް... މިއަދު އަނާލް ސާބިތު ކޮށްދީފިން ތިއީ ވެސް އެހެން ކުދިން ފަދައިން ސަކްސެސްފުލް މީހަކަށް ވެވިދާނެ ކުއްޖެއްކަން....." އެންމެ ފުރަތަމަ ޝާހީން ވާހަކަ ދައްކަން ފެށިއިރު އޭނާގެ އަޑުގައި ހިސާބެއްގެ މާޔޫސްކަމެއް ހުރިކަން އަނާލް ދެނެގަތެވެ. އަދި އެއީ އެފަދަ އުފަލެއްގައި އަނާލްއާ އެކު ނުހުރެވުނީތީކަން ވެސް އޭނާއަށް ދެނެގަނެވުނެވެ.

"އިޓްސް އޯކޭ ކުޑަބޭ... އިނގޭ ބިޒީ ވީމަކަން ނާދެވުނީ..." އަނާލް ބޭނުންވީ ޝާހީންގެ ހިންހަމަ ޖައްސުވާށެވެ.

ހަގީގަތުގައިވެސް ޝާހީން ހުރީ ވަރަށް ދެރަވެފައެވެ. އަނާލްގެ އެންމެ ބޮޑު ކާމިޔާބީ ފާހަގަ ކުރިއިރު އެތަނުގައި އޭނާ ވެސް ހުންނަން ނުހަނު ބޭނުންވިއެވެ. އެހެންނަމަވެސް ކަންތައް ދިމާވި ގޮތުން ނުހުރެވުނީއެވެ. އަނާލް ފޯން ބާއްވަމުން އަދިވެސް އެއްފަހަރު އެއީ އެއްވެސް މައްސަލައެއްނޫނޭ ބުނެލިއެވެ.

ގެއާ ހިސާބަށް ދެވެން ދެންވެސް ކާރުތެރޭގައި އެކިއެކި ވާހަކަ ދެކެވެމުން ދިޔައެވެ. ގޭޓުން ވަދެގެން ގޮސް ގޭގެ ކުރިމަތީގައި އޮތް ޕާކުކުރާ ތަނަށް ކާރު ހުއްޓާލިއެވެ. އަދި ކާރުން އެންމެން ފޭބިއެވެ. އަނާލް ވެސް މަޒާޔާގެ އެހީތެރިކަމާއެކު ފޭބިއެވެ.

ގޭން އެތެރެއަށް ވަތްއިރު ޝަފޫންއާއި އަފާޒު ސޯފާގައި ތިއްބެވެ. ނުދެވުނީތީ ދެމީހުންވެސް އަނާލްގެ ގާތުންމާފަށް އެދުނެވެ. ޝަފޫންގެ އާއިލާ މީހަކު ހާލުބޮޑުވެގެން ހޮސްޕިޓަލަށް ދާން ޖެހުނީއެވެ.

*****

އިޒިއަން ވެސް ބައްޕައާ އެކު ގެއަށް އައިސް ވަތް އިރު އެ މޫނުމަތިންވެސް ހިނިތުންވުމުގެ އަސަރު ފެންނަމުންދިޔައެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިކޮށްލާފައިވި ހިނިތުންވުން އެތައް ވާހަކައެއް ބުނެދެމުން ދިޔައެވެ. ސިކުނޑިއަށް "ޕޮޒިޓިވް" ކަންތައްތައް ވައްދަން އޭނާ މަސައްކަތް ކުރިއެވެ.

ކޮންމެ ގޮތެއްވިޔަސް މާޒީއެއް ބަދަލެއް ނުކުރެވޭނެއެވެ. އެ މާޒީން ލިބުނު ފިލާވަޅުތަކުގެ އަލީގައި މުސްތަޤްބަލް އުޖާލާ ކުރެވިދާނެއެވެ. އެހެންނަމަވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެ މާޒީގެ ހިޔަނި އެޅިދާނޭކަމަށް އިޒިއަންއަށް ނޭނގުނީއެވެ. ފަސްއަޅާ ފޮރުވާލިޔަސް މަތި ޖަހާ ބަންދުކުރިޔަސް ބައެއްފަހަރު ކަންތައްތައް އެނގިގެންދާނީ އެންމެ ހީނުކުރާ ދަނޑިވަޅުގައެވެ.

*****

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. ޕްރޮޖެކްޓްގެ މަސައްކަތް ވެސް އޭގެ އެންމެ ހަލުވި މިނުގައި ކުރެވެމުން ދިޔައެވެ. މިއަދަކީ އަނެއްކާވެސް ކޮންމެވެސް ކަމަކު އިޒިއަން އާއި އަނާލްއާ ދެމީހުން ހޮސްޕިޓަލަށް މީޓިންއަކަށް ދިޔަ ދުވަހެކެވެ. ޒައުނާ ވެސް އަނާލްއާ އެކު މިއަދު މީޓިންގައި ބައިވެރިވިއެވެ. ހުރިހާކަމެއް ކޮށް ނިންމާލުމަށްފަހު އިޒިއަން ވެސް އަނާލްގެ ގާތުގައި ބުނެލާފައި ގެއަށް ދާން މިސްރާބުޖެހީ އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުން ދިޔައީތީއެވެ. ޒައުނާ ވެސް ހުރުމާއެކު އަނާލްއަށް އެއްވެސް ދަތި ކަމެއް ނުހުންނާނޭކަން އޭނާއަށް އެނގެއެވެ. އޭނާ ނުކުތް އިރު ކާރު އިންތިޒާރުގައި އޮތެވެ. އަނާލް ވެސް ހޮސްޕިޓަލުން ނުކުންނަން އައީ ޒައުނާއާ ވާހަކަ ދައްކަމުންނެވެ. ނުކުމެނުކުމެ ހުއްޓާ އޭނާގެ ލޮލުގައި އަޅައިގަތް ސޫރައަކުން އޭނާއަށް ސިހުން ގެނުވިއެވެ. އޭނާއަށް އެ ޒުވާނާ ފާހަގަކުރެވުނީ ތަންކޮޅެއް ދުރުންކަމަށް ވުމާއެކު އެ ޒުވާނާއަށް އޭނާ ނުފެންނަކަން ޔަޤީންވިއެވެ. ދެއަތް މުށްކަވާލެވުމާ އެކު އަނާލްއަށް ހިންދިރުވާލެވުނެވެ. ދެލޯ މަރާލާ ފުންނޭވާއެއް ލެވުނީ އަމިއްލަ ނަފްސަށް ހަމަޖެހުން ގެނައުމަށެވެ. މޭތެރޭގައި އުފެދުނު ރިހުން އޭނާގެ ހަށިގަނޑުގެ ހުރިހާ ސެލްއަކަށް ވެސް އަސަރުކުރިވީ ކަންނޭގެއެވެ. މުޅި ހަށިގަނޑުގައި ނޭނގޭ ފިނިކަމެއް ދަތުރު ކޮށްލިއެވެ. އަތުގައި މަޑު ތުރުތުރެއް އުފެދުނެވެ. ފިއްތާލެވިފައިވާ ދެ ތުންފަތް ދޭތެރެއިން ނުކުތް ވޭނީ 'އާހް' ގެ އަޑާއެކުވެގެން ކޮންމެވެސް މީހެއްގެ ނަމެއްވެސް އަނާލްއަށް ބޭރުކޮށްލެވުނެވެ. އެހެންނަމަވެސް އެ އަޑު މަޑު ކަމުންނާ މީހާ ހާސްވެފައި ހުރި ވަރުން އޭނާ އެ ބުނި ނަން ސާފު ވާވަރެއް ނޫނެވެ. އިސްޖަހާލެވުނީ ހިތަށްކުރި އަސަރުންނެވެ.

"ނާލް ވަޓް ހެޕެންޑް؟..." ޒައުނާ އަނާލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން އަނާލްއަށް ގޮވާލީ އަނާލްއަށް ވެފައި އިން ގޮތުންނެވެ. ސިހިފައި އިސްއުފުލާލި އަނާލްއަށް ފުރަތަމަ ބަލާލެވުނީ ޒައުނާއަށެވެ. އެއަށްފަހު އޭނާއަށް ކުރިމައްޗަށް ބަލާލާ ލެވުނީ ދެންމެ ފެނުނު ޒުވާނާ ހުރިތޯއެވެ. އެހެންނަމަވެސް މިހާރު އެ ޒުވާނާގެ ހިލަމެއް ވެސް ނުވެއެވެ.

ޒައުނާއަށް ފޯން ކޯލެއް އައުމާއެކު އޭނާ އަނާލްއަށް ބަލާލަމުން ބުނެލާފައި ފޯން ނެގީ ގުޅަނީ ހޮސްޕިޓަލުން ކަމަށްވީތީއެވެ. އޭނާ ކަންފަތުގައި ފޯން ޖަހައިގެން ހުރެ އެއްއަތުން ހިފައްޓާލާފައިވާ ފައިލްތައް ބަލާލިއެވެ.

"ނާލް! އެއް ފައިލް ބައިންދާފަ އެ އާދެވުނީ... އަންނަންތަ ވަރަށް އަވަހަށް ގޮސް އެ ހިފައިގެން؟..."

ޒައުނާ ހުއްދައަށް އެދުނެވެ. އަނާލް ހުއްދަ ދިނުމާއެކު އޭނާ އަވަސްއަވަހަށް ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. އަނާލް ގޮނޑި ދުއްވާލާ ހޮސްޕިޓަލުން ބޭރަށް ނުކުމެލިއެވެ. އަދި ވަށައިގެން ބަލާލިއެވެ. އެ ޒުވާނާގެ އެއްވެސް ހިލަމެއް ނުވިއެވެ. އަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ. ހޮސްޕިޓަލްގެ ދޮރުމަތިން އެއްފަރާތުގައި ހައްދާފައިވާ ފިތުރޯނު ގަސްތަކާ ދިމާލަށް ޖެހިލާ އަނާލް ފޯނަށް ނަޒަރު ހުއްޓާލިއެވެ.

ކުރިމަތީގައި މީހަކު ހުރެ އެ ދިމާލަށް ބަލަމުން ދިޔަ ފަދަ އިހްސާސެއް ކުރެވުމާއެކު އަނާލްއަށް އިސްއުފުލާލާ ބަލާލެވުނެވެ. އަނާލްއާއި މާ ދުރުނޫން ހިސާބެއްގައި ހުއްޓި ހުރި ޒުވާނާ ދިޔައީ އަނާލްއަށް ބަލަމުންނެވެ. އަނާލް ބަލާލުމާއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަކަން އޭނާއަށް އެހާ ދުރުން ވެސް ނަގައިގަނެވުނެވެ. ހިތުގެ ތެޅުން ބާރުވީ އެ ޒުވާނާ މަޑު ފިޔަވަޅުތަކުގައި އަނާލްއާ ދިމާލަށް ހިނގައިގަތުމުންނެވެ. އަނާލް އިނީ ކިތަންމެ ވަރަކަށް ވެސް އެތަނުން ދާން ބޭނުންވެފައި ކަމަށް ވިޔަސް އެއްވެސް ކަމެއް ކުރާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ޖެހި ބުދެއްހެން އިނދެވުނީއެވެ. އިސްއުފުލާލި ގޮތަށް އެހެން ދިމާލަކަށް ވެސް އަނާލްއަށް ބަލާލާކަށް ނޭނގުނެވެ. ހިން ދިރުވާލެވުމާއެކު ތުންފަތުގައި ދަތް އަޅާލިއެވެ. ކަރުނަތަށް ދެލޮލަށް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ޒުވާނާ އަރާ ހަމަވުމުގެ ކުރިން އަނާލް އޭނާގެ ކަރުނަތަށް ފޮހެލިއެވެ. އަދި ހަމަޖެހެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ނަފްސަށް ވެރިވެފައި ވަނީ ހަރުކަށިކަމެވެ. ކިތަންމެ ވަރަކަށް އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް ހޯދަން މަސައްކަތް ކުރިނަމަވެސް އެކަން އޭނާއަށް ކާމިޔާބް ވާގޮތެއް ނުވިއެވެ.

ހިނދެއް ހިނދަކަށް އޭނާގެ ނަފްސުގެ މައްޗަށް އެހެނިހެން އިހްސާސްތަކެއް އަތްގަދަ ކުރަމުން ދިޔައެވެ. އިހްސާސްތައް އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ޒުވާނާ އައިސް އަނާލްގެ ގާތަށް ހުއްޓިއްޖެއެވެ. އެ ޒުވާނާ ކޮޅަށް ހުރިއިރު އަނާލް އިނީ ކުޑަކޮށް އިސްއުފުލާލާ އެ ޒުވާނާގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެންމެ ފަހުން އަނާލް އިސްޖަހާލީ އެ ދެލޮލަށް ބަލަން ނުކުޅަދާނަވެގެން ކަންނޭގެއެވެ. ދެ އަތުން ހިފައްޓާލެވިފައިވާ ފޯނަށް ބާރުކުރެވުމާއެކު އަނާލް ދެ ތުންފަތް ޖައްސާ ފިއްތާލިއެވެ.

"އަނާލް!..." އަނާލްއަށް އިސްއުފުލާލަން މަޖުބޫރުވީ އެ ޒުވާނާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަނާލް އެއްވެސް އެއްޗެއް ނުބުންޏެވެ. ކުޑަމިނުން ބޯ ވެސް ޖަހާނުލިއެވެ.

"ޕްރެސް ބެލިން ކުރިން ދުވަހު... ޔޫ އާރ ބްރޭވް!..." އެ ޒުވާނާ ބުނެލިއެވެ. އަދި އަނާލްއާ ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ދުރަށް މިސްރާބުޖެހީ އަނާލް އެއްވެސް އެއްޗެއް ނުބުނުމުންނެވެ. އެ ޒުވާނާ ގޮސް ލޯމަތިން ގެއްލެންދެން އަނާލްއަށް އެދިމާލަށް ބަލަން އިނދެވުނެވެ.

"ޔޫ ޝުޑް ބީ ބްރޭވް އަނާލް.... ޔޫ ހޭވް ޓު ބީ..." އަނާލް އަމިއްލަ ނަފްސަށް ބުނެލިއެވެ.

ޒައުނާ ހޮސްޕިޓަލުން ނުކުމެ އަނާލް ހޯދިއިރު އެއްފަރާތު ފިތުރޯނުގަސްތައް ކައިރީގައި އިންދާ ފެނުނެވެ. އޭނާ ގޮސް އަނާލްގެ ގާތަށް ހުއްޓިލިއެވެ.

"ހިނގާ ދެން ދާން އުޅެމާ!" އަނާލް ޒައުނާއަށް ބަލާލަމުން ބުނެލިއެވެ. ދެންމެ ވީ ކަމަކުން އަނާލްގެ މޫޑް ވަނީ އެއްކޮށް ސަކަރާތް ވެފައެވެ.

މީހާ ހަމައަކަށް އެޅިލުމާއެކު އޭނާ ޒައުނާއާ އެކު ކާރު ޕާރކު ކުރަން ހަދާފައިވާ ގަރާޖާ ދިމާލަށް މިސްރާބުޖެހިއެވެ. ޑްރައިވަރު ކާރުގައި ލެނގިލައިގެން ހުރެފައި އަނާލް ފެނިގެން ފޯން ޖީބަށް ކޮށްޕާލިއެވެ. ޒައުނާގެ އެހީތެރިކަމާއެކު އަނާލް ކާރަށް އެރިއެވެ.

އެއާއެކު ލަސްނުކޮށް ޑްރައިވަރު ކާރު ދުއްވާލިއެވެ.

*****

އިޒިއަން ގެއަށް އައިސް ފުރަތަމަވެސް ބެލީ ފެންވަރާލެވޭތޯއެވެ. ފެންވަރާ ލުމުން ހަށިގަނޑަށް ތާޒާކަން ލިބުނު ކަމުގައިވިނަމަވެސް ބޮލުގެ ރިހުމަށް ލުޔެއް ނުލިބުނެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތީ ނިދާލުމުގެ ބޭނުމުގައެވެ. ހަމައެކަނި ސޯޓެއްގައި ހުރި އިޒިއަންއަށް އޭސީގެ ގަދަ ފިނި އިހްސާސް ކުރެވުމާއެކު އޭސީ މަޑުކޮށްލިއެވެ. ކުޑަކޮށް ހުންވައްތަރު ވެފައި ހުރުމުން އިޒިއަން ދެގުޅަ ޕެނެޑޯލް ކެއެވެ. ގައިގައިވެސް ރިއްސަމުން ދިޔަހެން ހީވިއެވެ. އެނދުގައި ޖައްސާލުމާއެކު އިޒިއަންއަށް ނިދިއްޖެއެވެ. ހޭލެވުނީ އިރުއޮއްސެނިކޮށެވެ. ބަނޑުހައިކަން އިހްސާސް ކުރެވުމާއެކު އޭނާ ޓީޝާޓެއް ގަޔަށް މަހާލަމުން ތިރިއަށް ދާން މިސްރާބުޖެހިއެވެ. ސިޑީގެ ހަރުފަތްތައް ހަލުވިކަމާއެކު ގިރާކުރުމަށްފަހު ގޮސް ކާކޮޓަރިއަށް ވަތްއިރު އެމިލީ ނުކުންނަން އަންނަނީއެވެ.

"އެމިލީ! އަހަރެންނަށް މެންގޯ ޖޫސްތައްޓަކާ ކޮންމެވެސް ކަހަލަ މޭވާއެއް ކޮށައިލައިގެން ރޫމަށް ގެނެސްދީ އިނގޭ..." އިޒިއަން އެމިލީއަށް ބުނެލިއެވެ. އަވަސްއަވަހަށް ބޯ ޖަހާލަމުން އެމިލީ އެ އެއްޗެހި ތައްޔާރު ކުރުމަށް އަވަސްވެގަތެވެ.

އިޒިއަން އެނބުރި މައްޗަށް ގޮސް ކޮޓަރިއަށް ވަނުމަށް ފަހު ދިޔައީ ސްޓަޑީ ޓޭބަލްއާ ދިމާލަށެވެ. އެއަށްފަހު އެނބުރޭ ގޮނޑި ދަމާލަމުން އޭގައި އިށީނެވެ. ލެޕްޓޮޕް ހުޅުވާލަމުން ޕްރޮޖެކްޓާ ގުޅޭ މަސައްކަތެއް ކުރުމުގައި އޭނާ މަސްއޫލުވިއެވެ. އެ މަސައްކަތުގައި އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު އިޒިއަން ތަންކޮޅެއް ބާރަށް ވަންނާށޭ ބުނެލީ އެމިލީކަން އެނގޭތީއެވެ. އެމިލީ ވަނުމާއެކު ސްޓަޑީ ޓޭބަލްގެ އެއްފަރާތުގައި ގެނައި އެއްޗެހި ބެހެއްޓުމަށް އިޒިއަން އެދުނެވެ. އިޒިއަން އެދުނު ގޮތަށް ގެނައި ތަބަށް މޭޒުމަތީގައި ބެހެއްޓުމަށްފަހު އެމިލީ ނުކުތުމަށް ހިނގައިގަތެވެ. އެމިލީ ނުކުމެ ދޮރު ލައްޕާލުމާއެކު އިޒިއަން އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ.

އަނާލް އެ ކުރާ މަސައްކަތުގައި އިޒިއަށް ފުރިހަމައަށް ބައިވެރިވާން ބޭނުންވެއެވެ. އެ ޕްރޮޖެކްޓެގެ ހުރިހާކަމެއް ވެސް "ޕާރފެކްޓް" ވާންޖެހޭނެއެވެ.

ތަބަކުގައި ހުރި ޖޫސްތަށިން ޖޫސް ފޮދެއް އިރުއިރުކޮޅަކާ އިޒިއަން ދަމާލާނެއެވެ. މޭވާތަށިން މޭވާކޮޅެއް އަނގަޔަށް ލާނެއެވެ. އަނެއްބައިފަހަރު ލޯ މަރާލައިގެން އިނދެ ވިސްނުމަށްފަހު މުށްކަވާފައިވާ އަތުގެ ބޮޑުވާ އިނގިލިން ނިތް ކުރީގައި ޖަހާލަފާނެއެވެ. ބޯ ކަހާލަފާނެއެވެ. ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނދެ އަމިއްލަ ނަފްސަށް ބޯ ޖަހާލަފާނެއެވެ. އިޒިއަންގެ ކޮންމެ ހަރަކާތަކުން އޭނާ މި ޕްރޮޖެކްޓާ ގަޔާވާ ވަރު ހާމަވެގެންދެއެވެ.

*****

ރޭގަނޑު އަތަށް އެޅި އިރު އުޑުމަތި އޮތީ ބަނަކޮށްލާފައެވެ. ވައިގަދައެވެ. އެހެންނަމަވެސް ވާރޭ ނުވެހެއެވެ. ބެލްކަނީގައި ހުރެލާފައި އިޒިއަން ކޮޓަރިތެރެއަށް ވަނީ ނިދާލުމުގެ ބޭނުމުގައެވެ. ބޮލުގެ ރިހުމަށް ކުޑަ ލުޔެއް ލިބިފައި ހުރިނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ބޮލަށް ބަރުވެފައި ހުއްޓެވެ.

ނިދަން އޮށޯއިން އިޒިއަންއަށް އަނާލްގެ މަތިން ހަނދާންވާން ފެށިއެވެ. އެ ތުންފަތް މައްޗަށް ވެރިކޮށްލާފައި ހުންނަ ހިނިތުންވުން ސިފަވުމާއެކު ބޭއިޚްތިޔާރުގައި އިޒިއަންގެ ތުންފަތް މައްޗަށް ވެސް ހިނިތުން ވުމެއް ވެރިވިއެވެ. ލޯ މަރާލެވުނެވެ. މި ފަހަކަށް އައިސް އަނާލްއާ މެދު އިޒިއަންއަށް ވިސްނޭ ވަރުވަނީ އިތުރުވެފައެވެ. އަބަދާ އަބަދު އެ ލޯބި މޫނުކޮޅު ދެކޭހިތުން ކެތް މަދުވަނީއެވެ. އަނާލްގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އިޒިއަންގެ މޫނުމައްޗަށް އަންނަ ކުލަވަރުތައް ދޭހަކޮށްދޭން ދަތި ނަމަވެސް، އެ ހިތުގައި އަނާލްއާ މެދު ކޮންމެވެސް ކަހަލަ އިހްސާސްތަކެއް ވާކަން ދެނެގެންނަން އުނދަގުލެއް ނޫނެވެ. އަނާލްގެ ހާލާ މެދު އިޒިއަން ހަމްދަރުދީވެއެވެ. އަނާލްގެ ލޮލުން ކަރުނަ ހިލުނު މަންޒަރު އަދިވެސް އޭނާގެ ސިކުނޑީގައި ރައްކާކުރެވިފައި ވެއެވެ. އެ މަންޒަރު ހިތަށް ސިފަވާ ކޮންމެ ފަހަރަކު އެ ދެލޮލުންވެސް ނޭނގޭ ރިހުމެއް ފާޅުވެގެން ދެއެވެ. ދެލޮލުގެ ވިދުމަށް ތަފާތުކަމެއް ވެރިވެގެން ދެއެވެ. މީހާގެ ނަފްސުގެ ހަމަޖެހުން ނަގާލައެވެ. އެތެރެހަށީގައި ވަރުގަދަ ތޫފާނެއް އުފައްދާ މޭގައި ނޭނގޭ ރިހުމެއް އުފެދިގެން ދެއެވެ. މީހާގެ ނޭވާ ތާށިވެ ހާސްވެ ކަންބޮޑުވެއެވެ. ދެރަވެ އުދާސްކަމެއް ހަށިގަނޑަށް ވެރިވެގެން ދެއެވެ. ހުރިހާ އިޙްސާސް އެއް އެކުވެގެން އިޒިއަންގެ ނަފްސަށް އަންނަ ބަދަލަކީ އޭގައި އެތަކެއް އަސަރެއް ފޮރުވިފައިވާ ބަދަލްތަކެކެވެ. ކޮންމެއަކަސް އަނާލް އިޒިއަންގެ ހިތާ ކުޅެލައިފިއެވެ.

އަނާލްގެ އެ މަޑު އަތުގެ ބީހިލުން އަދިވެސް އިޒިއަންއަށް އިހްސާސް ކުރެވޭ ފަދައެވެ. އެ އަތް ތުރުތުރު އަޅަމުން ދިޔަ ގޮތާ އިޒިއަންއަށް އެ އަތުގައި ހިފާލެވުނު ގޮތް ހަނދާން ވުމާއެކު އުއްޑުން އޮތް އިޒިއަން ދެއަތް އުފުލާލާ އެ ދެއަތަށް ބަލާލިއެވެ. ދެ ބުމަ ގޮށްޖެހިގެން ދިޔުމާއެކު އިޒިއަންއަށް އަނގައިން ރުޅިވެރި އަޑެއް ބޭރުކޮށްލެވުނެވެ. އޭނާގެ ވިސްނުމަށް އެ ވަގުތު އައީ ކޮން ފަދަ ހިޔާލެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެ ހިޔާލެއްގެ ސަބަބުން އިޒިއަންގެ ނަފްސުގެ ހަމަޖެހުން ގެއްލިއްޖެކަމެވެ.

(ނުނިމޭ)

https://sun.mv/113508

comment ކޮމެންޓް