ކޮތަޅަށް ލައިގެން ހާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ގެންދާތަން ވީޑިއޯއަކުން ފެނޭ: ތުރުކީގެ މީޑިއާ

ތުރުކީގެ މީޑިއާތަކުން ވަނީ ހާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ކޮތަޅަކަށް ލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ބުނެފައި -- ފޮޓޯ: އަލްޖަޒީރާ

އަންކާރާ (ޑިސެމްބަރު 31): ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ ހަށިގަނޑުގެ ބައިތައް ކޮތަޅަށް ލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ތުރުކީގެ މީޑިއާތަކުން ބުނެފި އެވެ.

ހާޝުގްޖީ މަރާލީ މިދިޔަ އޮކްޓޫބަރު މަހު ދެ ވަނަ ދުވަހު އެވެ.

ތުރުކީގެ މީޑިއާތަކުގައިވާ ގޮތުން އެވީޑިއޯ އިން ފެނިގެން ދަނީ، ހާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ސައުދީ ކޮންސިއުލޭޓުގައި ތިބުމަށް ފަހު، ވޭނެއްގައި ކޮންސިއުލާ ޖެނެރަލްގެ ގެކޮޅަށް ދާ މަންޒަރެވެ. އަދި ކޮންމެވެސް އެއްޗެއް އަޅާފައިވާ ކަޅު ކޮތަޅުތަކެއް އެގެޔަށް ވައްދާ މަންޒަރެވެ.

އެވީޑިއޯ ފުރަތަމަ ދައްކާފައި ވަނީ ތުރުކީގެ 'ހަބަރު' ޗެނަލުންނެވެ. އަދި އެނޫހަށް ވީޑިއޯ ލިބުނީ ޑެއިލީ ސަބާހުގެ އިންވެސްޓިގޭޝަން ޔުނިޓުގެ ނޫސްވެރިޔެއް މެދުވެރިކޮށެވެ.

ތުރުކީގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ޑެއިލީ ސަބާހުން ވަނީ މީގެ ކުރިން ވެސް ހާޝުގްޖީގެ މަރުގެ ތަހުގީގާ ގުޅުން ހުރި މައުލޫމާތު ލީކުކޮށްފަ އެވެ.

ހާޝުގްޖީ މަރާލި މައްސަލާގައި ސައުދީން ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ. ހާޝުގްޖީ ކޮންސިއުލޭޓު ތެރޭ މަރާލި ކަމަށް ބުނާ ރިޕޯޓުތައް ފުރަތަމަ ދޮގު ކުރި ސައުދީން ބުނާ ގޮތުގައި، އެއީ ބަޔަކު އަމިއްލައަށް ރާވައިގެން ކުރި ކަމެކެވެ. އަދި ސައުދީ ސަރުކާރާ ގުޅުން ހުރި އަމަލެއް ނޫނެވެ.

ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ހާޝުގްޖީ މަރާލުމަށް އަމުރުކޮށްފައި ވަނީ ސައުދީ ޝާހީ އާއިލާގެ އެންމެ މަތީ ފަންތިން ކަމަށް ވިދާޅުވެފަ އެވެ. އަދި ހާޝުގްޖީގެ ހަށިގަނޑު ހޯދުމަށް ތުރުކީން ހޯދި ތަންތަނުގެ ތެރޭގައި ސައުދީ ކޮންސުލް ޖެނެރަލްގެ ގެކޮޅު ވެސް ހިމެނެ އެވެ. ނަމަވެސް އެގެ ފާސް ކުރި އިރު ބައެއް ކޮޓަރިތަކާއި ވަޅެއް ބެލުމަށް ކޮންސިއުލޭޓުގެ މުވައްޒަފުން ހުރަސް އެޅި ކަމަށް ތުރުކީން ބުނެ އެވެ.

comment ކޮމެންޓް