އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަ ގޮވަމުން ދާތީ ފްލައިޓުތައް ޑައިވާޓު ކުރަނީ

އިންޑޮނޭޝިއާގެ އަނަކް ކްރަކަޓޯއާ ގޮވަމުންދާތީ، އެސަރަހައްދުގައި އެލާޓް ލެވެލް ވަނީ މަތިކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (ޑިސެމްބަރު 27): އިންޑޮނޭޝިއާގެ އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ އަދިވެސް ގޮވަމުން ދާތީ އެސަރަހައްދުން ދަތުރު ކުރަން ހަމަޖެހިފައިވާ ފްލައިޓުތައް ޑައިވާޓުކޮށްފިއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީ (ބީއެންޕީބީ)އިން ވަނީ އެފަރުބަދަ ގޮވަމުންދާތީ، އެލާޓް ލެވެލް ދޭކުން ތިނެކަށް މަތިކޮށްފަ އެވެ. އަދި ފަރުބަދައާ ފަސް ކިލޯމީޓަރަށް ވުރެ ކައިރި ނުވުމަށް އަންގާފައެވެ.

"އަނަކް ކްރަކަޓޯއާގެ ވޮލްކޭނިކް އެކްޓިވިޓީ ދަނީ އިތުރު ވަމުން. އޭގެ ސަބަބުން ފަރުބަދައިގެ ވަށައިގެން ފަސް ކިލޯމީޓަރުގެ ސަރަހައްދަކީ ނުރައްކާ ސަރަހައްދެއް ކަމަށް ވަނީ ކަނޑައަޅާފަ. އެފަރުބަދައިގެ ވަށައިގެން ފަސް ކިލޯމީޓަރުގެ ސަރަހައްދުގައި އާއްމުންނާއި ފަތުރުވެރިން ހަރަކާތްތެރިވުމަކީ މަނާ ކަމެއް،" ބީއެންޕީބީގެ ބަޔާނެއްގައިވެ އެވެ.

އިންޑޮނޭޝިއާއަށް މިދިޔަ ހޮނިހިރު ދުވަހު އެރި ސުނާމީގެ ސަބަބުން ގިނަ އަދަދެއްގެ ގެތައް ވަނީ ބޭނުން ނުކުރެވޭ ވަރުވެފައި -- ފޮޓޯ: އޭޕީ

އިންޑޮނޭޝިއާގެ އެއާ ޓްރެފިކް ކޮންޓްރޯލް އޭޖެންސީން ބުނި ގޮތުގައި ފްލައިޓުތައް ޑައިވާޓު ކުރަނީ ކްރަކަޓޯއާއިން ދުމާއި އަޅި ބޭރު ވާތީ އެވެ.

އެއޭޖެންސީން ބުނި ގޮތުގައި އޭގެ ސަބަބުން ޑައިވާޓު ކުރަން ޖެހިފައި ވަނީ 20 ނުވަތަ 25 ވަރަކަށް ފްލައިޓެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ސިންގަޕޫރު އަދި މެދުއިރުމަތީގެ ފްލައިޓުތައް ހިމެނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަނަކް ކްރަކަޓޯއާ ގޮވައި، ކަނޑުއަޑިން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ޖާވާ އާއި ސުމަތުރާއަށް ވަނީ ސުނާމީ އަރާފައެވެ.

އެސުނާމީގެ ސަބަބުން 430 މީހުން މަރުވެ، 150 މީހުން ވަނީ ގެއްލިފަ އެވެ. އަދި ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ، 16،000 މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

comment ކޮމެންޓް