ބަސްތާ ވެއްޓި ނިޔާވި ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލު ކުރައްވައިފި

ނިޔާވި ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލު ކުރައްވަނީ -- ފޮޓޯ: ޓްވިޓާ

އިއްޔެ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ އާއިލާއާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފި އެވެ.

އެމަނިކުފާނު މިއަދު އެ ކުއްޖާގެ މައިންބަފައިންނާ ބައްދަލުކުރައްވަނިކޮށް ނަގާފައިވާ ފޮޓޯ އަކާ އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަ ކުއްޖާ ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި އެމަނިކުފާނުގެ ޓްވީޓުގައި ވަނީ އެ ހާދިސާއާ ގުޅިގެން ހަމްދަރުދީ ފާޅު ކުރައްވާފަ އެވެ.

ބަސްތާގެ ދަށުގެ ނިޔާވީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ކުއްޖެކެވެ. އެ ކުއްޖާ ދިރިއުޅެމުން އައީ އާއިލާއާ އެކު ފ. އަތޮޅުގަ އެވެ. ކުއްޖާ މައިންބަފައިންނާ އެކު މާލެ އައީ އެ އާއިލާގެ ވީސާއާ ގުޅޭ ކަމެއްގަ އެވެ.

އެ ކުއްޖާގެ ހަށިގަނޑުން ވަރަށް ބޮޑަށް ލޭ މަދުވި އިރު، އެތެރޭގެ ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ފައިގައި ރެނދުލުމުގެ އިތުރުން ކަރަށާއި ކޮނޑަށް ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވީ މިއަދު މެންދުރު 12:00 ހާއިރު އެެވެ.

comment ކޮމެންޓް