އެމެރިކާއިން ޔަމަނު ހަނގުރާމައަށް އެހީ ދިނުން ހުއްޓުވުމަށް ފާސްކޮށްފި

ރައީސް ޓްރަމްޕް ވަނީ ސައުދީއާ އެކު އޮތް އަސްކަރީ ގުޅުން ތަކުރާރުކޮށް ދިފާއު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޑިސެމްބަރު 14): ސައުދީ އަރަބިއާ އިސްވެ އޮވެގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން އަސްކަރީ އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.

ސެނެޓުގައި އިއްޔެ ނެގި ވޯޓުގައި 56 މެމްބަރުން ވަނީ ޔަމަނު ހަނގުރާމައަށް އެހީތެރިވުން ހުއްޓުވުމަށް ވޯޓު ދީފައެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 41 މެމްބަރުންނެވެ.

ނަމަވެސް މިހާރު ރިޕަބްލިކަން މެމްބަރުންގެ މެޖޯރިޓީ އޮތް، ޕާލިމެންޓުގެ ތިރީގެއިން އެ ގަރާރު ފާސްކުރުމަކީ ނާދިރު ކަމެކެވެ. އަދި ތިރީގެއިން ގަރާރު ފާސްކުރި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަރާރު ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔަމަނު ހަނގުރާމައާ ގުޅޭ ގަރާރުގެ އިތުރުން، އިއްޔެ ސެނެޓުން ވަނީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގައި ޒިންމާ ވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ބުނާ ގަރާރެއްވެސް ފާސްކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ހާޝުގްޖީ މަރާލީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައެވެ. އަދި އޭނާ މަރާލުމުގައި ވަލީއަހުދުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި ނަމަވެސް، ސައުދީ ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

އަދި ރައީސް ޓްރަމްޕް ވަނީ، ސައުދީ ސަރުކާރުން ބުނާ ވާހަކަ ގަބޫލުކުރައްވާ ކަމަށާއި އޭނާ ހުންނެވީ ވަލީއަހުދާ އެއްކޮށް ކަމަށް ވިދާޅުވެފައެވެ.

އޭގެ ސަބަބުން އެމެރިކާގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ މީގެ ކުރިންވެސް ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް