ޒުވާނުން ވަޒީފާއަށް އަހުލުވެރިކޮށް، ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރި 14 ދަރިވަރުންނަށް ސެޓްފިކޭޓް ދީފިއެވެ.
ދެހާސް ނުވަނަ އަހަރުން ފެށިގެން އެ ކުންފުނިން ކުރިއަށް ގެންދާ މިއަހަރުގެ ޕްރޮގްރާގައި 29 ބައިވެރިޔަކު ވަނީ ބައިވެރިވެރފައެވެ. ވޭތުވެދިޔަ 10 އަހަރުގައި އެ ޕްރޮގްރާމްގައި 197 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ޕްރޮގްރާމްގައި ދަސްވެނިވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ، ގައުމެއް ކުރިއަރާ ދާނީ އެ ގައުމެއްގެ ޒުވާނުންނަށް ދެވޭ ތަމްރީނާ ތަޖުރިބާގެ މައްޗަށް ކަމަށާއި ދިރާގު ފަދަ ބޮޑެތި ކުންފުނިތަކުން ޒުވާނުންނަށް ހާއްސަ މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ރާއްޖެއާއި ރާއްޖޭގެ ތަރައްގީގެ ކުލަ ޖެހިގެން ދާނެ ކަމެއް ކަމަށެވެ.
"ދިރާގު ފަދަ ބޮޑު ކުންފުނިތަކުން ޒުވާނުންނަށް ހާއްސަ މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ރާއްޖެއާމެދު ރާއްޖެގެ ތަރައްގީއާ މެދު އަޅުގަނޑުމެން ކުރެވޭ އުންމީދުގެ ކުލަ ޖެހިގެންދާނެ ކަމެއް. ދިހަ އަހަރުގެ ދިގު މުއްދަތަކަށް މިފަދަ ކާމިޔާބު ޕްރޮގްރާމެއް ހިންގުން ރަމްޒުކޮށްދެނީ މި ޕްރޮގްރާމްގެ ކާމިޔާބުކަން،" މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އެ މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން މަލީހް ފާހަގަ ކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ހިންގަމުން އަންނަ ވަރަށް ބޮޑު ބަޔެއް ކަމަށާއި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން މަސައްކަތުގެ މާހައުލަށާއި ދާއިރާ އަށް ތަމްރީނުކުކޮށް ފަރިތަކުރުން ކަމަށެވެ.
"އެންމެ ބޮޑު ބޭނުންމަކީ ޒުވާނުން މަސައްކަތުގެ މާހައުލަށް ތައްޔާރުކޮށް، މަސައްކަތުގެ ޑިސިޕްލިން އަދި އޭގެ އިތުރުންވެސް ބޭނުންވާ އިތުރު ހުނަރުތައް ދަސްކޮށްދިނުން،" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ހަމައެކަނި މާލޭގެ ދިރިއުޅޭ ފަރާތްތަކަށް ނޫން ކަމަށާއި ދިރާގުގެ އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ނުވަ ރަށަކުންވެސް ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ޕްރޮގްރާމްގެ ބައިވެރިވި ޒުވާނުންގެ ތެރެއިން 75 ޕަސެންޓްގެ ޒުވާނުން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ކުންފުނިތަކުގައި ކަމަށާއި ބާކީ 25 ޕަސެންޓް ޒުވާނުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކުގައި ނުވަތަ މަތި ތަައުލީމް ހާސިލް ކުރުމަށް ކަމަށެވެ.
ރިރާގުން މިދިޔަ މަހު އެއް ވަނަ ދުވަހު އަަންނަ އަހަރު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލިއެވެ. އެގޮތުން އިންޓަވިއުކޮށް، 29 ކުދިން މިހާރު ވަނީ ދިރާގުގެ ތަފާތު އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމަންޓް، ހިއުމަން ރީސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތަކުގައި ދަރިވަރުން ތަމްރީންކޮށްދެއެވެ. އޭގެ އިތުރުންވެސް ތަފާތު އެހެނިހެން ސްކިލްތަކަށް ވެސް ދަރިވަރުން ތަމްރީނުކޮށްދެއެވެ.