ބައިނަލްއަގުވާމީ މަހާސިންތާއަކަށް އިސްލާމިކް މިނިސްޓަރު ސައުދީގައި

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ، ސައުދީގައި ކުރިއަށްދާ މަހާސިންތާގައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވާ ބައިނަލްއަގުވާމީ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މައްކާއަށް ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަހާސިންތާއަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ގުޅޭގޮތުން ބާއްވާ މަހާސިންތާއެކެވެ.

"އިންޓަނޭޝަނަލް ކޮންފަރަންސް އޮން އިސްލާމިކް ޔުނިޓީ: ދަ ޕެރިލްސް އޮފް ލޭބަރިންގް އެންޑް އެކްސްކްލޫޝަން"ގެ ނަމުގައި ރާބިތަތުލް އާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގު)އިން އިންތިޒާމުކޮށްގެން މި މަހާސިންތާ ބާއްވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ބެއްލެވުމުގެ ދަށުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއަދު މައްކާގައި ފެށި ކޮންފަރަންސްގައި 127 ގައުމަކުން 1،200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މުފްތީންނާއި މިނިސްޓަރުންނާއި ދީނީ އިލްމުވެރިން ހިމެނެއެވެ.

އަދި އެ ކޮންފަރަންސްގައި މަސްޖިދުލް ހަރަމްގެ އިމާމު އުބްރުއްރަހްމާން އަލް ސުދައިސާއި މިސްރުގެ މުފްތީ ޑރ. ޝައުކީ އިބްރާހިމް އައްލާމާއި ލުބުނާނުގެ މުފްތީ އަބްދުއްލަތީފް ދަރްޔާނާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓޭސް ފަދަ ބޭފުޅުން ތަގުރީރުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރަންސް އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

comment ކޮމެންޓް