އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމަށް ޑރ. ޝަހީމް

ރައީސް ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. ޝަހީމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމު އެ ޖަމިއްޔާއިން ހުށަހެޅި އިރު، ޝަހީމް ވަނީ އެ މަގާމު ގަބޫލުފުޅުކުރައްވާފައެވެ.

ރާއްޖެވެސް ހިމެނޭ ގޮތަށް ދުނިޔޭގެ 58 އިސްލާމީ ގައުމުތައް ހިމެނޭ މި ޖަމިއްޔާގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުން ނޮވެމްބަރު 15 ވަނަ ދުވަހު އިސްތިއުފާދެއްވި ޑރ. ޝަހީމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގެންނެވި އިރު، ރާއްޖޭގެ ކުރީގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރުވެސް ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ސަރީރު، ރާއްޖޭގެ ޚާރިޖީ ހިދުމަތުން ވަކިވެވަޑައިގެންނެވީ އޮކްޓޫބަރު 30 ވަނަ ދުވަހުއެވެ. އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2018 ނޮވެމްބަރު އެއްވަނަ ދުވަހުއެވެ. ސަރީރަކީ އޯއައިސީގެ މައި އިދާރާގައި މަސައްކަތްކުރައްވާ ފުރަތަމަ ދިވެހި ރައްޔިތެވެ.

comment ކޮމެންޓް