ފްރާންސުގެ މުޒާހަރާތަކުގައި 974 މީހުން ހައްޔަރުކޮށްފި

ފްރާންސުގައި ކުރަމުންދާ ޔެލޯ ވެސްޓްސް މުޒާހަރާތަކުގައި ގާތްގަނޑަކަށް 1،000 މީހުން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ޕެރިސް (ޑިސެމްބަރު 9): ފްރާންސުގައި މިދިޔަ މަހު ފެށި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި 974 މީހުން ހައްޔަރުކޮށްފި އެވެ.

ޔެލޯ ވެސްޓްސް މޫވްމެންޓްގެ ނަން ދީފައިވާ އެމުޒާހަރާތައް ފެށީ ފްރާންސުގައި ތެލުން ނަގާ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށާއި ދިރިއުޅުމުގެ އަގު ތިރި ކުރުމަށް ގޮވާލުމަށެވެ. އެމުޒާހަރާގެ ބައެއް ބައިވެރިން ވަނީ ރައީސް އިމަނުއެލް މެކްރޮން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފަ އެވެ.

ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ އެގައުމުގެ އެކި ސިޓީތަކުގައި ބޭއްވި މުޒާހަރާތަކުގައި 125،000 މީހުން ބައިވެރިވި ކަމަށް ބެލެވެ އެވެ. އެގޮތުން ވެރިރަށް ޕެރިހުގައި އޮތް މުޒާހަރާގައި ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވި އެވެ.

އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ޕެރިހުގައި އެކަނި ވެސް 8،000 ފުލުހުން ހަރަކާތްތެރިވި އެވެ. ނަމަވެސް ޕެރިހުގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން އުފެދި، ބައެއް މީހުން ވަނީ ކާރުތަކަށް ގެއްލުންދީ ފިހާރަތައް ލޫޓުވާފަ އެވެ.

އެހަމަނުޖެހުމުގައި 118 މީހުންނަށް އަނިޔާވި އެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 974 އަށް އަރަ އެވެ.

އެމުޒާހަރާތަކާ ގުޅިގެން، މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު މެކްރޮން ވަނީ ޕެޓްރޯލާއި ޑީސެލުން ނަގާ ޓެކްސް އިތުރު ނުކުރަން ނިންމަވައިފަ އެވެ.

ނަމަވެސް ޔެލޯ ވެސްޓްސް ހަރަކާތުގެ ބައެއް ބައިވެރިން ވަނީ އެހާވަރުން ނުފުދޭ ކަމަށާއި، އެހެނިހެން ޓެކްސްތައް ކުޑަ ކުރުމަށާއި މުސާރަ ބޮޑު ކުރަން ގޮވާލުމަށް މުޒާހަރާ ކުރަމުން ދާނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް