ހޯރަ އިއްބެ މިނިވަން ކުރުމުން ރަފިއްޔާ ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި

ޑރ އާއިޝަތު ރަފިއްޔާ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ އެކްޓިވިސްޓް އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރުމުން ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ އެންޖީއޯ)ގެ ފައުންޑިންގް ޕްރެޒިޑެންޓް ޑރ. އާއިޝަތު ރަފިއްޔާވެސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ރަފިއްޔާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ކަންތައްތަކަށް ރައްކާތެރިކަން ދޭންޖެހޭނީ ކަމާބެހޭ ފަރާތްތަކުން ކަމަށާއި މިއީ އަސާސީ އިންސާނީ ހައްގެއް ކަމަށެވެ.

"އަންހެނަކަށްވެ ހުރެ ކިހާ ގިނަ ދުވަހެއް ވަންދެން މިކަހަލަ ކަންތައްތަކަށް ކެތްކުރަންޖެހޭނީ؟ އަގުބޮޑު އެއްޗަކަށް ނޫން މި ހަނގުރާމަކުރަނީ. އަސާސީ ހައްގަކަށް،"

ރަފިއްޔާ މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

comment ކޮމެންޓް