ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓު ނޮޅިވަރަމަށް!

ދިރާގުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހދ.ނޮޅިވަރަމުގައި އިފްތިތާހު ކުރުން -- ފޮޓޯ ދިރާގު

ރާއްޖޭގެ މުއާސަލާތީ ކުންފުނި، ދިރާގުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހދ. ނޮޅިވަރަމުގައި މިއަދު ރަސްމީކޮށް ތައާރަފް ކޮށްފި އެވެ.

މުޅި ރާއްޖެއަށް ފައިބާގެ ހިދުމަތް ފުޅާ ކުރަމަށް ދިރާގުން ފަށާފައިވާ ހަރަކާތުގެ ތެރެއިން މިދިޔަ ހަފްތާގައި ވަނީ، ތ. އަތޮޅު ގުރައިދޫ އާއި ތިމަރަފުއްޓަށް ވެސް އެ ހިދުމަތް ދޭން ފަށާފަ އެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭ މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ރަށްތަކަށް ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔާވާ ރާއްޖޭގެ 49 ރަށަކަށް ދިރާގުން ވަނީ އެ ހިދުމަތް ފޯރުކޮށްދީފައެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގުން ބުނީ، އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1 ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެއް ކަމަށެވެ.

އަދި މިހާރު ހދ. ނޮޅިވަރަމުގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހުފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

comment ކޮމެންޓް