އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޓްރީޓޮޕަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

އުރީދޫ އެމް-ފައިސާގެ ހިދުމަތް މެދުވެރިކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް އުރީދޫ އާއި ޓްރީޓޮޕް ގުޅިގެން ތައާރަފުކޮށް އެއްބަސްވުމުގައި ސޮއިކުރައްވަނީ --

އުރީދޫ އެމް-ފައިސާގެ ހިދުމަތް މެދުވެރިކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް އުރީދޫ އާއި ޓްރީޓޮޕް ގުޅިގެން ތައާރަފުކޮށްފި އެވެ.

އިއްޔެ ތައާރަފު ކުރި ހިދުމަތާ އެކު ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށް ވެސް އެ ހޮސްޕިޓަލްގެ ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެގޮތުން، ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރެއިން އެޕޮއިންޓްމަންޓް ހެއްދެވުން، އޯޕީޑީގެ ޚިދުމަތްތައް، އަދި ބޭސްފަރުވާ އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ، އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް. މިއަދު ޓްރީޓޮޕް އާއި އެކު ފެށުނު މި ގުޅުން އިތުރަށް ވަރުގަދަކޮށް، އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން އާ ހަވާލާދީ އުރީދޫ އިން ބުންޏެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އަދި މޯލްޑިވްގޭސް ބިލްތައް ވެސް ހިމެނެ އެވެ.

comment ކޮމެންޓް