އަފްޣާނިސްތާނުގައި ދީނީ އިލްމުވެރިންގެ އެއްވުމަކަށް ހަމަލާދީ، 50 މީހަކު މަރާލައިފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާގައި 50 މީހަކު މަރުވެފައިވޭ -- ފޮޓޯ: އީޕީއޭ

ކާބުލް (ނޮވެމްބަރު 21): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދީނީ އިލްމެވެރިންގެ އެއްވުމަކަށް އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއްދީ 50 މީހަކު މަރާލައިފިއެވެ.

އަފްޣާން އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަޖީބު ދާނިޝް ވިދާޅުވި ގޮތުގައި ކީރިތި ރަސޫލާގެ އީދުމީލާދީގެ މުނާސަބަތުގައި، ކާބުލްގެ ޔުރެނަސް ވެޑިން ހޯލަށް އެއްވެފައި ތިބި އިލްމުވެރިންނަށް ދިން ހަމަލާގައި 50އަށް ވުރެ ގިނަ މީހުން މަރުވުމުގެ އިތުރުން ގާތްގަނޑަކަށް 80 މީހަކަށް އަނިޔާވިއެވެ.

ކާބުލް ޕޮލިސްގެ ތަރުޖަމާނު ބާސިރު މުޖާހިދު ވިދާޅުވި ގޮތުގައި އެހަމަލާ ދިން އިރު ހޯލުގައި 1000 ވަރަކަށް މީހުން ތިއްބެވެ. އަދި އެމީހުން ތިބީ ގުރުއާން ކިޔަވާށެވެ.

އަފްޣާން ރައީސް އަޝްރަފް ޣަނީ ވަނީ އެއީ "މާފު ނުކުރެވޭނެ ކުށެއް" ކަމަށް ވިދާޅުވެ، މިއަދަކީ އެގައުމުގައި ހިތާމަ ފާޅު ކުރާ ދުވަހެއްގެ ގޮތުގައި ނިންމަވާފައެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ. ނަމަވެސް ތާލިބާނުން ވަނީ އެއީ އެޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެ، ހަމަލާ ކުށްވެރިކޮށްފައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ވަނީ މީގެ ކުރިން އެފަދަ ހަމަލާތައް ދީފައެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު ކާބުލްގައި ދެ ހަމަލާއެއްދީ 48 މީހަކު މަރާފައިވެއެވެ.

comment ކޮމެންޓް