މަންތާއިން ސީޕްލޭން ދަތުރުތަކަށްވެސް ތައްޔާރު

މަންތާ އެއާގެ ފުރަތަމަ ފްލައިޓު. އެ އެއާލައިނުން ދަނީ ސީޕްލޭން ދަތުރުތަކަށްވެސް ތައްޔާރުވަމުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަންތާ އެއާގެ ސީޕްލޭން ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗްމަހު ފެށޭނެކަމަށް މަންތާ އެއާ އިން ބުނެފިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާނެ މަންތާ އެއާގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ސީ ޕްލޭންގެ އުދުހުންތަކަށް ހާއްސަ ހަ އެއާކްރާފްޓު މިހާރު ގަނެފައިވާކަމަށެވެ.

"ހަތަރު އެއާކްރާފްޓު އަޅުގަނޑުމެން މިހާރު ޕާކުކޮށްފައި މިއޮތީ ކެނެޑާގައި. އަނެއް ދެ އެއާކްރާފްޓު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އެބަ ލިބޭ. ބައެއް އެެއާކްރާފްޓުތަކަށް މިހާރު ކްރޫއިންވެސް ވާނީ ނަގާފައި،"

ހަލީލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ސީޕްލޭންގެ ދަތުރުތައް ފެށުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ.

މަންތާގެ ދަތުރުތަކާއެކު އެތެރޭގެ އުދުހުންތަކަށް ބަދަލު އަންނާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އެ އެއާލައިނުން އެތެރޭގެ ދަތުރުތައް އަންނަ މަހު ފަށާނެއެވެ. އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ. އެއަށްފަހު ބ. ދަރަވަންދޫ އަށް އަދި ތ. ތިމަރަފުއްޓަށް ދަތުރުތައް ފަށާނެއެވެ.

އިތުރު އެއާޕޯޓުތަކަށް ދަތުރު ފަށާނީ އިތުރު ބޯޓުތައް ގެނައުމަށް ފަހު ކަމަށް ހަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް