ފްރާންސުގެ ރައީސަށް ހަމަލާ ދޭން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި

ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮންއަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ގެޓީ

ޕެރިސް (ނޮވެމްބަރު 7): ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮންއަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފްރާންސުގެ ޖުޑީޝަރީއާ ގުޅުން ހުރި ފަރާތަކުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 22 އަހަރާއި 62 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނާއި އަންހެނަކު ހިމެނެ އެވެ. އަދި އެއެންމެންނަކީ ވެސް ކަނާތު ފިޔައިގެ ހިޔާލު ގެންގުޅޭ މީހުންނެވެ.

މިދިޔަ ހޯމަ ދުވަހު ފްރާންސުގެ އިންޓީރީއާ މިނިސްޓްރީން ވަނީ އެގައުމުގައި "ކަނާތު ފިޔަ އާއި ވާތު ފިޔައިގެ ހައްދު ފަހަނަ އަޅާފައިވާ ނެޓްވޯކްތައް" ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ސަބަބުން ގައުމު އޮންނަނީ އެލާޓަށް ގެނެސްފައި ކަމަށް ވެސް ބުނެފަ އެވެ.

މިދިޔަ އަހަރު ވެސް މެކްރޮން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެމީހާ ވަނީ ހަމަލާ ދޭން ބޭނުންވީ "މުސްލިމުންނާއި، ޔަހޫދީންނާއި، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް" ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް