ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭނެ : ސިރިސޭނާ

ކޮލަންބޯ (ނޮވެމްބަރު 7) : މަގާމުން ދުރުކޮށްފައިވާ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭނެ ކަމަށާ ރަނިލްގެ ފިކުރަކީ ރައްޔިތުންގެ މަސްލަހަތުގެ ބަދަލުގައި ބޭރުގެ އެޖެންޑާތަކަށް ފުރްސަތުދޭ ފިކުރެއް ކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާއާއި އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން އެދެބޭފުޅުންނަށް ތާއީދުކުރުމުގެ ގޮތުން ކޮލަންބޯގައި އިއްޔެ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ރަނިލްގެ ވެރިކަމުގައި ސްރީލަންކާގެ ތަރައްގީ މަޑުޖެހި ފައިސާގެ އަގުވެއްޓި ތަކެތީގެ އަގުބޮޑުވުންފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާތީ ރައްޔިތުން ދެން ރަނިލް ބަލައިނުގަންނާނެ ކަމުގައެވެ.

މިއީ ސްރީލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ދުރުކޮށް އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕްސަ އައްޔަން ކުރުމަށްފަހު ސިރިސޭނާއާއި ރާޖަޕަކްސަ އެދެބޭފުޅުންގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ކޮލަމްބޯގައި ހުންނަ ޕާލަމެންޓް އިމާރާތުގެ ކައިރީގައި ބޭއްވި އެއްވުމަށް ސިރިސޭނާ ގެ ސަޕޯޓަރުންގެ އިތުރުން ރާޖަޕަކްސަގެ ސަޕޯޓަރުންވެސް ހާޒިރުވިއިރު އެ އެއްވުމުގައި ދެލައްކައެއްހާ މީހުން ބައިވެރިވި ކަމަށް ސްރީލަންކާގެ މީޑިޔާ ބުނެއެވެ. އެ އެއްވުމުގައި ތަގްރީރުކުރައްވަމުން ސިރިސޭނާ ވިދާޅުވީ ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓްގެ ރުހުން ލިބޭވަރަށް އަޣްލަބިއްޔަތު މިހާރު ހޯދިއްޖެ ކަމަށާ ރާޖަޕަކްސަގެ ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމުގައެވެ.

ސްރީލަންކާގެ ޕާލަމެންޓްގައި 225 މެންބަރުން ހިމެނޭއިރު އަޣްލަބިއްޔަތަކީ 113 މެންބަރުންނެވެ. މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކުރައްވަން ސިރިސޭނާ ނިންމެވީ ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓް އަޣްލަބިއްޔަތު ހޯދުމަށް ކަމަށާ އެކަމަށްޓަކައި ފައިސާ އާއި އެނޫންވެސް ވަސީލަތްތަކުގެ ބޭނުން ސިރިސޭނާއާއި ރާޖަޕަކްސަ ކުރައްވަމުން ގެންދަވާ ކަމަށް ރަނިލްގެ ޕާޓީންވަނީ ތުހުމަތުކޮށްފައެވެ. މިމަހުގެ 14 އާ ހަމައަށް ރަޖަޕަކްސަގެ ކޯލިޝަނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ސިރިސޭނާ ނިންމަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ނަމަވެސް އިއްޔެ ސިރިސޭނާ ވަނީ ރާޖަޕަކްސަގެ ސަރުކާރަށް ޕާލަމެންޓްގެ ރުހުން ލިބޭވަރަށް އަޣްލަބިއްޔަތު މިހާރު ހޯދާފައިވާކަން ސަޕޯޓަރުންނަށް ކަށަވަރުކޮށް ދެއްވާފައެވެ. ސްރީލަންކާގެ ޕާލަމެންޓްގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ ޕާލަމެންޓުން ރާޖަޕަކްސައަށް ރުހުން ދިނުމުގެ ކުރިން އޭނާއަކީ ބޮޑުވަޒީރުކަމަށް ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

(ސްރީލަންކާގެ ނޫސްތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު