އީމްގެ "ހީނާ އާޓް މާސްޓަރ ކްލާސް"ތައް ކާމިޔާބު ކަމާއެކު ނިންމާލައިފި

އީމް ނިޒާމް އިންތިޒާމްކޮށްގެން ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ގެ ތެރެއިން... ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޒުވާން ލަވަކިޔުންތެރިޔާ އަދި މޮޑެލް އީމް ނިޒާމް އިންތިޒާމްކޮށްގެން، ބަހްރެއިންގެ މަޝްހޫރު ހީނާ އާޓިސްޓެއް ކަމަށްވާ ހާނި ބަލުޗް އާއެކު ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އީމްގެ ދައްތަގެ ކުންފުންޏެއް ކަމަށްވާ "އަވެންޓަގާޑޭ މައިންޑްސެޓް" އަދި ބަހްރެއިންގެ "ދި ހީނާ އާޓް ބިއުޓީ" ސެންޓަރާ ގުޅިގެން ހިންގި އެކްލާސްތައް ފެށީ މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު މާބުލް ހޮޓެލްގައެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އެ ކްލާސް ތަކަކީ ހީނާ އަޅަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން ކުރިޔަށް ގެންދިޔަ ކްލާސްތަކެކެވެ. ނަން ނޯޓް ކުރުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ކްލާސް ތަކަށް ފުރުސަތު ދެވުނީ "ލިމިޓް" ކޮށްގެން 30 ވަރަކަށް ބައިވެރިންނަށެވެ.

އީމް ނިޒާމް އިންތިޒާމްކޮށްގެން ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ގެ ތެރެއިން... ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ކްލާސްތަކުގައި ބައިވެރި ކުދިންނަށް ވަނީ އެކިއެކި ހަފްލާ ތަކަށް ގުޅޭނެ ގޮތަށް ހީނާ ބޭނުން ކޮށްގެން ކުރަހަން ދަސްކޮށްދީފައެވެ. އަދި ހީނާ ތައްޔާރު ކުރުމަށްފަހު ގޮށްޓަށް އަޅާނެ ގޮތާ، ހީނާގެ ވިޔަފާރި ފަށާނެ ގޮތުގެ އިތުރުން ޒަމާނީ ހީނާ އާޓް ވަނީ މި ކްލާސްތަކުގައި ބައިވެރިވި މީހުންނަށް ކިޔަވަދީފައެވެ.

އެ ކްލާސްތައް ނިންމުން ފާހަގަ ކުރަމުން، މީޑިއާ ތަކަށް މައުލޫމާތު ދެމުން އީމް ބުނީ އަބަދުވެސް ދިވެހިންނަށް މިހަކަލަ މަސައްކަތްތައް ދަސްކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި މި ދެ ދުވަހު މި ހިންގުނު ކްލާސްތަކުން ހީނާ އާޓް އާ ބެހޭ ގޮތުން ގިނަ ކުދިން ތަކަށް ވަރަށް ގިނަ އެއްޗެހި ތަކެއް އެނގިގެންދާނެ ކަމަށާއި އެކަހަލަ މަސައްކަތް ކޮށްގެން ވެސް ރަނގަޅު އާމްދަނީ އެއް ހޯދިދާނެ ކަމަށް ގަބޫލް ކުރާ ކަމަށް ވެސް އީމް ފާހަގަ ކުރިއެވެ.

އީމް ނިޒާމް އިންތިޒާމްކޮށްގެން ބޭއްވި "ހީނާ އާޓް މާސްޓާކްލާސް" ގެ ތެރެއިން... ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެ ކްލާސްތައް ކާމިޔާބު ކަމާއެކު ނިންމާލި އިރު ކިޔަވައިދިން ހާނި އަކީ ބަހުރެއިންގައި ހީނާގެ އާޓިސްޓިކް ދާއިރާއިން މީހުން ތަމްރީނުކުރުމުގައި މަޝްހޫރު ފަރާތެކެވެ. މެދުއިރުމަތީގެ މަޝްހޫރު ނޫހެއް ކަމުގައިވާ ގަލްފު ނިއުސްގެ ހަފްތާ މަޖައްލާގައި ހާނި ބަލުޗް ވަނީ ފީޗާކޮށްފައި އެވެ.

އެ ކްލާސްތަކުގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓްގެ އިތުރުން ތަފާތު ހަދިޔާ ތައް ވެސް ދީފައެވެ.

މި ކްލާސްތައް ހިންގީ އޮޅުވެލި ބީޗް އެންޑް ސްޕާ އާއި މާބުލް ހޮޓެލްގެ އިތުރުން މެދުފަރު އިން ގެސްޓްހައުސްގެ އެހީތެރިކަމާ އެކުއެވެ. އީމް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.

comment ކޮމެންޓް