ފްލައިމީ އިން އައްޑޫ ފުވައްމުލަކަށް ދަތުރުތައް ފަށަނީ

ފްލައިމީގެ ބޯޑެއް --- ފޮޓޯ: ވިލާއެއާ /ޓްވިޓަ

ވިލާ އެއާގެ ފްލައިމީ އިން އައްޑޫ އާއި ފުވައްމުލަކަށް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

ވިލާ އެއާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަނީ އަންނަ މަހުން ފެށިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް އެ އެއާލައިނުން ދަތުރު ފަށާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި މަސައްކަތް ކުރާނެ ގްރައުންޑު އޮޕަރޭޝަން މުވައްޒަފުން ހޯދަންވެސް ފްލައިމީ އިން ވަނީ އިއުލާނުކޮށްފައެވެ.

ފްލައިމީ އިން ވަނީ މީގެ ކުރިން ވެސް އައްޑޫ އަށް ދަތުރުފަށަން ތައްޔާރުވެފައެވެ. ނަމަވެސް ހުއްދަ ނުލިބުމުގެ ސަބަބުން އެ ދަތުރުތަައް ފެށޭގޮތެއް ނުވިއެވެ. މީގެ ކުރިން ފްލައިމީ އިން ވަނީ ދެކުނުގެ އަތޮޅުތަކަށް ފްލައިޓު ބާއްވައިފައެވެ.

ފްލައިމީ އިން މިވަގުތު އުދުހެނީ ބ. ދަރަވަންދޫ އެއާޕޯޓަށާއި އދ. މާމިނގިލި އެއާޕޯޓަށެވެ. އައްޑޫ ފުވައްމުލައް ދަތުރުތަކާ ގުޅޭގޮތުން ފްލައިމީގެ ރަސސްމީ ކޮމެންޓެއް އަދި ނުލިބެއެވެ.

ފްލައިމީ އިން ދޮމެސްޓިކް ދަތުރުތައް ފެށިތާ ހަތް އަހަރު ވެއްޖެއެވެ

އަމިއްލަ އެއާލައިނެއް ކަމަށްވާ މެންޓާ އެއާ އިންވެސް ދަނީ ޑިސެމްބަރު މަހު އެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވަމުންނެވެ. އެ އެއާލައިނުން ދަތުރު ކުރާނީ ދަރަވަންދޫގެ އިތުުރުން ތިމަރަފުއްޓާއި ކުޑަހުވަދޫ އައި ވީއައިއޭ އަށެވެ.

މި ދަތުރުތައް ކުރުމަށް އެކުންފުނިން ވަނީ އޭޓީއާރު 600-70 މަރުކާގެ މުޅިން އާ ދެ ބޯޓު ގަނެފައެވެ. މި ދެފްލައިޓުގެ ތެރެއިން ފުރަތަމަ ފްލައިޓު ނޮވެމްބަރު 12 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް މަންޓާ އެއާއިން ބުނެއެވެ. އަދި ދެވަނަ ފްލައިޓު އަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށްވެސް މެންޓާ އިން ބުންޏެވެ.

ރާއްޖޭގެ ޑޮމެސްޓިކް ހުރިހާ އެއާޕޯޓަކަށް މިވަގުތު އުދުހެނީ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެކަންޏެވެ.

comment ކޮމެންޓް