އަޖުފާން އާއި ނަބާހާ އަށް ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން ޗެމްޕިއަންކަން ހޯދި ފާތިމަތު ނަބާހާ--- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު އަޖުފާން ރަޝީދު ހޯދި އިރު އަންހެން ޗެމްޕިއަންކަން ފާތިމަތު ނަބާހާ ހޯދައިފި އެވެ.

ރޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އަޖުފާން ވާދަ ކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ދިންވަނަ ހޯދި ޒުވާން ކުޅުންތެރިޔާ ނިބާލް އަހްމަދުއާ ވާދަކޮށެވެ. ރޭގެ ފައިނަލުގެ ސެޓުތައް އަޖުފާން ވަނީ ފަސޭހަކަމާ އެކު 21-12، 21-04 އިން ގެންގޮސްފަ އެވެ.

މިއީ އަޖުފާން މި މުބާރާތުގެ ތަށި އުފުލާލި އަށް ވަނަ ފަހަަރެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕުގައި އޭނާ ވަނީ ޒަޔާން ޒަކީ އަތުން ބަލިވެފަ އެވެ. ނަމަވެސް މިފަހަރު އަޖުފާން ފައިނަލަށް ދަތުރު ކުރީ ޒަޔާން ބަލިކުރުމަށް ފަހު އެވެ.

ގައުމީ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރޭ މުހައްމަދު އަޖުފާން ރަޝީދު ވަނީ ހޯދަާފަައި-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާހާ ހޯދި އިރު ފައިނަލުގައި އޭނާއާ ވާދަ ކުރަން ހަމަޖެހުނު އައިމިނަތު ޝަހުރުނާޒްގެ ފަޔަށް މުބާރާތުގެ މެޗެއްގެ ތެރެއިން އަނިޔާވެފައި ވުމުން، ފައިނަލް މެޗު ނުކުޅެ އެވެ.

ޝަހުރުނާޒްގެ އަނިޔާގެ ސަބަބުން އޭނާ ކުޅެން އޮތް އަންހެން ޑަބަލްސް ފައިނަލް ވެސް ވަނީ ނަބާހާ އާއި އައިމިނަތު ނަބާހާގެ ޕެއާއަށް ލިބިފަ އެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން މި އަހަރު ހޯދީ އަހުމަދު ތޯއިފް އާއި ނަބީހާގެ ޕެއާ އިންނެވެ. އެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޒަޔާން އާއި ނަބާހާ ބަލިކުރުމަށް ފަހު އެވެ. މެޗުގެ ސެޓުތައް ދިޔައީ 22-20، 21-17 އިންނެވެ.

ފިރިހެން ޑަބަލްސް ތަށި ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއުގެ ޕެއާ ވަނީ ދިފާއުކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ޝާމިއު އާއި އަފްޝީންގެ ޕެއާ ވަނީ ނަޝްފާން މުހައްމަދު އާއި ނަޝީއު ޝަރަފުއްދީން އާއި ވާދަކޮށް 21-19، 14-21، 19-21 އިން ސެޓުތައް ގެންގޮސްފަ އެވެ.

މި ފަހަރުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހުރިހާ މެޗަކުން މޮޅުވި ސީއެސް ސްޕޯޓްސް އެވެ. ސީއެސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައިގެންނެވެ.

comment ކޮމެންޓް