އަދުރޭގެ ޅެންވެރިކަމުގެ ޖާދުވީ ދުނިޔެ އިން: ގުޅުވައިފިޔޭ، ނިންމައިފިޔޭ!

ބުރިޖުގައި އިއްޔެ ބޭއްވި ހަރަކާތުގައި އެތައް ހާސް ބަޔަކު ވަނީ ބްރިޖު ހުރަސްކޮށްފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގުޅުވައިފިޔޭ، ނިންމައިފިޔޭ، ހުޅުވާ ލޮލަށް ދައްކައިފިޔޭ!
ހުޅުމާލެއާ އެކު ހުޅުލެޔާ އަދި މާލެއާ ގުޅުވާދީފިޔޭ!

ތާރީހީ ބުރިޖު ހުޅުވާތަން ބަލަން ކެތް މަދުވެފައި ތިބި އެންމެންގެ ޝުއޫރަކީ ވެސް މިއެވެ. އެއީ ދިވެހި ތާރީހުގައި ވެސް ވަރަށް ޚާއްސަ މުނާސަބަތެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު މަސައްކަތް ފެށި ބުރިޖު މާލެއާ ހުޅުލެ ގުޅުވާލިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަފާތެވެ. އެއީ ބުރިޖު ރަސްމީކޮށް ހުޅުވި ކުލަގަދަ ރަސްމިއްޔާތު، ދިވެހިންނާ ބައްދަލުކުރި ތާރީހީ ރެއެވެ.

ބުރިޖު ހުޅުވި ރެއަކީ، ރައްޔިތުންގެ މަޖިލީހުގައި އެންމެ ފޯރީގައި ވާހަކަ ދައްކަވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށްވެސް ވަރަށް ހާއްސަ ރެއެކެވެ. އަދުރޭ ނިސްބަތްވާ ޕީޕީއެމްގެ ސަރުކާރުގެ އެންމެ މުހިންމު އުމްރާނީ ތަރައްގީގެ ފޮނިމީރުކަން އެ ރޭ ފެނިގެން ދިޔައީ އަދުރޭ ޅެންވެރިކަމުގެ ދާނުން ބަންޑުންކޮށްލި ޝުއޫރު ތަކާއި އެކުގަ އެވެ. އެގޮތުން، މަތީގައި އެ ވަނީ އަދުރޭގެ ޅެންވެރިކަމުގެ ޖާދޫގެ ދުނިޔެ އިން ތިލަކޮށްލި ކަޑިއެކެވެ.

ސިނަމާލެ ބުރިޖު އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުރޭގެ ޅެންވެރިކަމުގެ ހުނަރު ވުޖޫދުވީ ބުރިޖާ އެކުގައި ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް، އެހެން ހީވެފައިވާނަމަ އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އޭނާ ގެންދަވަނީ، 80 ގެ އަހަރުތަކުން ފެށިގެން ލަވަ ހައްދަވަމުންނެވެ. ގައުމީ އެކި މުނާސަބަތުތަކާ ގުޅިގެން ލަވަތައް ހައްދަވާފައިވާ އަދުރޭގެ ޅެންތަކުގެ އަދަދު 600 އަށް އަރަ އެވެ. އޭނާ ވަނީ އެ ޅެންތައް، ޅެން ފޮތެއްގެ ސިފައިގައި ނެރުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، ސުނާމީގެ ކާރިސާ ވެގެން ދިޔައީ އެކަމަށް އެޅުނު އެންމެ ބޮޑު ހުރަހަށެވެ. އަދުރޭ ވިދާޅުވީ، އެެ ކާރިސާގައި އޭނާގެ ޅެން ފޮތް ވެސް ރާޅުގެ ޝިކާރައަކަށްވެ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެންމެންވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. ބުރިޖު ހުޅުވުމަށް ހެދި ޅެމާއެކު އަދުރޭ މިވަނީ ދިވެހިން ހިތްތަކާ ބުރިޖަކުން ގުޅާލައިފަ އެވެ. އަދުރޭގެ އެެ ޅެމަށް މިއުޒިކު ތައްޔާރުކޮށް، އެރޭ ހުށަހަޅައިދިން ލަވަ ކިތަންމެ ހާވެސް ރީއްޗެވެ.

ސިނަމާލެ ބުރިޖު އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުރޭ ލަވަ ހެއްދެވީ ބުރިޖު ހުޅުވުމުގެ ރަސްމިއްޔަތަކަށް އެކަންޏެއް ނޫނެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބުރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވިި ރަސްމިއްޔާތުގައި ވެސް އަދުރޭގެ ލަަވައެއް އަޑު އިވިގެން ދިޔަ އެވެ.

"ބުރިޖުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ލަވަ ހެއްދެވީމާ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެއްޖެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހަޅާދޭ ލަވަ ވެސް ހަދަންވާނީ އަޅުގަނޑޭ. އެއީ އެ ލަަވަ ހަދަން މެދުވެރިވީ ގޮތަކީ،" އަދުރޭ ވިދާޅުވި އެވެ.

ބުރިޖުގެ ރަސްމިއްޔާތަށް އަދުރޭ ހެއްދެވި ޅެމުން އެންމެ ބޮޑަށް ފާހަނގަވީ އެޅެމުގެ "ސިމްޕަލް" ކަމެވެ. އެ ޅެމުގެ ތިލަކަމުން ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ނަމަވެސް އަދުރޭގެ ހިޔާލު އެކަމުގައި ތަފާތެވެ. މައިގަނޑު އެއް ކަޑިއާއެކު އެ ޅެމުގައި އަދުރޭ ހިމަނުއްވައިފައިވަނީ މުޅިއަކު ތިން ކަޑި އެވެ.

"މިކަހަލަ މުނާސަބާތަކަށްް އެހާ ދިގުކޮށް ޅެން ހަދައިގެން ރަނގަޅެއް ނޫން. މީހުންނަށް ފަހުމުވާ ގޮތަށް އަދި ފަސޭހައިން ކިޔާލެވޭ ފަދަ ގޮތަކަށް އެ ޅެން އަޅުގަނޑު ހެދީ،" އަދުރޭ ވިދާޅުވި އެވެ.

ތަކުރާރުކޮށް ނޭޅޭނެޔޭ ބުނިބުނުމަކަށް ނުމެ ބައްލަވާ

ހިކުމަތުގެ ބޭނުން ހިއްޕަވާ މަދަދާ އެހީވެސް ހޯއްދަވާ!

ސިނަމާލެ ބުރިޖު ވުޖޫދަށް ގެނައުމުގެ ތަސައްވަރު ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ދުވަސް ވަރު އިދިކޮޅު އެމްޑީޕީން އެކަމަކީ ނުވާނެ ކަމެއް ކަަމަށް ބުނެ ޖޯކުޖެހި އެވެ. އެއަށްފަހު، އެމްޑީޕީ ސަރުކާރުން ވެސް ބުރިޖު އަޅަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު މި ކުރެއްވީ ރައީސް ޔާމީނެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން ވެސް އިދިކޮޅުން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އެކަން ހަގީގަތަކަށް ނުވާނެ ކަމަށް އިދިކޮޅުން ބުނަމުން ދިޔަ އެވެ. އަދި ބުރިޖުގެ ބިޔަ ތަނބުތައް ފުން ކަނޑުން މައްޗަށް ހިއްލިގެން ދިއުމަކީ އޭރު ހަމަ ހިޔާލީ ހުވެފެނެކެވެ.

"އަޅުގަނޑު ޅެން ހެދިއިރު ހަމަ ވަރަށް ބޮޑަށް ބޭނުންވި ބުރިޖު ނޭޅޭނެކަމަށް ބުނި މީހުންނަށް އެކަން ހާމަކޮށް ދޭން. އެއީ އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެކަމެއް ކަން. އެކަން އޮއޮތީ ކޮށްފައި. މިހާރު އެ ބުރިޖުު އެ އޮތީ ފެންނަން. މިއީ ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ވަރަށް ފުރިހަމަ ބިނާއެއް،" އަދުރޭ ވިދާޅުވި އެވެ.

ސިނަމާލެ ބުރިޖު މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އެ ޅެން ހެދުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ. ބުރިޖު ހުޅުވުމުގެެ އެ މުނާސަބަތަކީ ތާރީހީ މުޅިން އާ ބާބެއްގެ ފެށުމެވެ. އަދުރޭގެެ އެޅެމާއެކު އޭނާވެސް މިހާރު މިވަނީ ތާރިހުގެ ތެރޭގައި ލިޔެވިފަ އެވެ.

"އަޅުގަނޑަށް ވުރެ ވެސް މާ ކުޅަދާނަ ޅެންވެރިން ރާއްޖޭގައި އެބަ ތިބި ދެއްތޯ. އެހެންނަމަ ވެސް އެ ފުރުސަތު އަޅުގަނޑަށް ލިބުުނުކަމީ ވަރަށް ބޮޑު ޝަރަފެއް. ދެން އަންނަން އޮތް ޖީލުތަކުން މި ރަސްމިއްޔާތު ބަލާލާއިރު ވެސް ފެންނާނެ ދެއްތޯ އަޅުގަނޑު ހެދި ޅެން. ލަވައެއް ހަދައިގެން އެ ރަސްމިއްޔާތުގައި ހުށަހަޅާދީގެން ލިބޭނެ ހުރިހާ އުފަލެއް އަޅުގަނޑަށް ލިބުނު. ވަރަށް ގިނަ ބަޔަކު އަޅުގަނޑަށް މެސަޖުކޮށް ގުޅައި އެ ޅެން ރީތިވެން މަރުހަބާކި،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ރައީސް ޔާމީނާއި އެކު-- ފޮޓޯ/ ރައީސް އޮފީސް

މާލެއާ ހުޅުލެއާ ދެމެދު އެޅިގެން ދިޔަ ސިނަމާލެ ބްރިޖުގެ ސަބަބުން ގުޅިގެން ދިޔައީ ދެ ރަށް އެކަންޏެއް ނޫނެވެ. ބްރިޖުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ރައްޔިތުންގެ ހިތްތައް ވެސް ވަނީ ގުޅިލާމެހިގެން ގޮސްފަ އެވެ. މިއީ، ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގްގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވި ވަން ޝިއާއޮ ޓާއޯ ބަންޑުންކޮށްލެއްވި ޝުއޫރުތައް ވެސް މެއެވެ.

ބުރިޖަކީ ދިވެހިންގެ ފަހުރެކެވެ. ބުރިޖު އެޅުމަށް ސަރުކާރުން ކުރި ހިންމަތާ މިންނަތަށް ތައުރީފުނޫން އެހެން އެއްޗެއް ހައްގު ނުވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަން ތާރީހުގައި ދިވެހިން ބަބުޅުވައި ދޭނީ ފަހުރުވެރި ކަމާއެކީ އެވެ.

އެކުވެރި ދިވެހި ޗައިނާ ގުޅުން ބުރިޖުން ގުޅާލާ ދައްކަވާ

އެކުވެރިކަމުގެ ރަމްޒުން މިތަން ހުޅުދާންވެގެން ބަބުޅައިފިޔޭ!

ތާރީހުއާ ގައުމުގެ ރައީސް ޔާމީން ނަންފުޅުން ރަތުރަނުން

ޖާރީވެށިން ޝީޖީޕިންގެ ނަން ފުޅުން ފަނޑުނުވާނޭ އަކުރަކުން!

މާރީތިކޮށް ފަހުރާ އެކީ ބިންވަޅުނަގާ ދިވެހިންގެ އަތުން

ތައުރީފު ހުސް ނުވާނެ ހެން އަބަދަށްޓަކައި ލިޔެލައިފިޔޭ!

comment ކޮމެންޓް