ބްރިޖުގައި ބޮޑު ބައިސްކަލު ބުރެއް ބާއްވަނީ

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ހައުސިން މިނިސްޓްރީއާއި ބައިކް މޯލްޑިވްސް ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ސިނަމާލޭ ބްރިޖުގައި ހާއްސަ ބައިސްކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓު ކުރުމުގެ މަގުސަދުގައި ބާއްވާ އެ ބައިސްކަލު ބުރު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 6:00 އިން 9:00 އަށެވެ.

ބައިކް މޯލްޑިވްސްގެ ސީއީއޯ އަހުމަދު ހަސަން ދީދީ "ސަން" އަށް ވިދާޅުވީ އެ ދުވަހުގެ އެ ވަގުތުގައި ބްރިޖު މަތީގައި ހަމައެކަނި ދުއްވާނީ ބައިސްކަލު ކަމަށެވެ. އަދި ބުރުުގެ ހުރިހާ ބައިވެރިން ފަތިހު 5:45 އަށް ބްރިޖު ސަރަހައްދަށް އެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މައިގަނޑު ގޮތެއްގައި އެ ދުވަހު އޮންނާނީ މަޑުމަޑުން ދުއްވާލުމާ، ފޮޓޯ ސެޝަންތަކާ ބްރިޖު ބަލާލުމާ އެކަހަލަ ކަންތައްތައް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބްރިޖުގައި ބާއްވާ އެ އިވެންޓުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބައިސްކަލު ގެނެވޭނެ ކަމަށާއި، ބައިސްކަލު ނެތް ފަރާތްތަކަށް، ހުޅުމާލޭގައި ހުންނަ "ސިޓީ ރައިޑް" ފިހާރައިން ބައިސްކަލު ކުއްޔަށް ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޓީ ރައިޑުއިން 50 ރުފިޔާއަށް ތިން ގަޑިއިރަށް ބައިސިކަލު ކުއްޔަށް ނެގޭނެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ބައިސިކަލު ބުރު ބާއްވަން ހަމަޖެހިފައިވާ އިރު، ބްރިޖު ހުޅުވަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ސަރުކާރުގެ ހަރަދުގައި ބްރިޖު މަތީގައި އަލަތު ކައިވެނިކުރުމުގެ ހަރަކާތްތައް މި މަހުގެ 31 ގައި ކުރިއަށްދާނެ ކަމަށް ހައުސިންގް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް